15 ސެޕްޓެމްބަރ 2018
ސާފް ސުޒުކީ ކަޕްގެ ފައިނަލުގައި އިންޑިއާގެ މައްޗަށް 2-1 އިން ކުރިހޯދައި 10 އަހަރު ފަހުން މި މުބާރާތުގެ ތަށި އުފުލާލި ގައުމީ ޓީމުގައި ހިމެނޭ ކޮންމެ ކުޅުންތެރިއަކަށް މުޅި ގައުމު ޝުކުރު އަދާކުރަން ޖެހޭ ކަމަށް ގައުމީ ކޯޗު ޕީޓާ ސެގާޓް ބުނެފި އެވެ.
ސާފް ސުޒުކީ ކަޕްގެ ފައިނަލުގައި އިންޑިއާގެ މައްޗަށް 2-1 އިން ކުރިހޯދައި 10 އަހަރު ފަހުން މި މުބާރާތުގެ ތަށި އުފުލާލި ގައުމީ ޓީމުގައި ހިމެނޭ ކޮންމެ ކުޅުންތެރިއަކަށް މުޅި ގައުމު ޝުކުރު އަދާކުރަން ޖެހޭ ކަމަށް ގައުމީ ކޯޗު ޕީޓާ ސެގާޓް ބުނެފި އެވެ.
ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ތަށި އުފުލާލީ ފައިނަލުގައި އިންޑިއާ އަތުން 1-0 އިން ހޯދި މޮޅާ އެކު އެވެ. މި ފަހަރުގެ މުބާރާތް ވެސް ކާމިޔާބުކުރީ އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު ބަލިކުރުމަށް ފަހު އެވެ. ރާއްޖޭގެ ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފުގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ. ދެ ވަނަ ހާފުގައި ދެ ވަނަ ލަނޑު ޖެހީ އަލީ ފާސިރު (ސެންޓޭ) އެވެ.
މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ބުނީ ގްރޫޕް ސްޓޭޖުގައި އިންޑިއާ އަތުން 2-0 އިން ބަލިވި ނަމަވެސް ސެމީއާ ހަމައިން ހުރިހާ ކަމެއް ބަދަލުވެއްޖެ ކަމަށެވެ.
"އަހަރެމެން ގްރޫޕް ސްޓޭޖުގައި ކުޅުނީ ތަފާތު ގޮތަކަށް. ސެމީއާ ހަމައިން އަހަރެމެން ކުޅޭ ސްޓައިލް ބަދަލުވެއްޖެ. އަހަރެމެން އަވަސް ހަލުވި ކުޅުންތެރިން ބޭނުންކުރީ ފަހު ދެ މެޗުގައި. ތެދެއް ވަރަށް ބޮޑަށް ނަސީބު އެހީވެގެން އަހަރެމެންނަށް ސެމީ ފައިނަލަށް އާދެވުނީ. އެކަމަކު ފަހުން މިއީ އަހަރެމެންގެ ބުރަ މަސައްކަތް،" ސެގާޓް ބުންޏެވެ.
މިރޭގެ ފައިނަލުގެ ފުރަތަމަ ހާފުގައި ލިބުނު އަނިޔާއެއްގެ ސަބަބުން ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ބަދަލުކުރަން ޖެހުނެވެ. ސެގާްޓް ބުނީ އޭގެ ފަހުން އުނދަގޫވި ނަމަވެސް ކުޅުންތެރިން އޭނާގެ ރޭވުންތެރިކަމާ އެއްގޮތަށް މަސައްކަތްކުރުމުން ކާމިޔާބު ލިބުނީ ކަމަށެވެ.
"އަހަރެންގެ އެސިސްޓަންޓް ގެލާ އާއި ޓްރެއިނަރާ އެކު އަހަރެން 20 ވަރަކަށް ގަޑިއިރު މަސައްކަތްކުރިން އިންޑިއާގެ ބަލިފައިތައް ހޯދަން. ތެދެއް އަކޫ ދިޔައީމަ ވަރަށް އުނދަގޫވި. އެކަމަކު ހާފް ޓައިމްގައި ވެސް އަހަރެން ބުނިން އިތުރު ގޯލެއް ޖަހައިގެނޭ މިކަން ވާން އޮތީ،" ސެގާޓް ބުންޏެވެ.
އޭނާ ބުނީ މި ކާމިޔާބީގެ ހުރިހާ ޝުކުރެއް ހައްގުވަނީ އެންމެ ބުރަކޮށް މަސައްކަތް ކުރި ކުޅުންތެރިންނަށް ކަމަށެވެ.
