Roadha Mihaaru
އޮލިމްޕިކްސްގައި ބައިވެރިވުމަކީ ފަހުރެއް: ސަޖަން

"އޮލިމްޕިކްސްގައި ބައިވެރިވުމަކީ ފަހުރެއް"

03 އޯގަސްޓް 2016

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ އޮލިމްޕިކްސްގައި ބައިވެރިވުމަކީ ކޮންމެ އެތުލީޓަކަށް ވެސް ލިބޭނެ ވަރަށް ބޮޑު ފަހުރެއް ކަމަށާއި ބޭނުންވަނީ އޮލިމްޕިކްސްގެ ތަޖުރިބާއާ އެކު ރަނގަޅު ކުރިއެރުމެއް ހޯދަން ކަމަށް ރާއްޖޭގެ އެއް ވަނަ އަންހެން ފެތުންތެރިޔާ އައިމިނަތު ސަޖަން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ އޮލިމްޕިކްސްގައި ބައިވެރިވުމަކީ ކޮންމެ އެތުލީޓަކަށް ވެސް ލިބޭނެ ވަރަށް ބޮޑު ފަހުރެއް ކަމަށާއި ބޭނުންވަނީ އޮލިމްޕިކްސްގެ ތަޖުރިބާއާ އެކު ރަނގަޅު ކުރިއެރުމެއް ހޯދަން ކަމަށް ރާއްޖޭގެ އެއް ވަނަ އަންހެން ފެތުންތެރިޔާ އައިމިނަތު ސަޖަން ބުނެފި އެވެ.

އަންނަ ހުކުރު ދުވަހު ބްރެޒިލްގެ ރިއޯ ޑިޖެނީރޯގައި ފަށާ އޮލިމްޕިކްސް އަކީ ސަޖަންގެ ބައިވެރިވާ ދެ ވަނަ އޮލިމްޕިކް ގޭމްސް އެވެ. ސަޖަން ވަނީ 2012 ވަނަ އަހަރު ލަންޑަން އޮލިމްޕިކްސްގައި ވެސް ބައިވެރިވެފަ އެވެ. އެކަމު މި ފަހަރުގެ އޮލިމްޕިކްސް ސަޖަން އަށް ހުރިހާ ގޮތަކުން ހާއްސަ އެވެ. އެއީ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް ލިބިފައިވުމުންނެވެ.

"ރާއްޖެ ފަދަ ކުޑަކުޑަ ގައުމަކުން އައިސް މި ފަދަ ބޮޑު ކުޅިވަރު ހަރަކާތެއްގައި ބައިވެރިވެވޭތީ އަބަދުވެސް އުފާކުރަން. އަދި މުބާރާތުގެ ދިދަ އުފުލުމުގެ ޝަރަފް ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ބެއިޖިން އޮލިމްޕިކްސްގައި 2008 ވަނަ އަހަރު ރާއްޖޭގެ އެންމެ ހުނަރުވެރި ފެތުންތެރިޔާ ރޫޔާ ދިދަ އުފުލި ފަހުން އަޅުގަނޑަށް މި ފުރުސަތު ލިބުމުން އެކަމާ ވެސް އުފާކުރަން،" ސަޖަން ބުންޏެވެ.

ހުޅުލޭ އައިލެންޑް ހޮޓެލް ޕޫލުގައި ސަޖަން (ފޮޓޯ) އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރްޒޫގު ބޭއްވި ފަރިތަކުރުމުގެ ތެރެއިން.-- ފޮޓޯ: އިބްރާހިމް ފާއިދު

ހުޅުލޭ އައިލެންޑް ހޮޓެލް ޕޫލުގައި ސަޖަން (ފޮޓޯ) އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރްޒޫގު ބޭއްވި ފަރިތަކުރުމުގެ ތެރެއިން.-- ފޮޓޯ: އިބްރާހިމް ފާއިދު

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ސްވިމިން އެސޯސިއޭޝަންގެ އެހީއާ އެކު ސަޖަން ރާއްޖެ އިން ބޭރުގައި ތަމްރީން ހަދަން ފެށީ 2012 ވަނަ އަހަރު އެވެ. ފާއިތުވި ތިން އަހަރުގެ ތެރޭގައި ސަޖަން ވަނީ ސްރީ ލަންކާ އާއި ތައިލެންޑުގައި ހެދި ތަމްރީންތަކާ އެކު ގިނަ ކުރިއެރުންތަކެއް ހޯދައިފަ އެވެ.

