Roadha Mihaaru
ބޮންޑޭއަށް އަނިޔާކުރި ވީޑިއޯ މަޖިލީހުގައި ދައްކައިފި

ބޮންޑޭ އަށް ފުލުހުން އަނިޔާކުރި ވީޑިއޯ މަޖިލީހުގައި ދައްކައިފި

09 ޖޫން 2020

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމުގެ ފަހު ދުވަހު (ފެބްރުއަރީ 8، 2012)، މާލޭގައި އެމްޑީޕީން ކުރި ބޮޑު މުޒާހަރާގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އަށް ފުލުހުން އަނިޔާކުރި މަންޒަރު ދައްކައިދޭ ވީޑިއޯ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދައްކައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމުގެ ފަހު ދުވަހު (ފެބްރުއަރީ 8، 2012)، މާލޭގައި އެމްޑީޕީން ކުރި ބޮޑު މުޒާހަރާގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އަށް ފުލުހުން އަނިޔާކުރި މަންޒަރު ދައްކައިދޭ ވީޑިއޯ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދައްކައިފި އެވެ.

މީގެ ކުރިން އާންމު ވެފައިވާ އެ ވީޑިއޯ މަޖިލީހުގެ ތަޅުމުގައި ދެއްކީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް ބަހުސްގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެކަމަށް އެދިވަޑައިގަތުމުންނެވެ. މަޖިލީހުގެ ތަޅުމުގައި އެ ވީޑިއޯ ބައްލަވަން ބޭނުންވީ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ވިދާޅުވި ގޮތުގައި އެއީ ނުވާ ކަމަކަށް ހަދައިގެން ތިބޭތީ އެވެ.

އެގޮތަށް މަޖިލީހުގެ ތަޅުމުގައި އާންމުކޮށް ވީޑިއޯތައް ދައްކައެއް ނޫޅެ އެވެ. އީވާ އެގޮތަށް އެދިވަޑައިގަތުމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެއީ ބޭނުންތެރި ކަމެއް ކަމަށާއި އެހެން ކަމުން އެ ވީޑިއޯ މަޖިލީހުގައި އަޅުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ބަހުސްގެ މެދުތެރެއިން އެ ވީޑިއޯ ތަޅުމުގައި ދެއްކިއިރު، ވީޑިއޯއިން ފެންނަނީ މެމްބަރު ބޮންޑޭ މަގުމައްޗަށް ވައްޓާލުމަށް ފަހު، ފުލުހުންތަކެއް ކޮޅުފައިންނާއި މުގުރުންނާއި އަތުން އޭނާގެ ގައިގައި ތަޅާ މަންޒަރެވެ.

އެމްޑީޕީގެ މެމްބަރުންގެ ފާޑުވިދާޅުވުން ފުލުހުންނަށް

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލްގެ ބަހުސްގައި އީވާ ވިދާޅުވީ، އެމެރިކާގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް، އެ ގައުމުގެ ފުލުހުންގެ އަނިޔާގައި މަރުވުމުގެ ހިތާމަ އެމެރިކާގެ ރައްޔިތުން ބަދަލުކުރަން މަސައްކަތް ކުރަނީ ތާއަބަދަށް ދެމިއޮންނާނެ ރަނގަޅަކަށް ކަމަށެވެ. އެެހެންވެ، އެމެރިކާގައި ފުލުހުން މަރާލި މީހުންގެ ނަންތައް ހާމަކޮށްފައިވާއިރު، ރާއްޖޭގައި މިހާތަނަށް ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު މީހުން އެނގޭނެ ގޮތެއް ވެސް ނެތް ކަމަށް އީވާ ވިދާޅުވި އެވެ.

