Roadha Mihaaru
އިންޑިއާ ވަރުގަދަވިޔަސް ނަތީޖާ ނެރެވޭނެ: ގައުމީ ކޯޗު

އިންޑިއާ ވަރުގަދަވިޔަސް ނަތީޖާ ނެރެވޭނެ: ގައުމީ ކޯޗު

09 ސެޕްޓެމްބަރ 2018

ސާފް ސުޒުކީ ކަޕްގައި މިއަދު އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު އެ ޓީމު ވަރުގަދަ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށާއި އެކަމަކު ސެމީ ފައިނަލަށްދާން ރާއްޖޭން ބޭނުންވާ ނަތީޖާ ނެރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ގައުމީ ކޯޗު ކްރޮއޭޝިއާގެ ޕީޓާ ސެގާޓް ބުނެފި އެވެ.

އައްޒާމް އަލިފުޅު ބަންގްލަދޭޝްގެ ޑާކާ އިން އައްޒާމް އަލިފުޅު

ސާފް ސުޒުކީ ކަޕްގައި މިއަދު އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު އެ ޓީމު ވަރުގަދަ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށާއި އެކަމަކު ސެމީ ފައިނަލަށްދާން ރާއްޖޭން ބޭނުންވާ ނަތީޖާ ނެރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ގައުމީ ކޯޗު ކްރޮއޭޝިއާގެ ޕީޓާ ސެގާޓް ބުނެފި އެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ވަނީ ލަނޑެއް ނުޖެހި ސްރީލަންކާއާ އެއްވަރުވެފަ އެވެ. އެ ނަތީޖާއާ އެކު މި ގްރޫޕުގެ ފުރަތަމަ މެޗުން ލަންކާ އަތުން މޮޅުވި އިންޑިއާ އަށް ވަނީ ސެމީ ފައިނަލުގެ ޖާގައެއް ލިބިފަ އެވެ. މި ގްރޫޕުން ސެމީގެ އަނެއް ޖާގަ ލިބޭ ޓީމެއް ކަނޑައެޅޭނީ މިއަދު ރާއްޖެ އާއި އިންޑިއާ ކުޅޭ މެޗުގެ ނަތީޖާ އިންނެވެ.

އިންޑިއާ އަތުން މިއަދު ޕޮއިންޓެއް ހޯދައިގެން ވެސް ރާއްޖެ އަށް ސެމީގެ ޖާގަ ލިބޭނެ އެވެ. ސްރީލަންކާ އަށް ސެމީގެ ފުރުސަތެއް އޮތީ ރާއްޖެ ތިން ގޯލުގެ ތަފާތުން ބަލިވެއްޖެނަމަ އެވެ. މި މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ރާއްޖެ އާއި ލަންކާ ހުރިހާ ގޮތަކުން އެއްވަރުވެއްޖެނަމަ ސެމީ އަށް ދާ ޓީމު ކަނޑައަޅާނީ ފެއާޕްލޭ ރޫލް އަށް ބަލައިގެންނެވެ.

އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗާ ބެހޭގޮތުން ސެގާޓް "މިހާރަ"ށް ބުނީ އިންޑިއާ އަކީ ވަރަށް މޮޅު ޓީމެއް ކަމަށާއި ފަހަކަށް އައިސް އެ ޓީމުން ހޯދާ ކުރިއެރުންތަކުން އެކަން އެނގިގެންދާ ކަމަށެވެ.

"އިންޑިއާގެ 20 އަހަރުން ދަށުގެ ޓީމު އާޖެންޓީނާ ބަލިކޮށްފި. މި ނަތީޖާ ފެނިފައި ޔޫރަޕާއި ދެކުނު އެމެރިކާގެ ގިނަ ބަޔަކު ހައިރާންވި. އިންޑިއާ ޓީމު އަންނަނީ ވަރަށް ބޮޑަށް ކުރިއަރަމުން. މިއީ އަހަރެމެން ވަރަށް ވިސްނައިގެން ކުޅެން ޖެހޭނެ މެޗެއް،" ކުރިން އަފްގާނިސްތާނާއި ޖޯޖިއާ އަށް ކޯޗުކޮށްދިން ސެގާޓް ބުންޏެވެ.

