Roadha Mihaaru
ތަފާތު ދައްކަން ޖެހޭނީ ދަނޑުމަތީގައި: ގައުމީ ކޯޗު

ތަފާތު ދައްކަން ޖެހޭނީ ދަނޑުމަތީގައި: ގައުމީ ކޯޗު

07 ސެޕްޓެމްބަރ 2018

ސާފް ސުޒުކީ ކަޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު ސްރީލަންކާއާ ދެކޮޅަށް ކުޅޭއިރު މެޗުގެ ކުރިން މޮޅުވާނެކަން ޔަގީންކޮށް އެ ވާހަކަ ނުދައްކާނެ ކަމަށާއި އޭނާގެ ވިސްނުމަކީ ދަނޑުމަތީގައި ކުރަން އޮންނަ މަސައްކަތުން އެކަން ހާސިލްކޮށް އެ އަށް ފަހު އެ ވާހަކަ ދެއްކުން ކަމަށް ގައުމީ ކޯޗު ކްރޮއޭޝިއާގެ ޕީޓަ ސެގާޓް ބުނެފި އެވެ.

އައްޒާމް އަލިފުޅު ބަންގްލަދޭޝްގެ ޑާކާ އިން އައްޒާމް އަލިފުޅު

ސާފް ސުޒުކީ ކަޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު ސްރީލަންކާއާ ދެކޮޅަށް ކުޅޭއިރު މެޗުގެ ކުރިން މޮޅުވާނެކަން ޔަގީންކޮށް އެ ވާހަކަ ނުދައްކާނެ ކަމަށާއި އޭނާގެ ވިސްނުމަކީ ދަނޑުމަތީގައި ކުރަން އޮންނަ މަސައްކަތުން އެކަން ހާސިލްކޮށް އެ އަށް ފަހު އެ ވާހަކަ ދެއްކުން ކަމަށް ގައުމީ ކޯޗު ކްރޮއޭޝިއާގެ ޕީޓަ ސެގާޓް ބުނެފި އެވެ.

ތިން ޓީމު ވާދަކުރާ މި ގްރޫޕުގެ ފުރަތަމަ މެޗުން އިންޑިއާ ވަނީ 2-0 އިން ސްރީލަންކާ ބަލިކޮށްފަ އެވެ. އެ މެޗަށް ފަހު ރާއްޖޭގައި ގިނަ ދުވަހު މަސައްކަތްކުރި ސްރީލަންކާގެ ކޯޗު ނިޒާމް ޕަކީރު އަލީ ބުނީ ރާއްޖެ ބަލިކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މިއަދު ލަންކާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ގައުމީ ކޯޗު ސެގާޓް "މިހާރަ"ށް ބުނީ މެޗުގެ ކުރިން އޭނާ ވާހަކަ ދައްކާނީ ޓީމުގެ ތައްޔާރީތަކާއި ކުޅުންތެރިންނާ ބެހޭ ވާހަކަތައް ކަމަށެވެ.

"އޭނަ (ޕަކީރު) އެ ގޮތަށް ބުނަން ޖެހޭނެ. އެއީ އެ ޓީމުގެ ކޯޗު. އެކަމަކު އަހަރެންގެ ވިސްނުން މިކަމުގައި ތަފާތު އަހަންނަކީ ތަފާތު މިޒާޖެއްގެ މީހެއް. ފަހަރެއްގައި ވެދާނެ އޭނަ ރާއްޖޭގައި ގިނަ ދުވަހު އުޅެފައި ގިނަ ރައްޓެހިން ތިބޭތީ އެ ގޮތަށް ވިސްނެނީ ކަމަށް. އެކަމަކު އަހަރެންގެ ސްޓައިލަކީ ދަނޑުމަތީގައި ކުރަން ޖެހޭ މަސައްކަތް ނިންމުން. އަހަރެން މެޗުގެ ކުރިން ވާހަކަ ނުދައްކާނަން މޮޅުވުމާ ބެހޭގޮތުން،" ސެގާޓް ބުންޏެވެ.

ސްރީލަންކާ ޓީމު އަންނަނީ ފާއިތުވި އަށް މަސް ދުވަހުން ފެށިގެން އެކުގައި މަސައްކަތްކުރަމުން ކަމަށާއި މި މުބާރާތުގައި އެ ޓީމު މެޗެއް ކުޅެފައިވުމަކީ އެ މީހުންނަށް އޮތް ކުޑަ އެޑްވާންޓޭޖެއް ކަަމަށް ސެގާޓް ދެކެ އެވެ.