"ފެބްރުއަރީ 7، 2012، ފެބްރުއަރީ 8، 2012، ދިވެހި ރައްޔިތުންނަށް އެ ކުރި އަނިޔާ ވީޑިއޯތަކުން އަޅުގަނޑުމެންނަށް ފެނޭ. އޭގެ ފަހުން އެކަކު ވެސް ނުވަތަ އެއްވެސް ވެރިއަކު ނުކުމެ ވިދާޅުވެއްޖެތޯ ނުވަތަ ފުލުހުންގެ މުއައްސަސާ އިން ވެސް ބުނެފިތޯ ތިމަންނަމެން ގޯހުން ކުރި އަނިޔާ އެކޭ އެއީ. އަދި ވެރިކަން ބަދަލު ކުރީ ބަޢާވާތުންނޭ ބުނެލަން ނުކުރުނު ކަމަކު ތިމަންނަމެން ކުރި އަނިޔާ އެއީ ގޯހަކުންނޭ ބުނެލި ފުލުހެއް. ވެރިއެއް ނެތް،" އީވާ ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ: އޭނާ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން އިތުބާރު ނުކުރާ ކަމަށް-- ފޮޓޯ: މަޖިލިސް

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ: އޭނާ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން އިތުބާރު ނުކުރާ ކަމަށް-- ފޮޓޯ: މަޖިލިސް

އޭނާ ވިދާޅުވީ ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުމާ ދެކޮޅު ހަދާނެ އެއް ވެސް ދިވެއްސަކު ނޫޅޭނެ ކަމަށެވެ. އެމެރިކާގައި ވެސް ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުމަށް ހުރިހާ ޕާޓީއެއް ގުޅިގެން މަސައްކަތް ކުރާ ކަމަށާއި ރާއްޖޭގައި ވެސް އެކަން ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ޝޮކް ދޭ ބަޑި ފުލުހުން ބޭނުން ކުރަން ނިންމާފައިވާއިރު، އެކަމަށް ތާއީދު ކުރާ ދިވެއްސަކު ހުރި ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް އީވާ ވިދާޅުވި އެވެ. އެހެން އެވަނީ ވޭތުވެދިޔަ ތަނުގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވި ގޮތުގައި، މުޅި އެމެރިކާގައި ވެސް މިހާރު ފުލުހުންގެ ވާހަކަ ދައްކަން ޖެހިފައިވާއިރު، ދިވެހި ގިނަ ރައްޔިތުން ވެސް ދެކޭގޮތުގައި ފުލުހުންގެ މުއައްސަސާ އިސްލާހު ކުރަން ޖެހޭ ކަމަށެވެ.

"ކޮންމެ ބޮޑު ކަމެއް ވުމަށް ބޮޑު ސަބަބެއް މެދުވެރިވޭ. އެހެން ނަމަވެސް މިއީ ހިނގަހިނގާ ހުންނަ ކަންކަން. ފުލުހުންގެ ފަރާތުން މީހުންނަށް ލިބޭ އަނިޔާވެރި ކަމަކީ ހަމަ ހިނގަހިނގާ ހުންނަ ކަންކަން. ނަމަވެސް ބޮޑުކޮށް ފެންމަތިވީމާ ބޮޑުކޮށް އެކަމާ އަޅާލަން ޖެހެނީ. ބޮޑުކޮށް މީހުންގެ ސަމާލު ކަމަށް އަންނަނީ. އެހެންވީމާ އެމެރިކާގައި އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ލިބޭ އަނިޔާތައް ހުއްޓުވުމުގެ ވާހަކަތައް މާ އަޑުގަދަކޮށް ދައްކަން ފެށިފައި މި ވަނީ،" އިމްތިޔާޒް ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެންވެސް ދައްކަމުން ދިޔަ ވާހަކަ. ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީން ވަރަށް ބާރަށް ދައްކަމުން ދިޔަ ވާހަކަ. ހަގީގަތެއްގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެން ދައްކަމުން ދިޔަ ވާހަކަ."

އޭނާ ވިދާޅުވީ ފުލުހުންގެ ފަރާތުން ނާއިންސާފުން އެތައް ރައްޔިތުންނަކަށް އަނިޔާ ލިބިފައިވާއިރު އެކަމަށް އަދި ވެސް އިންސާފު ލިބިފައި ނުވާ ކަމަށެވެ. ފުލުހުންނާ މެދު އިތުބާރު ހޯދުމަށް އެކަންކަން ބަދަލުވެ އިންސާފު ލިބެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މެމްބަރު އިމްތިޔާޒް ފަހުމީ: ފުލުހުންގެ މުއައްސަސާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި-- ފޮޓޯ: މަޖިިލިސް

މެމްބަރު އިމްތިޔާޒް ފަހުމީ: ފުލުހުންގެ މުއައްސަސާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި-- ފޮޓޯ: މަޖިިލިސް

ފުލުހުންނަށް ޝޮކް ދޭ ބަޑި ދިނުމާ ގުޅޭގޮތުން އިމްތިޔާޒް މިއަދު ވެސް ވިދާޅުވީ އެއީ ވަރަށް ބިރު ގަންނަ ކަމެއް ކަމަށާއި ނުރައްކާތެރި ބައެއްގެ އަތްމައްޗަށް އެ ޒާތުގެ އެއްޗެއް ދީފި ނަމަ އޭގެ ނާޖާއިޒު ބޭނުން ކޮށްފާނެ ކަމަށެވެ.

