Roadha Mihaaru
ނިއު ބަލިކޮށް ޓީސީ ތިން ވަނަ އަށް

ނިއު ބަލިކޮށް ޓީސީ ތިން ވަނަ އަށް

05 އޯގަސްޓް 2016

ނިއު ރޭޑިއަންޓް 3-0 އިން މިރޭ ބަލިކޮށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ތާވަލުގެ ތިން ވަނަ މަގާމަށް ޓީސީ ސްޕޯޓްސް އަރައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ނިއު ރޭޑިއަންޓް 3-0 އިން މިރޭ ބަލިކޮށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ތާވަލުގެ ތިން ވަނަ މަގާމަށް ޓީސީ ސްޕޯޓްސް އަރައިފި އެވެ.

ޓީސީ ތިން ވަނަ އަށް އެރީ 17 ޕޮއިންޓާ އެކު އެކު އެވެ. އެއް ވަނައިގައި 21 ޕޮއިންޓާ އެކު މާޒިޔާ އޮތްއިރު ދެ ވަނައިގައި 20 ޕޮއިންޓާ އެކު އޮތީ ކްލަބް އީގަލްސް އެވެ. ކުރިން ތިން ވަނައިގައި 15 ޕޮއިންޓާ އެކު އޮތް ވެލެންސިއާ ވަނީ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. ނިއު އޮތީ 13 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ނުދާއިރު މި ހާފުގައި ގިނަ ފުރުސަތު ހޯދީ ނިއު އިންނެވެ. އެގޮތުން 14 ވަނަ މިނެޓުގައި އަހުމަދު ސުހެއިލް (ބަމްޕުޗް) ދިން ބޯޅައަކުން ފާރޫގް އިސްމާއިލް އޭރިއާ ތެރެއިން ބާރު ހަމަލައެއް ފޮނުވާލި އެވެ. އެކަމަކު އެ ބޯޅަ ދިޔައީ ގޯލް ހުރަސް ދަނޑި މަތިންނެވެ.

ނިއުގެ ނިޔާ (ކ) އަތުން ބޯޅަ ހޯދަން ޓީސީގެ ބޮންޑާ މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއުގެ ނިޔާ (ކ) އަތުން ބޯޅަ ހޯދަން ޓީސީގެ ބޮންޑާ މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭގެ ހަ މިނެޓު ފަހުން ޓީސީގެ ނާއިޒް ހަސަން (ދާދު) ރަނގަޅު ފުރުސަތެއް ހޯދި އެވެ. ނިއުގެ ޑިފެންސް ލައިން ތެރެއިން ދެމި ގަނެ އޭނާ އޭރިއާ ތެރެއިން ހޯދި ހުސް ފުރުސަތުގައި ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ނިއުގެ ޖަޕާން ގޯލްކީޕަރު ކޮޗީ އެވެ.

ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ނިއު އިން ރަނގަޅު ހަމަލައެއް އުފެއްދި އެވެ. އެކަމަކު އޭރިއާ ތެރެއަށް ހުސްކޮށް ވަދެ ބަމްޕުޗް ނެގި ހުރަސް އަމާޒުވީ ހުރަސް ދާގަނޑަށެވެ. އޭރު އެ ބޯޅަ އަށް ނިއުގެ ކޮސޯވޯ ފޯވާޑް އަޑިސް ސަލީހީ ހުރީ ހުހަށް އަރަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ކުރީކޮޅު ބަމްޕުޗަށް އަނެއްކާ ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. މި ފަހަރު އޭނާ ހުރަސް ގޯލް ކުރިމައްޗަށް ނެގި ނަމަވެސް ސަލީހީ އަށް ނޭރުނެވެ.

ޓީސީ އިން ލީޑު ނެގީ 57 ވަނަ މިނެޓުގައި ނިއުގެ ކުރީގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ޕެނަލްޓީ އަކުން ކާމިޔާބުކުރި ލަނޑުންނެވެ. މިއީ އޭނާ އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅައެއް އޭރިއާ ތެރެއިން ނިއުގެ ސެގުން މައިކަލް އަތުގައި ޖެހުމުން އިންޑިއާ ރެފްރީ ދިން ޕެނަލްޓީއެކެވެ.

ޓީސީ އަށް ދެ ވަނަ ލަނޑު 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދާދު އެވެ. ޓީސީން އުފައްދަން މަސައްކަތްކުރި ހަމަލައެއް ނިއުގެ ޑިފެންޑަރު ވެލިޗްކޯފް މިޓްކޯފް މަތަކުރި ނަމަވެސް އެ ބޯޅަ އޭނާ ސާފުކޮށްލުމުން ލިބުނީ ޓީސީގެ ކެޕްޓަން ޔާމީން އިބްރާހިމް (ޔާންބެ) އަށެވެ. އޭނާ އެ ބޯޅަ ދާދު އަށް ޖައްސާލުމުން، ދާދު އޭރިއާ ތެރެއަށް ވަދެ ގޯލަށް ވައްދާލި އެވެ.

ޓީސީން ތިން ޕޮއިންޓް ކަށަވަރުކުރީ 85 ވަނަ މިނެޓުގައި ދާދު ޖެހި ލަނޑުންނެވެ. ސެންޓޭ ދިން ބޯޅަ އޭރިއާ ތެރޭ ހުސްކޮށް ހުރެ ދާދު ގޯލަށް ވައްދާލީ ފަސޭހަކަމާ އެކު އެވެ.