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ސެގާޓް. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ސެގާޓް. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ސްރީލަންކާގެ ކޯޗު ދެ މަސް ވިޔަސް އަދި އެ މީހުން އެކުގައި އަށް މަސް ވެއްޖެ. މި މުބާރާތުގައި ވެސް އެ މީހުން މެޗެއް ކުޅެފި. އެ މީހުންނަށް އެނގޭނެ ދަނޑުގެ ހާލަތާ އެ އެއްޗެހި ވެސް. އަހަރެމެންނަށް އަދި ދަނޑުގައި އެއްވެސް ކަމެއް ތަޖުރިބާއެއް ނުކުރެވޭ. ދަނޑުގެ ވިނަގަނޑާއި އެ މާހައުލާ އެ ހުރިހާ ކަމަކަށް އަހަރެމެން އާ ވާނެ. އަހަރެމެންގެ އެޑްވާންޓޭޖަކީ ކުރާހިތުން ތިބުން. މޮޅުވާ ހިތްވުން. މަސައްކަތްކުރުން،" ސެގާޓް ބުންޏެވެ.

ބަންގްލަދޭޝްގައި ކަންތައްތައް ހުރީ ބޭނުންވާ މިންވަރަށް ފުރިހަމަކޮށް ނޫން ކަމަށާއި އެހެންކަމަށް ވިޔަސް ޝަކުވާއެއް ނުކުރާނެ ކަމަށާއި އެ އަށް ވުރެ ބޮޑަށް ފޯކަސް ކުރަނީ މޮޅުވެގެން ބޭނުންވާ މަގުސަދު ހާސިލްކުރުމަށް ކަމަށް ސެގާޓް ބުންޏެވެ.

"ދިމާވެފައިވާ މައްސަލަތަކާއި އެ ހުރިހާ ކަމަކަށް އަހަރެމެން ހައްލު ހޯދާނަން. އެންމެ މުހިއްމު ކަމަކީ މުބާރާތުގައި ކާމިޔާބު ހޯދުން،" ކުރިން ޖޯޖިއާ އާއި އަފްގާނިސްތާން ޓީމަށް ކޯޗު ކޮށްދިން ސެގާޓް ބުންޏެވެ.

ސާފަށް ރާއްޖޭން ގަތަރުގައި ކޭމްޕް ޖެހީ މިދިޔަ މަހު ހަ ވަނަ ދުވަހު އެވެ. އިއްޔެ އަށް އެއް މަސް ހަމަވެފައިވާއިރު ސެގާޓް ބުނީ ހުރިހާ ކަމެއް ވެސް ދިޔައީ ރަނގަޅަށް ކަމަަށާއި މިހާރު ތައްޔާރީގެ ވާހަކަ ދެއްކުމަށް ވުރެ ބޮޑަށް ބޭނުންވަނީ މުބާރާތުގައި ކުރިއަށް ދިއުމަށް ކަމަށެވެ.

ބަންގްލަދޭޝް އަށް ރާއްޖެ އައީ 22 ކުޅުންތެރިންގެ ސްކޮޑަކާ އެކު އެވެ. މުބާރާތުގައި 20 ކުޅުންތެރިން ރަޖިސްޓްރީ ކުރުމަށް ފަހު ޓީމުން ބާކީކުރީ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ އީގަލްސްގެ މުހައްމަދު ނާއިމް އާއި ކްލަބް ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން އެވެ.

ސްރީލަންކާ އެންމެ ފަހުން ރާއްޖެ އަތުން މޮޅުވީ 2002 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗަކުންނެވެ. އޭގެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ހަތަރު މެޗުން ރާއްޖެ މޮޅުވިއިރު، ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ. މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރީ 2013 ވަނަ އަހަރުގެ ސާފްގަ އެވެ. އެ ފަހަރު 10-0 އިން ރާއްޖެ މޮޅުވިއިރު، އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ދެ ހެޓްރިކް ހަދައިފަ އެވެ. މި ފަހަރުގެ ޓީމުން ތަފާތު ސަބަބުތަކާ ހުރެ ދަގަނޑޭ އަށް ފުރުސަތު ނުދޭން ސެގާޓް ވަނީ ނިންމައިފަ އެވެ. އެކަމާ ގިނަ ބަޔަކު ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ.

މި މެޗު ފަށާނީ ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާއިރު އެވެ.