Roadha Mihaaru
ޕާކިސްތާން މެޗު ކެންސަލްވުމުން ކޯޗު ރުޅިގަދަވެއްޖެ

ޕާކިސްތާން މެޗު ކެންސަލްވުމުން ކޯޗު ރުޅިގަދަވެއްޖެ

27 އޯގަސްޓް 2018

ޕާކިސްތާނާ ދެކޮޅަށް މިރޭ ގަތަރުގައި ކުޅެން އޮތް އެކުވެރިކަމުގެ މެޗު ކެންސަލްކުރަން ޖެހުމުން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ޕާކިސްތާނަށް ފާޑުކިޔައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕާކިސްތާނާ ދެކޮޅަށް މިރޭ ގަތަރުގައި ކުޅެން އޮތް އެކުވެރިކަމުގެ މެޗު ކެންސަލްކުރަން ޖެހުމުން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ޕާކިސްތާނަށް ފާޑުކިޔައިފި އެވެ.

ސާފް ސުޒުކީ ކަޕަށް ތައްޔާރުވާން ކުޅެން ރޭވި މެޗު ކެންސަލްކުރީ ޕާކިސްތާން ޓީމަށް ގަތަރަށް ދެވޭ ގޮތް ނުވުމުންނެވެ. އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ ޕާކިސްތާން ޓީމަށް ކަނޑައެޅި ތާރީހަށް ފުރޭ ގޮތްނުވީ އެ ގައުމުގެ އެތެރޭގެ މައްސަލައަކާ ހެދި ކަމަށެވެ. މެޗު ކެންސަލްވެ ޕްލޭންތަކަށް ބުރޫ އެރުވުމުން ކޯޗު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

"ޕާކިސްތާނުން ރޭ މި ނިންމީ ނުކުޅޭ ގޮތަށް. އަހަރެން ގުޅިން ޖަވާ އަށް އަދި ސާންތީ (ޑެޕިއުޓީ ޓެކްނިކަލް ޑައިރެކްޓަރު އިހުސާން) އަށް ވެސް. ރަސްމީކޮށް އަންގާފައެއް ވެސް ނެތް. މެޗު ކެންސަލްކުރަން ޖެހުނީ ޕާކިސްތާން އެފްއޭ ނޫނީ ފަހުން ހަވާލުވި ބްރެޒިލް ކޯޗުގެ ސަބަބުން ކަމެއް ވެސް ނޭނގެ. މިކަމުން ދޭހަވީ އެ މީހުން އަހަރެމެންނަށް އިހުތިރާމް ކުޑަކުރިކަން. ގައުމީ ޓީމު ލެވެލްގެ އެކުވެރިކަމުގެ މެޗެއް ރޭވިގެން އައިސް 12 ނޫނީ 13 ވަރަކަށް ގަޑިއިރަށްވީމަ ނުކުޅެން ނިންމުމަކީ ވަރަށް ދެރަ ކަމެއް،" ގައުމީ ޓީމުގެ ފޭސްބުކް ޕޭޖުގައި ލައިވް ވީޑީއޯއެއްގައި ސެގާޓް ބުނެފައިވެ އެވެ.

ބްރެޒިލްގެ ގިނަ ކްލަބްތަކެއްގައި މަސައްކަތްކުރި ކޯޗު ހޯސޭ އެންޓޯނިއޯ ނޮގޭރާގެ އިރުޝާދުގެ ދަށުން ޕާކިސްތާން ވަނީ މިދިޔަ ޖުލައި މަހު ޕްރެކްޓިސްތައް ފަށައިފަ އެވެ. އެ ޓީމުން ވަނީ މި ފަހަރުގެ އޭޝިއަން ގޭމްސް އާއި ސާފްގައި ވާދަކުރާތީ ދުރާލާ ޕްރެކްޓިސް ފަށައި ޕްރެކް ބަހްރޭނުގައި ޓްރެއިނިން ކޭމްޕެއް ވެސް ވަނީ ފުރިހަމަކޮށްފަ އެވެ. މި ދެ މުބާރާތަކީ ތިން އަހަރަށް ފަހު ޕާކިސްތާން ވާދަކުރާ ފުޓްބޯޅައިގެ ފުރަތަމަ މުބާރާތްތަކެވެ.

ސެގާޓް ބުނީ މެޗު ކަންސަލް ކުރަން ޖެހުނު ސަބަބެއް ކުރިން އަންގައިދޭން ޖެހޭނެ ކަމަށެވެ.

