Roadha Mihaaru
އަމިއްލަ ބާރު އޮތުމުން ހިތްހަމަޖެހޭ: ގައުމީ ކޯޗު

އަމިއްލަ ބާރު އޮތުމުން ހިތްހަމަޖެހޭ: ގައުމީ ކޯޗު

07 ސެޕްޓެމްބަރ 2018

ސާފް ސުޒުކީ ކަޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ސްރީ ލަންކާއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވިޔަސް އެހާ ބޮޑަށް މާޔޫސްނުވާ ކަމަށާއި ދެން ކުޅޭ މެޗުން ރަނގަޅު ނަތީޖާއެއް ނެރެ އަމިއްލަ ބާރުގައި ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު އޮތުމުން ހިތްހަމަ ޖެހޭ ކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.

އައްޒާމް އަލިފުޅު ބަންގްލަދޭޝްގެ ޑާކާ އިން އައްޒާމް އަލިފުޅު

ސާފް ސުޒުކީ ކަޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ސްރީ ލަންކާއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވިޔަސް އެހާ ބޮޑަށް މާޔޫސްނުވާ ކަމަށާއި ދެން ކުޅޭ މެޗުން ރަނގަޅު ނަތީޖާއެއް ނެރެ އަމިއްލަ ބާރުގައި ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު އޮތުމުން ހިތްހަމަ ޖެހޭ ކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.

ތިން ޓީމު ވާދަކުރާ މި ގްރޫޕުން އިންޑިއާ އަށް ވަނީ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވެފަ އެވެ. މި ގްރޫޕްގެ އެއް ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު އިންޑިއާ އެވެ. ދެ ވަނައިގައި އޮތް ރާއްޖެ އާއި ތިން ވަނައިގައި އޮތް ލަންކާ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. މި ގްރޫޕުގެ ފަހު މެޗުގައި އާދިއްތަ ދުވަހު ރާއްޖެ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އަށް ސެމީ އަށް ދެވޭނެ އެވެ.

މިރޭގެ މެޗުގައި ރާއްޖޭގެ ގިނަ ހަމަލާތައް ހުއްޓުވީ ލަންކާ ގޯލުގައި ހުރި ރާއްޖޭގެ އީގަލްސް އަށް ކުޅޭ ގޯލްކީޕަރު ސުޖަން ޕެރޭރާ އެވެ. މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ވަނީ އެކަން ފާހަގަކޮށްފަ އެވެ.

"މެޗު ފެށިގެން އަހަރެމެން ވަރަށް ރަނގަޅަށް ކުޅުނު ވަގުތު ކޮޅެއްގައި ގާތްގާތުގައި ފޮނުވާލި ހަތަރެއް ނޫނީ ފަސް ވަރަަކަށް ބޯޅަ އެ މީހުންގެ ކީޕަރު (ސުޖަން) މަތަކުރި. މިއީ ވަރަށް ވާދަރިކޮށް ދިޔަ މެޗެއް. އަހަރެމެންނަށް ނުވި ހަމައެކަނި ކަމަކީ ގޯލެއް ނުޖެހުން،" ސެގާޓް ބުންޏެވެ.

އޭނާ ވަނީ މި މެޗުގައި ރާއްޖޭގެ ފަހަތުން ހެދުނު ގޯސްތަކުން ލަންކާ އިން ފައިދާއެއް ނެގިޔަނުދީ ރާއްޖެ ސަލާމަތްކުރުމުގައި ގޯލްކީޕަރު މުހައްމަދު ފައިސަލް އަދާކުރި ދައުރު ފާހަގަކޮށްފަ އެވެ. އަދި އޭނާ ދެއްކި ހިތްވަރަށް ތައުރީފް ވެސް ކުރި އެވެ.

