Roadha Mihaaru
ޗައިނާ އަށް ބިން މިލްކު ނުކުރެވޭނެ ކަމަށް ލަންކާ އިން ބުނެފި

ޗައިނާ އަށް ބިން މިލްކު ނުކުރެވޭނެ ކަމަށް ލަންކާ އިން ބުނެފި

05 އޯގަސްޓް 2016

ކޮލަމްބޯ (އޮގަސްޓް 5) - ސްރީ ލަންކާގެ ކޮލަމްބޯ ބަނދަރާ ޖެހިގެން ބިން ހިއްކައިގެން ހަދާ ކޮލަމްބޯ ޕޯޓް ސިޓީ ޕްރޮޖެޓުގެ ބިމުގެ ތެރޭން 20 ހެކްޓަރު ބިން ޗައިނާ އަށް މިލްކުކޮށްދެވޭ ގޮތަށް އެއްބަސްވުމުގައި އޮތް މާއްދާ އަށް ލަންކާ އިން ބަދަލު ގެނެސްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އޮގަސްޓް 5) - ސްރީ ލަންކާގެ ކޮލަމްބޯ ބަނދަރާ ޖެހިގެން ބިން ހިއްކައިގެން ހަދާ ކޮލަމްބޯ ޕޯޓް ސިޓީ ޕްރޮޖެޓުގެ ބިމުގެ ތެރޭން 20 ހެކްޓަރު ބިން ޗައިނާ އަށް މިލްކުކޮށްދެވޭ ގޮތަށް އެއްބަސްވުމުގައި އޮތް މާއްދާ އަށް ލަންކާ އިން ބަދަލު ގެނެސްފި އެވެ.

ލަންކާ އިން ބުނީ ޗައިނާ އަށް ބިން މިލްކު ކުރެވޭ ގޮތަށް އޮތުމަކީ އަވައްޓެރި އިންޑިއާގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އެހެންވެ ޗައިނާ އަށް ބިން މިލްކުކޮށް ދިނުމުގެ ބަދަލުގައި 99 އަހަރަށް ބިން ކުއްޔަށް ދޫކުރަން އާ އެއްބަސްވުމުގައި ހުށަހަޅާފައިވާ ކަމަށެވެ.

"ކޮލަމްބޯ ބަނދަރާ ޖެހިގެން ބޮޑު ބިމެއް ޗައިނާ އަށް މިލްކު ކުރެވޭ ގޮތަށް ދިނުމަކީ އިންޑިއާ އިން ރުހޭ ކަމެއް ނޫން،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ލަންކާ ސަރުކާރުގެ ތަރުޖަމާން ރަޖީތާ ސެނެރަތުނަ ވިދާޅުވި އެވެ. "އެއްބަސްވުމަށް މިހާރު ވަނީ ބަދަލު ގެނެސްފައި. ބިން މިލްކު ކުރުމުގެ ބަދަލުގައި މިހާރު އޮންނާނީ 99 އަހަރަށް ދޭ ގޮތަށް."

ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ސަރުކާރުން ކުރިއަށް ގެންދަން ނިންމި 1.5 ބިލިއަން ޑޮލަރުގެ މަޝްރޫއު ވަނީ މައިތުރިޕާލާ ސިރިސޭނާގެ ސަރުކާރުން މަޑުޖައްސާލައިފަ އެވެ. ލަންކާގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް ރާޖަޕަކްސާ ސަރުކާރުން ވަނީ ވަރަށް ބޮޑަށް ޗައިނާ އަށް ބަރޯސާވެފަ އެވެ. ރާޖަޕަކްސާގެ ވެރިކަމުގައި އެއް ގައުމަކުން އެންމެ ބޮޑަށް ލަންކާގައި އިންވެސްޓްކޮށްފައި ވަނީ ޗައިނާ އިންނެވެ. މަގުތަކާއި ހައިވޭ އާއި ރޭލްވޭ އާއި ބަނދަރާއި އެއާޕޯޓް ވެސް ވަނީ ޗައިނާ އިން ހަދައިދީފަ އެވެ.