"ޕާކިސްތާން ފުޓްބޯޅަ އޮތް އުނދަގޫ ހާލަތު އަހަންނަށް އެނގޭ. އަނެއްކޮޅުން ކޯޗަކީވެސް އާ ކޯޗެއް. އެފްއޭ ވެސް ވަރަށް ފަހުން ރަނގަޅު ހާލަތަކަށް އައީ. އެކަމަކު މި ހުރިހާ ކަމަކަށް ވުރެން ބޮޑަށް މެޗަށް ނާދެވޭނަމަ ކުރީބައިގަ ފޯން ކޯލަކުން ނަމަވެސް އެންގިނަމަ ބަދަލުތަކެއް އަހަރެމެންނަށް ގެނެވުނީސް. މިއީ ދެރަކޮށްވީ ކަމެއް. އަހަރެންގެ އުއްމީދަަކީ ސާފް ސުޒުކީ ކަޕްގައި ޕާކިސްތާނާ ކުޅެން ޖެހުން،" ސެގާޓް ބުންޏެވެ.

ސާފް ސުޒުކީ ކަޕްގައި ރާއްޖެ ހިމެނެނީ ލަންކާ އާއި އިންޑިއާއާ އެއް ގްރޫޕެއްގަ އެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު ހަތް ވަނަ ދުވަހު ބައްދަލުކުރާނީ ސްރީލަންކާއާ އެވެ. ދެ ވަނަ މެޗުގައި އޭގެ ދެ ދުވަސް ފަހުން އިންޑިއާއާ ދެކޮޅަށް ކުޅޭނެ އެވެ.

ސެގާޓް ބުނީ ޕާކިސްތާން މެޗު ނުކުޅެވުމުން އޭނާ އަށް ގެއްލުނީ ޓީމު ވަޒަން ކޮށްލަން ރަނގަޅު ފުރުސަތެއް ކަމަށެވެ.

"ޕާކިސްތާން މެޗު އަަހަންނަށް މުހިއްމު. އެއީ ގައުމީ ޓީމަކާ ކުޅޭ މެޗަކަށްވާތީ. ގަތަރު ޓީމު އަތުން އަހަރެމެން މޮޅުވިޔަސް އެ މެޗުގައި ކުޅުނީ އަހަރެމެން ވާދަކުރަން ޖެހޭ ކަހަލަ ޓީމަކާ ނޫން. އަސްލު ބޭނުމަކީ ގައުމީ ޓީމުތަކާ ކުޅުން. އެ ގޮތަށް ވިސްނާއިރު މި ގެއްލުނީ ރަނގަޅު ފުރުސަތެއް،" ސެގާޓް ބުންޏެވެ.

"ދެން މި ވަގުތަށް ބަލާއިރު ހުރިހާ ފޯކަސް އެއް އޮތީ ސްރީލަންކާ މެޗަށް. ސްރީލަންކާ އަކީ ވަރަށް ވަރުގަދަ އަށް ކުޅޭ ޓީމެއް. އެ މީހުންނަށް ތައްޔާރުވާން ލިބުނު ވަގުތު ގިނަ. ހަމަ އެ ގޮތަށް އިންޑިއާ އަށް ވެސް ވަރަށް ރަނގަޅު ކޭމްޕެއް ލިބިފައި އޮތީ. އަަހަރެމެން ވެސް ރަނގަޅަށް ތައްޔާރު މި ވަނީ. އެކަަމަކު އެ ދެ ޓީމަށް ވުރެން ވަގުތު މަދު. ވަގުތު މަދުވީ ރާއްޖޭގެ ލީގު މެޗުތައް ކުރިއަށްދާތީ." ސެގާޓް ބުންޏެވެ.

ސާފް ސުޒުކީ ކަޕަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ލީގު ވަނީ ދެ މަސް ދުވަހަށް ވުރެން ގިނަ ދުވަހަށް މެދުކަނޑާލައިފަ އެވެ.

އަންނަ މަހު 4-15 އަށް ބަންގްލަދޭޝްގެ ޑާކާގައި އޮންނަ ސާފަށް ގަތަރުގައި ރާއްޖޭގެ ޓީމު މި މަހު ހަ ވަނަ ދުވަހުން ފެށިގެން 27 ކުޅުންތެރިންގެ ސްކޮޑަކާ އެކު ފަރިތަކުރަމުން އަންނައިރު ހަތް ކުޅުންތެރިން ބާކީކޮށް އާދީއްތަ ދުވަހު 20 ކުޅުންތެރިންނާ އެކު ބަންގްލަދޭޝަށް ފުރާނެ އެވެ.