ސާފް ސުޒުކީ ކަޕްގައި މިރޭ ސްރީލަންކާ ކުޅުންތެރިއަކު ކައިރިން ރާއްޖޭގެ އަސަދުﷲ ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: އިމޭޖަސް.އެމްވީ

ސާފް ސުޒުކީ ކަޕްގައި މިރޭ ސްރީލަންކާ ކުޅުންތެރިއަކު ކައިރިން ރާއްޖޭގެ އަސަދުﷲ ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: އިމޭޖަސް.އެމްވީ

ލަންކާ އާއި ރާއްޖެ އެންމެ ފަހުން ކުޅުނު މެޗުގައި 2013 ވަނަ އަހަރުގެ ސާފްގައި ރާއްޖެ މޮޅުވީ އަލީ އަޝްފާގު (ދަގަނޑޭ)ގެ ދެ ހެޓްރިކާ އެކު 10-0 އިންނެވެ. މި ފަހަރުގެ މުބާރާތުގައި ދަގަނޑޭ ރާއްޖޭގެ ޓީމުގައި ނުހިމެނޭއިރު، މެޗަށް ފަހު ދަގަނޑޭއާ ބެހޭގޮތުން ބޭރުގެ ނޫސްވެރިއަކު ސުވާލުކުރުމުން ސެގާޓް ބުނީ ދަގަނޑޭ އުމުރުން ދޮށި ކަމަށާއި މިއީ ޒުވާން ކުޅުންތެރިންގެ ފަހަރެއް ކަމަށެވެ.

"އަހަރެމެންގެ އެބަތިބި ވަރަށް ޑިސިޕްލިން ވަރަށް ބުރަކޮށް މަސައްކަތްކުރާ ކުޅުންތެރިން. މީގެން ކޮންމެ ކުޅުންތެރިއަކަށް ވެސް ޓީމުން ޖާގަ ހައްގު. މިތަނުގައި ނެތް ކުޅުންތެރިންގެ ވާހަކަ އަހަރެން ނުދައްކާނަން. އެކަމަކު އަޝްފާގާ ބެހޭގޮތުން އަހަރެން ބުނާނީ އޭނާ އަށް 33 އަހަރު މިހާރު. އެންމެ ފަހުން އޭނާ ގައުމީ ޓީމަށް ލަނޑެއް ޖަހައިދިނީ 2016 ގައި. މިއީ ސްޓްރައިކަރެއް ލަނޑެއް ނުޖަހާ ގައުމީ ޓީމެއްގައި ހުންނަން ވަރަށް ގިނަ ދުވަސް. އަހަރެމެން މިހާރު އަޝްފާގުގެ ވާހަކަ ނުދައްކައި އިހުތިރާމާ އެކު އޭނާ ދާން ފުރުސަތު ދޭން ޖެހޭ،" ސެގާޓް ބުންޏެވެ.

ސެގާޓް ބުނީ ލަންކާ މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން 2-0 އިން އިންޑިއާ އަތުން ބަލިވި މެޗުގައި ބޭނުންކުރީ އެ މީހުންގެ އެންމެ ވަރުގަދަ ޓީމު ނޫން ކަމަށާއި ނަތީޖާ ނެރެވޭނެ ކަމަށް ބަލާފައި ރަނގަޅު ކުޅުންތެރިން ނެރުނީ ރާއްޖެއާ ދެކޮޅަށް ކަމަށެވެ.

"ލަންކާގެ ފުރަތަމަ އެގާރަ އަށް މި މެޗުގައި ހަތަރެއް ނޫނީ ފަސް ބަދަލެއް ގެނައި. އެ މީހުންނަށް އެނގޭ އިންޑިއާ އަތުން މޮޅުނުވެވޭނެކަން. އެހެންވެ ނަތީޖާ އަކަށް ޓާގެޓްކޮށްގެން ނުކުތީ އަހަރެމެންނާ ދެކޮޅަށް،" ކުރިން އަފްގާނިސްތާން އާއި ޖޯޖިއާ އަށް ކޯޗުކޮށްދިން ސެގާޓް ބުންޏެވެ.

އޭނާ ބުނީ އާދިއްތަ ދުވަހު އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަހަރެން މަސައްކަތް ކުރާނަން އިންޑިއާ އަތުން ރަނގަޅު ނަތީޖާއެއް ނެރެން. އިންޑިއާއާ ދެކޮޅަށް އަހަރެމެން ކުޅޭ މެޗު 1-1، 2-2، 3-3 ނޫނީ 4-3 އިން އަހަރެމެން މޮޅުވެސް ވެދާނެ. އެ ނަތީޖާތަކުން ޔަގީނުން ވެސް އަހަރެމެން ސެމީ އަށް ދާނެ،" ސެގާޓް ބުންޏެވެ.

ގައުމީ ކޯޗު ސެގާޓް ސްރީލަންކާ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަނީ.---