Roadha Mihaaru
ޕޯޓް ސިޓީ އަކީ ޗައިނާގެ ތަނަކަށް ނުވާނެ: ލަންކާ

ޕޯޓް ސިޓީ އަކީ ޗައިނާގެ ތަނަކަށް ނުވާނެ: ލަންކާ

17 އެޕްރީލް 2021

ކޮލަމްބޯ (އެޕްރީލް 17) - ކަނޑު ހިއްކައިގެން ހެދި ކޮލަމްބޯ ޕޯޓް ސިޓީ އަކީ ޗައިނާގެ ތަނަކަށް ނުވާނެކަމުގެ ޔަގީންކަން ސްޓޭޓް މިނިސްޓަރު އޮފް ފައިނޭންސް އަޖިތު ނިވާޑް ދެއްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އެޕްރީލް 17) - ކަނޑު ހިއްކައިގެން ހެދި ކޮލަމްބޯ ޕޯޓް ސިޓީ އަކީ ޗައިނާގެ ތަނަކަށް ނުވާނެކަމުގެ ޔަގީންކަން ސްޓޭޓް މިނިސްޓަރު އޮފް ފައިނޭންސް އަޖިތު ނިވާޑް ދެއްވައިފި އެވެ.

އޭނާ މި މޭރުމުން ވާހަކަ ދެއްކެވީ ޕޯޓް ސިޓީ އިކޮނޮމިކް ކޮމިޝަން ބިލާ މެދު ކަންބޮޑުވުން ފާޅު ކުރަމުންދާ ދުވަސްވަރެއްގަ އެވެ.

ކޮލަމްބޯގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު ވިދާޅުވީ ޕޯޓް ސިޓީ ބިލްވެގެން ދާނީ ލަންކާގެ އިގްތިސާދަށް ދިރުން ގެނުވާނެ މުހިންމު ބިލަކަށް ކަމަށެވެ. އަދި ޕޯޓް ސިޓީ އަށް އިންވެސްޓްމަންޓް ގެނައުމަށް މަގުފަހިކޮށްދޭނެ ބިލެއް ކަމަށް ވިދާޅުވި އެވެ.

"ޕޯޓް ސިޓީ އަށް ވެސް ލަންކާގެ ހުރިހާ ގާނޫނެއް ހިނގާނެ. ޕޯޓް ސިޓީގައި ހިންގާ ހުރިހާ ކަމެއް ކުރިއަށް ދާނީ ލަންކާގެ ގާނޫނުތަކާ އެއްގޮތަށް،" ނިވާޑް ވިދާޅުވި އެވެ.

ޕޯޓް ސިޓީ ބިލުގައިވާ ގޮތުން، ޓެކްސް ދައްކަން ނުޖެހޭ ގޮތަށް މުސާރަ ދިނުމާއި އޯފްޝޯ ފައިނޭންޝަލް ސެންޓަރުތައް ހެދުން އަދި ޓެކްސް މާފުކޮށްދިނުން ފަދަ އެތައް ކަމެއް ހިމެނެ އެވެ. އޭގެ ތެރޭގައި ޕޯޓް ހިންގާ އެޖެންސީން ބޭނުންވާ ނަމަ 40 އަހަރު ދުވަހަށް ޓެކްސް މާފުކޮށްދިނުމުގެ ބާރު ވެސް އޮވެ އެވެ.

ޕޯޓް ސިޓީ ބިލާ ދެކޮޅަށް ލަންކާގެ ވަރަށް ގިނަ ސިޔާސީ ޕާޓީތަކާއި ސިވިލް ޖަމާއަތްތައް އަދި ބާ އެސޯސިއޭޝަނުން ވަނީ ތެދުވެފަ އެވެ. އަދި އެ ބިލުގެ ސަބަބުން ޕޯޓް ސިޓީ ވެގެންދާނީ ޗައިނާގެ ކޮލޮނީއަކަށް ކަމަށް ބައެއް ސިޔާސީ ޕާޓީތަކުން ބުނެފައިވެ އެވެ. އެހެންވެ އެ ބިލުގެ މައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

ސްޓޭޓް މިނިސްޓަރު ނިވާޑް ވިދާޅުވީ ޕޯޓް ސިޓީ ޗައިނާގެ ބާރުގެ ދަށަށް ދާނެ އެއްވެސް މާއްދާއެއް ބިލުގައި ހިމަނާފައި ނުވާނެ ކަމަށެވެ.