"އަހަންނަށް ބުނެވޭނެ މި މުބާރާތުގައި ނުކުޅޭ މި ކުޅުންތެރިންނަށް ވުރެން ބޮޑަށް ތަށި ހައްގުވާ އެހެން ކުޅުންތެރިން. މި ކުޅުންތެރިން 41 ދުވަސް މި ހޭދަކުރީ އާއިލާ އާއި ރައްޓެހިންނާ ދުރުގައި މި ކާމިޔާބީ ހޯދަން. މުޅި ގައުމު މި ކުޅުންތެރިންނަށް ޝުކުރު އަދާކުރަން ޖެހޭ،" ސެގާޓް ބުންޏެވެ.
އޭނާ އާއި މީޑިއާއާ ދެމެދު ގުޅުން އެންމެ ރަނގަޅު ނުވި އެއް ސަބަބަކީ މީޑިއާގެ ބައެއް ސުވާލުތަކަށް ޖަވާބު ނުދިނުން ކަމަށާއި އެކަން ކުރީ ސަބަބެއް އޮވެގެން ކަމަށް ސެގާޓް ބުންޏެވެ.
"އަހަރެން މާޗް 17 ގައި ރާއްޖެ އައިސް އެފްއޭއެމް އާއި މީޑިއާގައި ވެސް ނުބުނަން އަހަރެންގެ އަމާޒަކީ މި މުބާރާތް ކާމިޔާބު ކުރުމޭ. ބުނީ ކުޅުންތެރިން ގާތުގައި އޭރު މި ކުޅުންތެރިން ވެސް އެކަމާ ހީ ސަކަރާތްޖަހާ. މިދިޔަ ހަ މަސް ދުވަހު އަހަރެން މީޑިއާއާ ވަރަށް ކުރިމަތިލައިފިން އެއީ މި ކުޅުންތެރިން ހިމާޔަތްކުރަން. އަހަރެން އެގޮތަށް ހެދީ މީޑިއާގެ ބައެއް ސުވާލުތަކަށް ޖަވާބު ނުދޭން. އެއީ ހާލަތުތަން ނުދޭތީ. އެކަމަކު އެންމެ ބޭނުންވާ ހިސާބުގައި މިހުރީ ސުވާލަށް ޖަވާބު ވެސް ދެވޭނެ،" އޭނާ ބުންޏެވެ.
ގައުމީ ކޯޗު ސެގާޓް (ކ) މެޗުގެ ތެރެއިން ބޯލްބޯއީއަކާ އެކު. -- ފޮޓޯ: އިމޭޖަސް،އެމްވީ
ސެގާާޓް ގައުމީ ޓީމާ ހަވާލުވިއްސުރެން އޭނާ އަށް އެންމެ ބޮޑު ފާޑުކިޔުންތަކެއް އަމާޒުވީ މީޑިއާގައި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)އާ ބެހޭގޮތުން އޭނާ ދެއްކި ވާހަކަތަކާ ގުޅިގެންނެވެ. މިރޭގެ މެޗަށް ފަހު ސެގާޓް ބުނީ ދަގަނޑޭ އަށް އޭނާގެ ބޮޑު އިހުތިރާމެއް އޮންނަ ކަމަށެވެ.
"އެ ކުޅުންތެރިންނާ މި ކުޅުންތެރިންނާ އަޅާނުކިޔާ. މީގެ 10 ކުރިން އޮތީ ވަރަށް އެހެން ކަހަލަ ފުޓްބޯޅައެއް. މިހާރު އެކަން ބަދަލުވެއްޖެ. އަހަރެން ބޭނުން އިމްރާން. ދަގަނޑޭ އަދި އަޑޭ ހެން މި ކުޅުންތެރިންގެ ވާހަކަ ވެސް ދައްކަން. އިމްރާން އަހަންނަށް މެސެޖް ވެސް ކުރޭ. އަޑޭ އަހަންނަށް އިއްޔެ ވެސް ގުޅި. ދަގަނޑޭ އަށް އަހަރެން ވަރަށް އިހުތިރާމް ކުރަން. މިހާރު ފޯކަސް ކުރަންވީ މި ތިބި ކުޅުންތެރިންނަށް،" ސެގާޓް ބުންޏެވެ.
މި ކާމިޔާބީ އަކީ ގައުމީ ކޯޗު ޕީޓާ ސެގާޓް އަށް ވެސް ހާއްސަ ކާމިޔާބެކެވެ. މި މުބާރާތް އެންމެ ފަހުން 2015 ވަނަ އަހަރު ޓްރިވެންޑްރަމްގައި އޮތްއިރު ސެގާޓް އިރުޝާދުދިން އަފްގާނިސްތާން ފައިނަލުގައި ބަލިވީ އިންޑިއާ އަތުންނެވެ.
