Roadha Mihaaru
މައުލޫމާތު ލީކުވީ އިލެކްޝަންސް ކޮމިޝަނުން: އިދިކޮޅު

މައުލޫމާތު ލީކުވީ އިލެކްޝަންސް ކޮމިޝަނުން: އިދިކޮޅު އިއްތިހާދު

27 އޯގަސްޓް 2018

އަންނަ މަހު ބާއްވާ ރިޔާސާ އިންތިޚާބާ ގުޅޭ ސިއްރު މައުލޫމާތުތަކެއް ޕީޕީއެމަށް ލިބިފައިވާ ނަމަ، އެކަން ހިނގާފައި ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ތެރެއިން ކަމަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

އަންނަ މަހު ބާއްވާ ރިޔާސާ އިންތިޚާބާ ގުޅޭ ސިއްރު މައުލޫމާތުތަކެއް ޕީޕީއެމަށް ލިބިފައިވާ ނަމަ، އެކަން ހިނގާފައި ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ތެރެއިން ކަމަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މާރިޔާ ވަނީ، އިލެކްޝަންސް ކޮމިޝަނުން ގެންގުޅުނު ސިއްރު މައުލޫމާތުތަކެއް، ވެރިކަން ކުރާ ޕާޓީ ޕީޕީއެމަށް ލިބިފައި ހުރެދާނެ ކަމަށް އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ރޭ ވިދާޅުވުމުން އެކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

އެ މައްސަލައިގައި، މާރިޔާ ވިދާޅުވީ މައުލޫމާތުތައް ލީކުވެފައިވާ ނަމަ އެކަން ހިނގާފައި ވަނީ ކޮމިޝަނުގެ ފަރާތުން ނޫން ކަމަށް ޝަރީފް ވިދާޅުވެފައިވީ ނަމަވެސް މިނިވަން ތަހުގީގެއް ކުރުމެއް ނެތި އެ ވާހަކަ ބަލައިނުގަނެވޭނެ ކަމަށެވެ.

"ރައްޔިތުންގެ ހިތްތަކަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭ ޝަރީފް ނުކުމެވަޑައިގެން، ޝަރީފްގެ އޮފީހުގައި މައްސަލައެއް ނެތޭ ބުނުމުން،" މާރިޔާ ވިދާޅުވި އެވެ.

ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ އެންމެ އިސްވެރިޔާ މުހައްމަދު އަޝްމަލީ އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަންނަވާ ކަމުގެ ތުހުމަތު ކުރައްވައި، މާރިޔާ ވަނީ އޭނާ އަށް ވެސް ފާޑުވިދާޅުވެފަ އެވެ. އަދި އެފަދަ މައްސަލަތަކާ ހުރެ އިލެކްޝަންސް ކޮމިޝަނުގެ މުސްތަގިއްލުކަން ކަށަވަރު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެ ތަން އެއް ތަން ހެން ވާނެ ގޮތަށް ސަރުކާރުގައި އުޅުއްވާ ބޭފުޅުން ވަޑައިގެން އިލެކްޝަންސް ކޮމިޝަނުގައި ތިއްބަވާ ކަމަށްވާ ނަމަ މިނިވަން މުއައްސަސާއެއް ގޮތަށް އިލެކްޝަންސް ކޮމިޝަން ހިނގާކަން އަޅުގަނޑުމެންނަށް ކަށަވަރެއް ނުކުރެވޭނެ،" މާރިޔާ ވިދާޅުވި އެވެ.

"އެތަނުގެ [އިލެކްޝަންސް ކޮމިޝަނުގެ] އައިޓީ އަށް އެހެން ބަޔަކަށް އެކްސެސް އޮންނަ ނަމަ އަޅުގަނޑުމެންގެ ކަންބޮޑުވުން އެބަ އޮތް."

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ޕީޕީއެމަށް މައުލޫމާތު ލިބިފައިވާ ނަމަ އެކަން ހިނގައިދިޔައީ އިލެކްޝަންސް ކޮމިޝަނުގައި ލީކެއް އުޅެގެންކަން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ލީކު އެބަ އުޅޭ. އެއީ އަޅުގަނޑުމެން އެންމެން ވެސް އަދި ޝަރީފް ވެސް ގަބޫލު ކުރައްވަން ޖެހޭ ހަގީގަތެއް އެކަން ހިނގައިދިޔަ ގޮތް އެބޭފުޅާގެ ކުރިފުޅުމަތީގައި ހިނގައިދިޔައީމާ،" އޭނާ ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވެފައި ވަނީ "އަޅުގަނޑުމެންގެ މައުލޫމާތު އެ ފަރާތަށް [ޕީޕީއެމަށް] ގޮސްފައިވާކަމު"ގެ ޝައްކު އުފެދިފައިވާ ކަމަށެވެ. އަދި އެ މައްސަލަ އެ ކޮމިޝަނުގެ އެތެރޭގެ ކޮމެޓީއެއް ކަމަށްވާ އިލެކްޝަންސް ކޮމްޕްލެއިންސް ބިއުރޯ އިން ބަލައި، އެކަމުގައި ކޮމިޝަނުގެ މައްސަލައެއް ނެތް ކަމަށް ވެސް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.