Roadha Mihaaru
ފޭރުނު މައްސަލައިގައި އެންސިސްގެ ދެ މުވައްޒަފަކު ވެސް!

2.7 މިލިޔަން ރުފިޔާ ފޭރުނު މައްސަލައިގައި އެންސިސްގެ ދެ މުވައްޒަފަކު ވެސް ހައްޔަރުކުރި

06 އޯގަސްޓް 2018

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސް އެކްސްޕޯޓް ކުރާ އެންސިސް ފިޝަރީޒްގެ 2.7 މިލިޔަން ރުފިޔާ، ހުޅުމާލެއިން ފޭރިގަތް މައްސަލައިގައި ހައްޔަރުކުރި ހަ މީހުންގެ ތެރޭގައި އެ ކުންފުނީގެ ދެ މުވައްޒަފަކު ވެސް ހިމެނޭ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސް އެކްސްޕޯޓް ކުރާ އެންސިސް ފިޝަރީޒްގެ 2.7 މިލިޔަން ރުފިޔާ، ހުޅުމާލެއިން ފޭރިގަތް މައްސަލައިގައި ހައްޔަރުކުރި ހަ މީހުންގެ ތެރޭގައި އެ ކުންފުނީގެ ދެ މުވައްޒަފަކު ވެސް ހިމެނޭ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެންސިސްގެ އެ ފައިސާތައް ފޭރުނު މައްސަލައިގައި ހައްޔަރުކުރީ ދިވެއްސަކާއި ބިދޭސީއެކެވެ. އޭގެ ތެރެއިން އެކަކު މަސައްކަތް ކުރަނީ އެންސިސްގެ ސެކިއުރިޓީއެއްގެ ގޮތުގަ އެވެ.

އެކަމަކު އެ ފޭރުމާ އެ މީހުންނާ ހުރީ ކިހާ ވަރެއްގެ ގުޅުމެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

މި މައްސަލައިގައި ދެން ހައްޔަރުކުރީ ފައިސާތައް ފޭރުނު ކަމަށް ތުހުމަތުކުރެވޭ މީހުންނެވެ. މި މީހުން ބޭނުންކުރި ދެ ސައިކަލެއް ވެސް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ފުލުހުން ބުނި ގޮތުގައި މި އެންމެން ވެސް ހައްޔަރުކުރީ، އެ ފޭރުން ހިންގި ދުވަސް ކަމަށް ވާ މިދިޔަ އަންގާރަ ދުވަހު އެވެ. އެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.

ފޭރުނު 2.7 މިލިއަން ރުފިޔާ މިހާތަނަށް ހޯދިފައެއް ނުވެ އެވެ.

އެ ފައިސާތައް ފޭރިގަތީ ހުޅުމާލޭ ސެންޓްރޯ މޯލްގައި ހުންނަ މޮރިޝަސް ބޭންކްގެ ބްރާންޗުން ފައިސާ ނަގައިގެން، އެންސިސްގެ މުވައްޒަފުން ވެހިކަލަށް އަަރަން އުޅެނިކޮށް ސައިކަލެއްގައި ދިޔ ބައެކެވެ. ފައިސާތައް ފޭރިގަތުމަށް އައި މީހުން ތިބީ، މޫނު ނިވާނުކޮށް ކަމުން، އެ ސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާތަކަށް އެ މީހުން އަރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

މިއީ ހުޅުމާލޭގައި މިހާ ބޮޑު އަދަދެއްގެ ފައިސާ ފޭރިގެން ފުރަތަމަ ފަހަރެވެ. އަދި ފިހާރަތަކާއި ސައިހޮޓާތައް ވެސް ހުންނަ، އާއްމުން ގިނަ ސަރަހައްދަކުން، ދުވާލު ގަޑީގައި އެފަދަ އަމަލެއް ހިންގުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފަ އެވެ.