Roadha Mihaaru
ބަހައްޓަނީ އެ މަރުކަޒަކަށް ވޯޓު ލާ މީހުންގެ ލިސްޓް

މަރުކަޒުތަކުގައި ބަހައްޓަނީ އެ ތަނަކަށް ވޯޓު ލާ މީހުންގެ ލިސްޓް: އީސީ

29 އޯގަސްޓް 2018

ވޯޓު ލާ މަރުކަޒުތަކުގައި ބަހައްޓަނީ ހަމައެކަނި އެ ތަނުގެ ފޮއްޓަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވޯޓު ލާ މަރުކަޒުތަކުގައި ބަހައްޓަނީ ހަމައެކަނި އެ ތަނުގެ ފޮއްޓަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

މަރުކަޒުތަކުގައި ބަހައްޓަނީ ވޯޓު ލާ ހުރިހާ އެންމެންގެ ލިސްޓް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފައިވަނިކޮށް، އެކަން ދޮގުކޮށް އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ވޯޓު ލާ ތަންތަނުގައި ބަހައްޓާނީ ހަމައެކަނި އެ މަރުކަޒަކަށް ވޯޓު ލާ މީހުންގެ ފުރިހަމަ ލިސްޓެއް ކަމަށެވެ. އެކަން އިންތިޚާބާ ބެހޭ ގައުމީ ލަފާ ދޭ ކޮމެޓީއާ ވެސް ހިއްސާކޮށްފައިވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ

އަންނަ މަހުގެ 23ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުން ވާދަކުރައްވާ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭނާ ވަނީ ވޯޓު ލާ މަރުކަޒުތަކުގައި ބަހައްޓާ ވޯޓާސް ލިސްޓާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

މާރިޔާ ވިދާޅުވީ ވޯޓު ލާ މަރުކަޒުތަކުގައި ބަހައްޓަނީ އީސީން އެންމެ ފުރަތަމަ އާއްމުކުރި ލިސްޓް ކަމަށެވެ. ފުރިހަމަ ލިސްޓަކަށް ނުވުމުން އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި ވެސް، މީގެ ކުރިން ބޭއްވި އިންތިޚާބުތަކާ ހިލާފަށް އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އެހެންވެ ރައްޔިތުންގެ ހިތްތަކުގައި، އިންތިޚާބާ ގުޅޭގޮތުން ޝައްކު އުފެދުމަށްޓަކައި ވާހަކަ ނުދެއްކުމަށް އޭނާ ވަނީ އިލްތިމާސްކުރައްވައިފަ އެވެ.

"އެކަމަކީ ގައުމީ ލަފާދޭ ކޮމެޓީ އަށް ވެސް ހިއްސާކޮށްފައިވާ ކަމެއް. އެކަމުގެ މައުލޫމާތު ދީފައި އޮއްވައި ރައްޔިތުންގެ ހިތްތަކުގައި [އިންތިޚާބާ ގުޅޭގޮތުން] ޝައްކު އުފެއްދުމަށްޓަކައި އެކަހަަލަ ވާހަކަ ނުދެއްކުމަށް އިލްތިމާސްކުރަން. ހިތާމަކުރަން އެކަހަލަ ވާހަކަތައް ދައްކަމުން ދާތީ،" އަކްރަމް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް އާއްމުކުރާނީ، އެ ލިސްޓަށް ހުށަހަޅާ ޝަކުވާތަކާއި ސައްހަކަން ކަށަވަރުނުވެގެން ބާތިލްކުރި 5626 މީހުން ހުށަހަޅާ ރީ-ރަޖިސްޓްރޭޝަން ފޯމުތަކަށް ފަހުގަ އެވެ. ޝަކުވާ އާއި ބާތިލްކުރި މީހުން ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދު ހަވީރު ހަމަވާނެ އެވެ.

އަންނަ މަހު ބާއްވާ އިންތިޚާބުގައި 267،761 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ. އެގޮތުން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލުމަށް 78،964 މީހަކު ވަނީ ރަޖިސްޓްރީކޮށްފަ އެވެ.