ސަޖަން އަކީ މި އަހަރު އިންޑިއާގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ 800 މީޓަރު ފްރީސްޓައިލް ފެތުމުގެ އިވެންޓުން ރާއްޖެ އަށް ލޯ މެޑަލް ހޯދައިދިން ފެތުންތެރިޔާ އެވެ. އެއާ އެކު އޭނާ ވެފައިވަނީ ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުން ރާއްޖެ އަށް މެޑަލް ހޯދައިދިން ފުރަތަމަ ފެތުންތެރިޔާ އަށެވެ. މީގެ އިތުރުން އޭނާ ވަނީ މި އަހަރު ތައިލެންޑުގައި އޮތް ސްޕީޑޯ ތައިލެންޑް އޭޖްގްރޫޕް ޗެމްޕިއަންޝިޕުން 200 މީޓަރު އިންޑިވިޖުއަލް އިވެންޓުން ލޯ މެޑަލް ހޯދައިފަ އެވެ. އޭނާ ވަނީ މި ހަތަރު އަހަރު ތެރޭ ގައުމީ 12 ރެކޯޑެއް އާކޮށް ޓީމް އިވެންޓުން ގައުމީ ތިން ރެކޯޑެއް އާކުރުމަށް އެހީވެދީފަ އެވެ.

މި ފަހަރުގެ އޮލިމްޕިކްސްގައި ސަޖަން އުއްމީދުކުރަނީ ކުރިއަށް ވުރެ އޭނާގެ ރެކޯޑްތައް ރަނގަޅުކުރުމަށެވެ.

އޮލިމްޕިކް ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލުމަށް ހަމަޖެހިފައިވާ ސަޖަން ދިދައާ އެކު. --ފޮޓޯ: ހުސެއިން ސިނާން/ އިމޭޖަސް އެމްވީ

އޮލިމްޕިކް ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލުމަށް ހަމަޖެހިފައިވާ ސަޖަން ދިދައާ އެކު. --ފޮޓޯ: ހުސެއިން ސިނާން/ އިމޭޖަސް އެމްވީ

"މި ފަހަރު އޮލިމްޕިިކްސްގައި ބޭނުމީ ކުރިއެރުން ހޯދަން. ޓާގެޓަކީ 100 މީޓަރު ފެތުމުން ގައުމީ ރެކޯޑް އާ ކުރުން. އޮލިމްޕިކްސްގައި މެޑެއްޔެއް ގެނައުމަކީ ފަސޭހަކަމެއް ނޫން. އެކަމަކު މަސައްކަތް ކުރާނަން ކޯޗުންނާއި އެހީތެރިވެދޭ ހުރިހާ ފަރާތްތަކުގެ އިތުރުން ސްވިމިން ކޮމިއުނިޓީ އާއި ރާއްޖެ ފަހުރުވެރިކޮށްދޭން،" ސަޖަން ބުންޏެވެ.

ސަޖަންގެ އިތުރުން މި ފަހަރުގެ އޮލިމްޕިކްސްގައި ވާދަކުރާނީ ފެތުންތެރިޔާ ނިޝްވާން އިބްރާހިމާއި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އަދި އަފާ އިސްމާއިލެވެ. މި ހަތަރު އެތުލީޓުން ވެސް ވާދަކުރަނީ، ކޮލިފައިނުވާ ގައުމުތަކަށް ދޭ ހާއްސަ ޖާގައިގެ ތެރެއިންނެވެ.