Roadha Mihaaru
ބިލެތްފަހީގައި ވެސް އެއާޕޯޓެއް އަޅަން ނިންމައިފި

ބިލެތްފަހީގައި ވެސް އެއާޕޯޓެއް އަޅަން ނިންމައިފި

02 ޖުލައި 2018

ށ. ބިލެތްފަހީގައި ވެސް އެއާޕޯޓެއް އަޅަން ސަރުކާރުން ނިންމާފައިވާ ކަމަށާއި އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ށ. ބިލެތްފަހީގައި ވެސް އެއާޕޯޓެއް އަޅަން ސަރުކާރުން ނިންމާފައިވާ ކަމަށާއި އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ބިލެތްފަހީގައި އެއާޕޯޓެއް އަޅާއިރު، އެ އަތޮޅު ފުނަދޫގައި ވެސް އެއާޕޯޓެއް އެޅުމަށް ވަނީ ބިން ހިއްކައިފަ އެވެ.

ށ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ބިލެތްފައްސަށް ވަޑައިގެން އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެ ރަށުގައި 400 މީހުން ދިރިއުޅުނަސް ބިން ހިއްކުން ފަދަ މަޝްރޫއުތަކާ އެކު ރައްޔިތުންނަށް ތަރައްގީ ބޭނުންވާ ކަމަށެވެ. ގުދުރަތީ ވަސީލަތްތަކަކީ ބިލެތްފަހީގައި ތަރައްގީ އަށް ފަހި ފުރުސަތުތަކެއް ކަމަށާއި އެ ވަސީލަތުގެ ބޭނުން ސަރުކާރުން ހިފާނެ ކަމަށް ވިދާޅުވި އެވެ.

އެ ފުރުސަތުތަކަށް ބެލި އިރު، އެ ރަށުގައި ތަނަވަސް، ތިލަ ފަޅެއް އެބައޮތް ކަމަށާއި އެ ފަޅުގައި އެއާޕޯޓެއް މި ސަރުކާރުން އަޅާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ބިލެތްފަހީގައި އެއާޕޯޓެއް އަޅަން މީގެ ދުވަސްކޮޅެއް ކުރިން ބޭރުގެ ކުންފުންޏަކުން ވަނީ، ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ނަމަވެސް އެއީ ކޮން ކުންފުންޏެއް ކަމެއް ވިދާޅެއް ނުވެ އެވެ.

އެ ކުންފުންޏާއެކު އެއާޕޯޓު އެޅުމުގެ ކަންކަން ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ ކުންފުނީގެ މީހުންނާ އެކު ޓޫރިޒަމް މިނިސްޓަރު ޒަމީރު، އަންނަ ހަފުތާގައި ބިލެތްފައްސަށް ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ބިލެތްފަހީގައި އެއާޕޯޓު އެޅި ފަޅުގެ ބޭނުން ހިފޭ ހިސާބަށް ދިއައީމަ މި ރަށަކީ މި އަތޮޅުގައި އޮތް އެންމެ ތަނަވަސް ރަށަށް ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ފުނަދު އާއި ބިލެތްފަހީގައި އަޅާ އެއާޕޯޓާ އެކު އެ ސަރަހައްދަކީ އެ އަތޮޅުގެ ޓޫރިޒަމްގެ މައި ނާރެހަށް ވެގެންދާނެ ކަމަށެވެ. އެއާއެކު ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެ، ރައްޔިތުންނަށް ނަފާ ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.