ޗައިނާގެ ރިއަލް-އެސްޓޭޓް މެގަ ޕްރޮޖެކްޓެއްގެ ގޮތުގައި ބެލެވޭ ޕޯޓް ސިޓީ އިންވެސްޓަރުންނަށް ހުޅުވާލާއިރު ޓެކްސް އަށް ބޮޑެތި ލުއިތަކެއް ދޭނެ ކަމަށް ސަރުކާރުން ކުރިން ވެސް ބުނެފައިވެ އެވެ. ކޮލަމްބޯ ޕޯޓާއި ގޯލް ފޭސްއާ ދެމެދު ހެދި 1.5 ބިލިއަން ޑޮލަރުގެ ޕޯޓް ސިޓީ ޕްރޮޖެކްޓް ނިމުމުން ދުނިޔޭގެ ފެންވަރުގެ ވިޔަފާރި ހަބަކަށް ލަންކާ ބަދަލުވާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެ ތަނުގައި ކުރިމަގުގައި 75،000 މީހުން ދިރިއުޅޭނެ ކަމަށާއި އެ ސިޓީ އަށް ދުވާލަކު 200،000 މީހުން ވަދެ ނުކުމެ ހަދާނެ ކަމަށް ވެސް ބުނެފައިވެ އެވެ. ސެޕްޓެމްބަރު 17، 2014 ގައި ފެށި މަޝްރޫއު ހިއްކާ ނިމުނުއިރު ލަންކާގެ މިހާރުގެ ފައިނޭންޝަލް ޑިސްޓްރިކްޓަށް ވުރެ ދެ ގުނަ ބޮޑެވެ.

ޕޯޓް ސިޓީން ފުރަތަމަ ހިއްކަން ހަމަޖެއްސީ 233 ހެކްޓަރެވެ. ނަމަވެސް ފަހުން 269 ހެކްޓަރު ((664 އޭކަރު) އަށް ވަނީ ބަދަލުކޮށްފަ އެވެ. ކުރީގެ އެއްބަސްވުމަށް ބަދަލު ގެނެސް 116 ހެކްޓަރު ވަނީ 99 އަހަރަށް ޗައިނާ އަށް ދޭން އެއްބަސްވެފަ އެވެ. ކުރިން އޮތީ 20 ހެކްޓަރު ޗައިނާ އަށް މިލްކުކޮށްދޭ ގޮތަށެވެ. ޗައިނާ އަށް ދެނީ ޕޯޓް ސިޓީގައި އިމާރާތްކުރަން ހަމަޖައްސާފައިވާ 178 ހެކްޓަރުގެ ބިމުންނެވެ. އެ ބިމުން ލަންކާ އަށް ބޭނުން ކުރެވޭނީ 62 ހެކްޓަރެވެ.

ކޮލަމްބޯ އިންޓަނޭޝަނަލް ފައިނޭންޝަލް ސިޓީ ނުވަތަ ކޮލަމްބޯ ޕޯޓް ސިޓީ މަޝްރޫއު ކުރިއަށް ގެންދިޔައީ ބެއިޖިންގެ "ބެލްޓް އެންޑް ރޯޑް" އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުގެ ދަށުންނެވެ.

ޕޯޓް ސިޓީގައި މީހުން ދިރިއުޅޭ އިމާރާތްތަކާއި ސްކޫލްތަކާއި ބޭންކްތަކާއި ޝޮޕިން މޯލްތަކާއި މެރީނާ އަދި ޕާކްތަކާއި ޕަބްލިކް ބީޗްތައް ވެސް ހަދާނެ އެވެ. ޕޯޓް ސިޓީ ނިމުމުން އެތަން އޮޕަރޭޓް ކުރާނީ ވަކި އެންޓިޓީއެއްގެ ގޮތުގަ އެވެ. ޕޯޓް ސިޓީގައި ވިޔަފާރި ހިންގަން ފަހިވާ ގޮތަށް އެ ސިޓީ އަށް ވަކި އިގްތިސާދީ އަދި ކޮމާޝަލް ގާނޫނުތަކެއް ހަމަޖައްސާނެ އެވެ.

ޕޯޓް ސިޓީ ހިއްކި ޗައިނާ ސަރުކާރުގެ ކުންފުނި ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީީ) އިން ބުނީ ޕޯޓް ސިޓީ ޕްރޮޖެކްޓް އިން 83،000 ވަޒީފާ އުފެދި 13 ބިލިއަން ޑޮލަރުގެ ފޮރިން އިންވެސްޓްމަންޓް ލަންކާ އަށް ލިބޭނެ ކަމަށެވެ.

މިހާރުގެ ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާގެ ކުރީގެ ވެރިކަމުގައި ޗައިނާގެ އެހީގައި ހެދި 1.4 ބިލިއަން ޑޮލަރުގެ ހަމްބަންޓޯޓާ ބަނދަރު ޑިސެމްބަރު 2017 ގައި ވަނީ 99 އަހަރަށް ޗައިނާ އަށް ދީފަ އެވެ. އެ ބަނދަރު ދޭން ޖެހުނީ ޗައިނާ އިން ނެގި ލޯނުތައް ދައްކަން ދަތިވުމުންނެވެ.