އެންމެ ފަހުން އިންޑިއާއާ ދެކޮޅަށް ސެގާޓް ނުކުތީ 2015 ވަނަ އަހަރުގެ ސާފް ފައިނަލުގައި އަފްގާނިސްތާން ގޮވައިގެންނެވެ. އިންޑިއާގެ ސީނިއާ ޓީމު އަތުން އަފްގާނިސްތާން އެ ފަހަރު ބަލިވީ 2-1 އިންނެވެ. ސެގާޓްގެ ނަޒަރުގައި އެއީ އިންޑިއާ އަށް ވަރަށް މުހިއްމުވީ ފައިނަލެއް ކަމަށެވެ.

"އަހަރެމެން އަފްގާނިސްތާންގެ ފަހު ސާފް މުބާރާތް ވީމަ ހުރިހާ ކުޅުންތެރިން ވެސް ވަރަށް ތަށްޓައް އަމާޒުހިފާފައި ހުރީ. އެކަމަކު އެކަން ހާސިލްނުވީ ވަރަށް އާދައިގެ ގޯހެއް ހެދިގެން. އެ ފައިނަލް އިންޑިއާ އަށް ވަރަށް މުހިއްމު. އެއީ އޭރު އެ ޓީމުގެ ކޯޗަށް ޕްރެޝަރު ބޮޑުވެފައި އޮތީ. އެކަމަކު އެ ކާމިޔާބީއާ ހަމައިން އެ މީހުންނަށް ރަނގަޅު މަސައްކަތްތަކެއް ފެށިއްޖެ،" އޭނާ ބުންޏެވެ.

އެންމެ ފަހުން ތިން ސާފްގައި ވެސް ރާއްޖެ ކެޓީ ސެމީ ފައިނަލުގައި އިންޑިއާ އަތުން ބަލިވެގެންނެވެ. އެކަމަކު 2009 ވަނަ އަހަރު އިންޑިއާ އިން 23 އަހަރުން ދަށުގެ ޓީމު މުބާރާތަށް ފޮނުވިއިރު، ގްރޫޕް ސްޓޭޖުގައި ރާއްޖޭން އިންޑިއާ ބަލިކުރި އެވެ. އެހެން ނަމަވެސް އެ ފަހަރުގެ ފައިނަލުގައި ރާއްޖެ ވަނީ އިންޑިއާ އަތުން ބަލިވެފަ އެވެ. އިންޑިއާ އިން މި ފަހަރުގެ މުބާރާތަށް ފޮނުވީ ވެސް 23 އަހަރުން ދަށުގެ ޓީމެވެ.

ލަންކާއާ އެއްވަރުވި މެޗަށް ފަހު ސެގާޓް ބުނީ ކޮންމެވެސް ވަރަކަށް ޕްރެޝަރު އޮތް ނަމަވެސް އަދިވެސް އަމިއްލަ ބާރު އޮތުމުން ހިތްހަމަ ޖެހޭ ކަމަށެވެ.

"މިއީ އުނދަގޫ ހާލަތެއް. ޕްރެޝަރު ވެސް ކޮންމެވެސް ވަރަކަށް އެބައޮތް. އެ ހުރިހާ ކަމަކަށް ވުރެން މުހިއްމީ އަމިއްލަ ބާރުގައި އަހަރެމެންނަށް ސެމީ އަށް ދެވޭނެ ގޮތް އޮތުން. އެއީ އިންޑިއާއާ އެއްވަރުކޮށްލައިގެން ވެސް އެކަންވާނެ. އެކަމަކު އަހަންނަކީ 0-0 އިން އެއްވަރުވާން ކުޅޭ މީހެއް ނޫން،" އޭނާ ބުންޏެވެ.

އެކަމަކު ފުރަތަމަ މެޗެއް ކުޅެފައި އެއް ދުވަހު އަރާމް ކުރުމަށް ފަހު އަނެއްކާ މެޗަކަށް ނުކުންނައިރު ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ހުންނާނެ ކަމަށް ސެގާޓް ވަނީ ބުނެފަ އެވެ.

މި ގްރޫޕުގެ އެއް ވަނަ އަށް ރާއްޖެ ގޮސްފިނަމަ ސެމީގައި ބައްދަލުކުރަން ޖެހޭނީ ޕާކިސްތާންއާ އެވެ. ދެ ވަނަ އަށް ގޮސްފިނަމަ ކުޅޭނީ ނޭޕާލްއާ އެވެ.

އިންޑިއާ އާއި ރާއްޖެ މިއަދު ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާއިރު އެވެ.