Roadha Mihaaru
މާލެ-ހުޅުމާލެ ބަހުގައި ގައިދުރުކަމެއް ނެތް!

މާލެ-ހުޅުމާލެ ބަހުގައި ގައިދުރުކަމެއް ނެތް!

23 ސެޕްޓެމްބަރ 2020

މާލެ އާއި ހުޅުމާލެއާ ދެމެދު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދުއްވާ ބަސްތަކުގައި ގައިދުރުކަން ނުބަހައްޓާ ކަމުގެ ޝަކުވާ ބަހުގައި ދަތުރުކުރާ އާންމުން ކުރަން ފަށައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

މާލެ އާއި ހުޅުމާލެއާ ދެމެދު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދުއްވާ ބަސްތަކުގައި ގައިދުރުކަން ނުބަހައްޓާ ކަމުގެ ޝަކުވާ ބަހުގައި ދަތުރުކުރާ އާންމުން ކުރަން ފަށައިފި އެވެ.

އާންމު ގޮތެއްގައި މާލެ އާއި ހުޅުމާލެއާ ދެމެދު ދެ ބުރި ބަސް ދަތުރުކުރި ނަމަވެސް މި ފަހުން ހުޅުވާލި ދެވަނަ ރޫޓް ކަމަށް ވާ ކާނިވާ ސަރަހައްދުން ހުޅުމާލެއަށް ދަތުރުކުރަން ބޭނުންކުރަނީ އާދައިގެ ބަސްތަކެވެ.

މިހާރު އާ ވާހަކަ ދެއްކި މީހަކު ކިޔާދިން ގޮތުގައި މި މައްސަލަ އާންމުކޮށް ދިމާވަނީ ކާނިވާ ސަރަހައްދުން ދަތުރުކުރާ ކުޑަ ބަހުގަ އެވެ.

"ދާން ޖެހޭ ތަނުގެ ގޮތުން މި ބަހަށް މި އަރަނީ. މީގަ ޖާގަ އޮއްވާ އައިސް ކައިރީގައި އިށީނަސް [ދުއްވަ ތިބޭ މީހުން] ނުބުނޭ އެއްޗެކޭ. ދެން ކޮންމެ ކޮންމެ މީހަކަށް ނުކެރޭނެ ދޯ ނީށީންނާށޭ ބުނާކަށް ވެސް،" އާންމުކޮށް ހުޅުމާލެ އާއި މާލެއާ ދެމެދު ބަހުގައި ދަތުރުކުރާ އަންހެނަކު، ނަން ނުޖަހަން އެދެމުން، ބުންޏެވެ.

"ހަމަ ސްޓިކާއެއް [ގައިދުރުކަން ބަހައްޓަން ޖެހޭކަން އަންގައިދޭ] ޖަހާލިޔަސް އެކަމެއް ނުވާނެ."

މި މައްސަލައިގެ ޝަކުވާ ކުރި އެހެން މީހަކު ބުނި ގޮތުގައި ޖާގަ ނެތް ވަރަށް ބަހަށް މީހުން ވެސް އަރުވަ އެވެ. އެ ބަސް ދެ ތަނަކަށް ހުއްޓާއިރު ދެ ތަނުން ވެސް ބަސް ފުރެންދެން މީހުން އަރުވާ ކަމަށް އޭނާ ބުންޏެވެ.

"މީގެ ކުރިން ވެސް ފުރުނީމަ ބުނޭ ފުރިފައޭ، ނޭރޭނެއޭ. ދެން މިހާރު ވަކި އުސޫލެއް [އެޗުޕީއޭގެ] އޮވާ އެހެން ނުވާންވީ ކީއްވެ؟" އޭނާ ސުވާލުކުރި އެވެ.

އެމްޕީއެލްގެ ބަހެއްގައި ގައިދުރުކަމެއް ނެތި މީހުން އިށީދެގެން

އެމްޕީއެލްގެ ބަހެއްގައި ގައިދުރުކަމެއް ނެތި މީހުން އިށީދެގެން

އެކަމަކު އެމްޕީއެލުން ބުނީ ބަސް ދަތުރުތައް ކުރިއަށް ގެންދެވޭތޯ ބަލަނީ ވީހާވެސް ގަވާއިދާ އެއްގޮތަށް ކަމަށެވެ. ނަމަވެސް އެކަމުގައި ދިމާވާ ދަތިތަކެއް އެބަހުރި ކަމަށް އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވި އެވެ. އެހެންކަމުން ބަސް ތެރޭގައި ގައިދުރުކަން ބަހައްޓަން، ބަހަށް އަރާ މީހުން ވެސް، ސަމާލުކަން ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ކޮންމެ ބޭފުޅަކު ވެސް ގަޑިއަކަށް ތާކަށް ދާން އަންނާނީ. ދެން އަޅުގަނޑުމެން ނޭރޭނެއޭ ކިޔާފައި ނޭރުވީމަ ދެން ނުކުންނާނީ އެހެން މައްސަލައެއް،" އޮފިޝަލް ވިދާޅުވި އެވެ.

"ތިބޭފުޅުން ވެސް ވިސްނާ ބަސް އެކި ތަންތަނަށް ހުއްޓާ އިރު ޖާގަ ނެތޭ ކިޔާފައި ނާރުވައެއް ނުބެހެއްޓޭނެ. އަޅުގަނޑުމެންނަކަށް ނޭނގޭނެ ކާކު ފައިބާނީ ކޮން ތާކަށް ކަމެއް."

އެމްޕީއެލުން ބުނީ މިކަމުގައި ފަރުދީ ޒިންމާ އަދާކުރުން ވެސް މުހިންމު ކަމަށެވެ. ބައެއް ފަހަރު ބަހުގައި އާންމުން ވެސް އުސޫލާ އެއްގޮތަށް އަމަލު ނުކުރާ ކަމަށް، އެ ކުންފުނިން ތުހުމަތުކުރެ އެވެ. އެގޮތުން ރަނގަޅަށް އިރުޝާދު ދިނީމާ ވެސް ހިންހަމަނުޖެހުން ފާޅުކުރާ ކަމަށް، އޮފިޝަލް ވިދާޅުވި އެވެ.

އެމްޕީއެލުން އެހެން ބުނި ނަމަވެސް މާލެ ސަރަހައްދުގެ ލޮކްޑައުން އަށް ދިން ލުޔާ އެކު ހުޅުވާލި އިރު އާންމު ދަތުރުފަތުރުގައި ބޭނުންކުރާ ބަހާއި ފެރީތަކަށް އަރުވާ މީހުންގެ އަދަދު މަދުކޮށް ކޮންމެ ދެ މީހެއްގެ ދެމެދު ހުސް ގޮނޑިއެއް ދޫކުރަން އެޗްޕީއޭގެ އުސޫލުތަކުގައިވެ އެވެ.