"އަހަރެން އަފްގާނިސްތާނާ އެކު އެންމެ ފަހުން ފައިނަލްގައި ބަލިވީ. އެހެންވެ އެ ގައުމުގެ މީހުން ވެސް ބޭނުންވި އަހަރެން މި ފަހަރު މޮޅުވާން. މި ކާމިޔާބީ އަފްގާނިސްތާނަށް ވެސް ހާއްސަކުރަން،" ކުރިން ޖޯޖިއާ އާއި އަފްގާނިސްތާނަށް ކޯޗުކޮށްދިން ސެގާޓް ބުންޏެވެ.
ގައުމީ ކޯޗު ޕީޓާ ސެގާޓް (ކ) އާއި ޓީމުގެ މެނޭޖަރު މުހައްމަދު އީސާ. -- ފޮޓޯ: އިމޭޖަސް،އެމްވީ
ބަންގްލަދޭޝްގެ ކޯޗު އިންގްލެންޑްގެ ޖޭމީ ޑޭގެ މުސްތަގުބަލާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އެ ގައުމުގެ ކޯޗުކަން ސެގާޓަށް ހުށަހަޅައިފިނަމަ ގަބޫލުކުރާނަންތޯ އެ ގައުމުގެ ނޫސްވެރިއަކު ކުރި ސުވާލަށް ސެގާޓް ވަނީ ޖަވާބު ދީފަ އެވެ.
"އަހަރެންގެ ކޮންޓްރެކްޓެއް އެބައޮތް ރާއްޖެއާ އެކު. އެފްއޭއެމް އާއި އަހަރެންގެ ރައީސް ބައްސާމް އަހަރެން ބޭނުންވެއްޖިއްޔާ އަހަރެމެން ކުރިއަށް އޮތް ދުވަސްތަކުގައި ވާހަކަ ދައްކާނަން. އެކަމަކު މި ވަގުތު އަހަރެން ބޭނުމީ އަރާމްކުރަން ވަރަށް ޕްރެޝަރާ ކުރިމަތިލައިފިން. އަހަރެން އަށް ކިލޯ ލުއިވެއްޖެ،" ހެވިފައި ހުރެ ސެގާޓް ބުންޏެވެ.
އޭނާ ބުނީ ގައުމީ ޓީމުގެ ކާމިޔާބީ ކުރިއަށް އޮތް ތިން ދުވަހަށް ދައްމާލަން ޖެހޭ ކަމަށާއި މި ކުޅުންތެރިންނަކީ ކުރިއަށްއޮތްތަނުގައި ގިނަ ކާމިޔާބީތަކެއް ހޯދާނެ ކުޅުންތެރިން ކަމަށެވެ. ސެގާޓް ވަނީ ޓީމުގެ މެނޭޖަރު މުހައްމަދު އީސާ ހުރިހާ ކަމެއް ހަމަޖައްސައިދިނުމުގައިވި ގުރުބާނީ ފާހަގަކޮށް އޭނާ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.
ގައުމީ ކޯޗު ފައިނަލް މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަނީ.--
"ތަޖުރިބާކާރު ކޯޗު" އެދެނީ އޭނާގެ ބަސް އެހުމަށް
ގައުމީ ރޫހުގައި ކުޅެފިއްޔާ ކާމިޔާބު ލިބޭނެ: ކޯޗު
ތައުރީފް ކުރަންވީ ކުޅުންތެރިންނަށް: ގައުމީ ކޯޗު
ގުރުން ސެމީ އަށް: ސެގާޓް ވަރަށް ފަހުރުވެރިވެފައި!
ދިވެހިންގެ ނަސީބު ގަދަކަން ފެނިއްޖެ: ގައުމީ ކޯޗު
އިންޑިއާ ވަރުގަދަވިޔަސް ނަތީޖާ ނެރެވޭނެ: ގައުމީ ކޯޗު
އަމިއްލަ ބާރު އޮތުމުން ހިތްހަމަޖެހޭ: ގައުމީ ކޯޗު
ތަފާތު ދައްކަން ޖެހޭނީ ދަނޑުމަތީގައި: ގައުމީ ކޯޗު
"މާޒީގެ ވާހަކަ ނުދައްކާނަން، އަމާޒަކީ މުސްތަގުބަލް"
ޕާކިސްތާން މެޗު ކެންސަލްވުމުން ކޯޗު ރުޅިގަދަވެއްޖެ