ޗައިނާ އިން 1.5 ބިލިއަން ޑޮލަރު ޚަރަދުކޮށްގެން ހަދާ ކޮލަމްބޯ ޕޯޓް ސިޓީ ޕްރޮޖެކްޓުގެ މޮޑެލް ކުރެހުމެއް.

ޗައިނާ އިން 1.5 ބިލިއަން ޑޮލަރު ޚަރަދުކޮށްގެން ހަދާ ކޮލަމްބޯ ޕޯޓް ސިޓީ ޕްރޮޖެކްޓުގެ މޮޑެލް ކުރެހުމެއް.

ސެނެރަތުނަ ވިދާޅުވީ ޕޯޓް ސިޓީ ހަދާ ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝްން ކޮމްޕެނީ (ސީސީސީސީ) އިން ވަނީ ޕޯޓް ސިޓީގައި ހަދާ ފޯމިއުލާ ވަން ޓްރެކުގެ ބަދަލުގައި ހުސް ޖާގަ ބޮޑު ކުރަން އެއްބަސްވެފައި ކަމަށެވެ. މި މަޝްރޫއު އިފްތިތާހުކޮށް ދެއްވީ ޗައިނާގެ ރައީސް ޝީ ޖިންޕިން ސެޕްޓެމްބަރު، 2014 ގައި ލަންކާ އަށް ކުރެއްވި ޒިޔާރަތުގަ އެވެ.

އިންޑިއާ ކަނޑުގެ ގައުމުތަކުގައި ތަރައްގީގެ މަޝްރޫއުތައް ޗައިނާ އިން ހިންގަމުން ދާތީ އިންޑިއާ އިން ވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޗައިނާގެ ބޭނުމަކީ ގައުމުތައް ރުއްސައިގެން ސިލްކު ރޫޓުގައި ބައިވެރިކުރުވުން ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.

ކޮލަމްބޯ ޕޯޓް ސިޓީ ޕްރޮޖެކްޓާ ލަންކާ ސަރުކާރުން ކުރިން ދެކޮޅު ހަދަމުން ދިޔަ ނަމަވެސް ސެނެރަތުނަ ވިދާޅުވީ އެއްބަސްވުމަށް ބަދަލު ގެނެސް އެ މަަޝްރޫއު ކުރިއަށް ގެންދަން ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި ލަންކާ އިން ބޭނުން ވަނީ ދުބާއީ އާއި ސިންގަޕޫރު ފަދަ އޯފްޝޯ ބޭންކިން މަރުކަޒަކަށް ބަދަލު ކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮލަމްބޯ ޕޯޓް ސިޓީ ޕްރޮޖެކްޓަކީ ލަންކާގައި އެއް ކުންފުންޏަކުން ހިންގާ އެންމެ ބޮޑު ފޮރިން އިންވެސްޓްމަންޓެވެ. ތޮއްޖެހިފައިވާ ކޮލަމްބޯއާ ޖެހިގެން ބިން ހިއްކައިގެން ތަރައްގީ ކުރާ މި ސިޓީގެ ބޮޑު މިނަކީ 269 ހެކްޓަރު (672 އޭކަރު) އެވެ. މި މަޝްރޫއު ނިމުމުން ޗައިނާ އަށް 108 ހެކްޓަރު (266 އޭކަރު) ގެ ބިން 99 އަހަރަށް ކުއްޔަށް ދޭން ޖެހެ އެވެ. ކުރިން އޮތް ގޮތުން މީގެ ތެރޭން 20 ހެކްޓަރުގެ ބިން ޗައިނާ އަށް މިލްކުކޮށްދޭން ޖެހެ އެވެ. މި އެއްބަސްވުމުގެ ދަށުން ލަންކާ ސަރުކާރަށް ލިބެނީ 62 ހެކްޓަރު (153 އޭކަރު) ގެ ބިމެވެ. ބާކީ ބަޔަކީ ޕާކުތަކާއި މަގުތަކެވެ.