Roadha Mihaaru
ސިޔާމް، އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގަންނަވަނީ؟!

ސިޔާމް، ރައީސް ޔާމީން ދޫކުރައްވައި އިދިކޮޅާ ގުޅިވަޑައިގަންނަވަނީ؟!

06 އޯގަސްޓް 2018

މި ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ލީޑަރު، ރައީސް އަބްދުﷲ ޔާމީނާ ފެއަށް ޖެހިވަޑައިގެން އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑު ގަދަވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ލީޑަރު، ރައީސް އަބްދުﷲ ޔާމީނާ ފެއަށް ޖެހިވަޑައިގެން އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑު ގަދަވެއްޖެ އެވެ.

މި ތުހުމަތުތައް ކުރަން ފެށީ، އަންނަ މަހު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބަށް ޕީޕީއެމުން މާލެ އާއި އަތޮޅުތަކުގައި މިހާރު ފަށާފައިވާ ކެމްޕޭނުން ވެސް ސިޔާމް ނުފެންނާތީ އެވެ. އެއާ އެކު، މި ސަރުކާރާ އެކު ހަދާފައިވާ ކޯލިޝަން އެއްބަސްވުން، ދެ ވަނަ ދައުރަކަށް ރައީސް ޔާމީން ކުރިމަތިލައްވާއިރު ވެސް އެމްޑީއޭ އިން އާނުކޮށް އޮތުމަކީ ވެސް އެ އަޑު ފެތުރުނު އެއް ސަބަބެވެ.

މިކަމާ ގުޅޭ ގޮތުން ސިޔާމަށް "މިހާރު" އިން ގުޅުމުން، "ބައްދަލުވުންތަކެއްގައި ބިޒީ ކަމަށް" ވިދާޅުވެ ވާހަކައެއް ނުދެއްކެވި އެވެ.

ސިޔާމް އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގަންނަވަން އުޅޭ ކަމަށް ތުހުމަތުކޮށް މީހަކު ކޮށްފައިވާ ޓުވީޓެއް.

ޕީޕީއެމުން މިދިޔަ ހަފުތާގައި ބުނެފައިވާ ގޮތުގައި، އެމްޑީއޭއާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި އަހަރުގެ ނިޔަލަށެވެ. އެހެންކަމުން، އެއްބަސްވުން އާނުކޮށްގެން ސުވާލު އުފައްދަންވީ ސަބަބެއް ނެތް ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން ލިޔެފައިވާ ގޮތުގައި، އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ރައީސް ޔާމީނާއި ސިޔާމްއާ ދެމެދު ޚިޔާލުތަފާތުވުންތަކެއް އުފެދި، ދެ ވަނަ ދައުރަކަށް ރައީސް ޔާމީނަށް ތާއީދު ނުކުރައްވަން ސިޔާމް ވަނީ ނިންމަވައިފަ އެވެ. އަދި ވަރަށް އަވަހަށް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަންނަވާނެ ކަމަށް ވެސް އެއް ބަޔަކު އަންނަނީ ބުނަމުންނެވެ.

ސިޔާމް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމަށް ތުހުމަތުކޮށް މީހަކު ކޮށްފައިވާ ޓުވީޓެއް.

ސިޔާމްގެ ވިޔަފާރީގެ މަސްލަހަތުތަކަކާ ގުޅުން ހުރި ބައެއް ކަންކަމުގައި އުފެދުނު ހިތްހަމަނުޖެހުން ބޮޑުވީ، އިދިކޮޅުގެ އެއްބަޔަކު ދެކޭ ގޮތުގައި، ރައީސް ޔާމީންގެ ރަނިންމޭޓަކަށް ސިޔާމް ހަމަނުޖެއްސެވުމުންނެވެ. ރައީސް ޔާމީން، ރަނިންމޭޓަކަށް އިޚްތިޔާރުކުރެއްވީ، ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވަސިޓީގެ މިހާރުގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ކެމްޕޭން ދަތުރެއްގައި ކަމަށް ވިދާޅުވެ، އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިދިޔަ ހަފުތާގައި ސިންގަޕޫރަށް ވަޑައިގަތީ، ސިޔާމްއާ ބައްދަލުކުރައްވަން ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.

މި ތުހުމަތަށް އިދިކޮޅު ފަރާތްތަކަށް އިތުރު ބާރެއް ލިބުނީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ރޭ ކުރެއްވި ޓުވީޓުންނެވެ.

އެ ޓުވީޓުގައި އޭނާ ވިދާޅުވީ ސަރުކާރުގެ އިސް ވެރިންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ފާސްކުރި ލިސްޓުގައި ވިޔަފާރިވެރިން ހިމެނޭ ކަމުގެ ބިރުދައްކައި ފައިސާ ހޯދަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު، އެ ލިސްޓުގައި އެއްވެސް މީހެއްގެ ނަން ނެތް ކަން ފާހަގަކުރައްވައި، އެއްވެސް ރައްޔިތަކާ ދޭތެރޭގައި ފިޔަވަޅު އެޅިޔަ ނުދޭން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ޝައިނީ ވިދާޅުވި އެވެ.

ބިރުދައްކަނީ ކޮން ވިޔަފާރިވެރިންތަކަކަށް ކަމެއް ސާފުކޮށް އެ ޓުވީޓުގައި ޝައިނީ ވިދާޅުވެފައި ނުވި ނަމަވެސް އެ ވާހަކަ ރައްދު ވަނީ، އެއް ބަޔަކު ބުނާގޮތުގައި، ސިޔާމަށެވެ.

ޝައިނީގެ ޓުވީޓާ ގުޅިގެން އާދިލް ސަލީމް ރައްދު ދެއްވާފައި.

ސިޔާމް އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގަންނަވަން އުޅޭ ކަމަށް ދައްކާ ވާހަކަތަކާ ގުޅޭ ގޮތުން ޕީޕީއެމާއި އެމްޑީއޭގެ އިސް ބޭފުޅަކު ވެސް މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

އެކަމަކު އެ ދެ ޕާޓީގެ ވެސް ސަޕޯޓަރުން އަންނަނީ މި ވާހަކަތައް ދޮގުކުރަމުންނެވެ.

ސޯޝަލް މީޑީއާގައި އެ މީހުން ލިއެފައިވާ ގޮތުގައި އިދިކޮޅު ފަރާތްތަކާ ސިޔާމް ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމަށް ދައްކަނީ ހަގީގަތާ ޚިލާފު ވާހަކަތަކެކެވެ. އޭނާ ހުންނެވީ ރައީސް ޔާމީން، ދެ ވަނަ ދައުރަކަށް ހޮއްވަވައިދޭން ތައްޔާރަށް ކަމަށާއި އެކަމުގެ ހެއްކަކީ ކެމްޕޭން ދަތުރުތަކުގައި އެމްޑީއޭގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން ތާއީދު ހޯއްދެވުން ކަމަށް ވެސް ބުނެފައިވެ އެވެ.