"ޕެޕާ ސްޕްރޭ ދިނީމާ ފަހަތުން ދުވެ ދެލޯ ހޯދާފައި ޖަހައި އެބަ ހުސްކުރޭ. މިހުރީ ފެންނަން ހުރި ހަގީގަތްތައް. އަޅުގަނޑުމެންގެ ތެރެއިން މުޒާހަރާތަކަށް ނުކުމެ ތިބޭ ހިތްވަރު ގަދަ އަންހެން ކަނބަލުން އެއްވެސް ކަމަކާ ނުލައި ފަަހަތުން ދުވެ ދެލޯ ހޯދައިފައި ޕެޕާ ސްޕްރޭ ފުޅި ހުސްކޮށްލާ،" އިމްތިޔާޒް ވިދާޅުވި އެވެ.

ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވި ގޮތުގައި، ގިނަ ފުލުހުން އަނިޔާވެރިވަމުން ދަނީ ރަނގަޅު ތަމްރީނާއި ތައުލީމް ނެތުމުންނެވެ. އެހެންކަމުން ފުލުހުންގެ ބިލް ފާސް ކުރާއިރު، މަގާމުތަކުގައި ތިބޭ ފުލުހުން ވަކި ތައުލީމަކާއި ތަމްރީނެއް ލިބިފައި ހުރުން ލާޒިމް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަ މަސް ދުވަހުގެ ތަމްރީން ކޯހެއް ހަދައިފައި ނުކުމެ ރައްޔިތުންގެ ގައިގައި ތަޅަން ފެށީމަކައެއް އެއީ ހަމަޖެހޭ ކަމެއް ކަމަކަށް ގައިމު ވެސް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. ވަކި އުސޫލުތަކަކުން ވަކި ޑިޕާޓްމަންޓް ތަކުގައި ތިބެން ޖެހޭ ފުލުހުންގެ ޝަރުތުތައް މީގައި ކަނޑައެޅިގެން ބަޔާން ކުރަންޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަން،" ގާނޫނީ ވަކީލް ސިރާޖް ވިދާޅުވި އެވެ.

އެ ބަހުސްގައި ވެސް އެހެން ބައެއް މައްސަލަތަކެކޭ އެއްގޮތަށް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އާއި އެމްޑީޕީގެ އެހެން މެމްބަރުންނާ ހިޔާލު ތަފާތެވެ. ޝަރީފް ވިދާޅުވީ ވަކިވަކި މީހުންނަށް އިނގިލި ދިއްކޮށް، ޒާތީވާން ނުޖެހޭ ކަމަށާއި ފުލުހުންގެ މުއައްސަސާ ވެސް އިސްލާހު ކުރަން ޖެހޭ ނަމަ އެކަން މަޖިލީހުން ކުރަން ޖެހޭ ކަމަށެވެ.

އެ ހިސާބުން ޝަރީފްގެ ވާހަކަ ހުއްޓުވައި ނަޝީދު ވިދާޅުވީ އެއް ވެސް މެމްބަރަކު ޒާތީވާތަން ފެނިވަޑައި ނުގަންނަވާ ކަމަށެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، ގޯސްކޮށް ކަންތައްތަކެއް ކޮށްފައިވާ ބަޔަކު ފުލުހުންގެ ތެރޭގައި ވެސް އެބަތިއްބެވެ. އެހެންވެ، އެ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. ފުލުހުންނަކީ ވަރަށް މުހިންމު ހިދުމަތްތަކެއް ފޯރުކޮށްދޭ ބައެއް ކަމަށާއި ޒާތީ ކަމެއް އޮވެގެން ފުލުހުންގެ މުޅި މުއައްސަސާގެ އަގު އަބަދު ވައްޓާލަން ނުޖެހޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.