Roadha Mihaaru
ޖަމީލް ސިޔާމަށް: ފެތެމުންދާ އޮޑިން އަވަހަށް ސަލާމަތްވޭ

ޑރ. ޖަމީލް، ސިޔާމަށް: "ފެތެމުންދާ އޮޑިން އަވަހަށް ސަލާމަތްތެރިކަން ހޯދާ"!

29 އޯގަސްޓް 2018

ރައީސް އަބްދުﷲ ޔާމީނަކީ ސިޔާސީ ގޮތުން "ފެތެމުންދާ އޮޑިއެއް" ކަމަށް ސިފަކުރައްވައި، އެ އޮޑިން އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް ސަލާމަތްކަން ހޯއްދަވައި އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އެދިވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައީސް އަބްދުﷲ ޔާމީނަކީ ސިޔާސީ ގޮތުން "ފެތެމުންދާ އޮޑިއެއް" ކަމަށް ސިފަކުރައްވައި، އެ އޮޑިން އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް ސަލާމަތްކަން ހޯއްދަވައި އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު ކުރެއްވި ޓުވީޓަކުން މިގޮތަށް މި އެދިވަޑައިގަތީ، ރައީސް ޔާމީނާއި ސިޔާމާ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާ ހެދި، ރައީސް ޔާމީންގެ ކޯލިޝަނުން ވަކިވެވަޑައިގެން އިދިކޮޅު ޕާޓީތަކާ ސިޔާމް ގުޅިވަޑައިގަންނަވާނެ ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށެވެ.

ރައީސް ޔާމީނާއި ސިޔާމަކީ ވަރަށް ގާތް ދެ އެކުވެރިންނަށް ވި ނަމަވެސް، އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ތާއީދު ކުރައްވާނީ ރައީސް ޔާމީނަށް ކަމެއް ސީދާ ވިދާޅެއް ނުވެ އެވެ. ކެމްޕޭންގެ އެއްވެސް ހަރަކާތަކުން ވެސް ސިޔާމް ނުފެންނައިރު، ޕީޕީއެމާ އެކު ހަދާފައިވާ ކޯލިޝަންގެ އެއްބަސްވުން އާ ކުރުމާ މެދު ވެސް މިހާތަނަށް ގޮތެއް ނުނިންމަ އެވެ.

މި މައްސަލަ އަށް އިޝާރާތް ކުރައްވައި ކުރެއްވި ޓުވީޓުގައި ޖަމީލް އެދިވަޑައިގަތީ، ރައީސް ޔާމީން ދޫކުރައްވައި، ރަނގަޅު މަގަށް ރުޖޫއަވެވަޑައިގެން، ވިޔަފާރި ވެސް ސަލާމަތް ކުރެއްވުމަށެވެ. އެ ފުރުސަތު އޮތް ކަން ފާހަގަކުރައްވަމުން ޖަމީލް ވިދާޅުވީ، ކުރިއަށް ރާއްޖޭގެ ރައްޔިތުންނަށް މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދައި ދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން، ޔޫރަޕިއަން ޔޫނިއަންގެ ކައުންސިލާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވެސް އޮތީ ތައްޔާރަށް ކަމަށެވެ.

ސިޔާސީ ކަންކަމާ ދުރުގައި، ސިޔާމް ހުންނެވީ އީޔޫގެ ކައުންސިލުން ފިޔަވަޅު އަޅާނެ ސަރުކާރުގެ އިސް ވެރިންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވާ ކަމަށް ތުހުމަތުކޮށްފައި ވަނިކޮށެވެ. ސަރުކާރުގެ އިސް ވެރިންނާ މެދު ފިޔަވަޅު އަޅަން ނިންމައި އޮނިގަނޑެއް އީޔޫ އިން ފާސްކޮށްފައިވީ ނަމަވެސް އޭގައި ވަކި ބައެއްގެ ނަން ހިމަނާފައެއް ނުވެ އެވެ. އެކަމަކު ރާއްޖޭގެ ހާލަތު ގޯސްވާނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާއިރު، އެއްވެސް މީހަކާ ދޭތެރޭގައި ފިޔަަވަޅު އެޅިޔަ ނުދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން އޮތީ ދީފަ އެވެ.

ޖަމީލް ކުރެއްވި ޓުވީޓް

ރައީސް ޔާމީނާއި ސިޔާމާ ދެމެދު މައްސަލަތަކެއް އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުން ދަނިކޮށް، ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެމްޑީއޭ އޮތީ ޕީޕީއެމާ އެކުގައި ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ކޯލިޝަން އެގޮތުގައި ދެމިއޮންނާނެ ކަމަށެވެ. އެކަމަކު މި ވާހަކަ އަށް ސިޔާމް، އަދި އެމްޑީއޭގެ އިސް ބޭފުޅުން ވެސް ސީދާ ޖަވާބެއް ދެއްވަން ބޭނުމެއް ނުވެ އެވެ.

އެމްޑީއޭ އާއި ޕީޕީއެމްގެ ކޯލިޝަން އެއްބަސްވުމާ މެދު ގޮތެއް ނިންމަން އިއްޔެ ކައުންސިލް ބައްދަލުވުމެއް ބޭއްވި އެވެ. އެކަމަކު، އެ ބައްދަލުވުމުގައި އެކަމާ މެދު ގޮތެއް ނުނިންމައި، ކައުންސިލުން ފާސްކުރީ ޕާޓީ ހިންގުން ނައިބު ރައީސް، އަލީ މައުރޫފްއާ ހަވާލުކުރާށެވެ.

އެހެންކަމުން، ޕީޕީއެމާއި އެމްޑީއޭގެ ގުޅުމާ ދޭތެރޭ ސުވާލު އުފައްދަން ޖާގަ ވެސް އޮތީ، އެ ބައްދަލުވުމަށް ފަހު ހުޅުވާލެވިފަ އެވެ.