Roadha Mihaaru
އީސީން ރީ-ރަޖިސްޓްރީކޮށް ދިނީ 78،964 މީހުން

އީސީން ރީ-ރަޖިސްޓްރީކޮށް ދިނީ 78،964 މީހުން

26 އޯގަސްޓް 2018

އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް، ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅި 95،739 ފޯމްގެ ތެރެއިން ރީ-ރަޖިސްޓްރީ ކޮށްދިނީ 78،964 ފޯމް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް، ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅި 95،739 ފޯމްގެ ތެރެއިން ރީ-ރަޖިސްޓްރީ ކޮށްދިނީ 78،964 ފޯމް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

ރީ-ރަޖިސްޓްރީ ކުރަން ހުށަހެޅި ފޯމްތަކުގެ ތެރެއިން ސައްހަ ކަން ކަށަވަރު ނުވާ ކަމަށް ބުނެ، އީސީން ބާތިލް ކުރީ 5،626 ފޯމެވެ. ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އިސްލާހު ކުރުމަށް ފަހު، މިއަދު އާންމު ކުރިއިރު، 262,135 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ބާތިލް ކުރި ފޯމްތަކުގެ ތެރޭގައި ފުލުހުން މެދުވެރިކޮށް ފިންގަ ޕްރިންޓު ވެރިފައިކޮށްގެން ބެލިއިރު، ސައްހަ ނޫން ފޯމްތައް ހިމެނޭ ކަމަށެވެ. އަދި ފިންގަ ޕްރިންޓު ޖަހާފައި ހުރި ގޮތުން، އެއީ އެމީހާގެ ފިންގަ ޕްރިންޓު ކަން ނޭނގޭ ފޯމުތައް ވެސް ބާތިލްކޮށްފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވާހަކަ ދައްކަވަނީ. ---ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވާހަކަ ދައްކަވަނީ. ---ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ޝަރީފް ވިދާޅުވި ގޮތުގައި ފިންގަ ޕްރިންޓުގެ ސައްހަ ކަން ކަށަވަރު ނުވާ 3،000 އަށްވުރެ ގިނަ ފޯމް ހިމެނެ އެވެ. އަދި ފިންގަ ޕްރިންޓު ޖަހާފައި އޮތީ ފޯމްގެ ވެރިފަރާތް ނޫން ކަން ކަށަވަރުވާ 1،800 އަށްވުރެ ގިނަ ފޯމް ހުރި ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އަދި ފިންގަ ޕްރިންޓު ނެތް ފޯމްތަކެއް ވެސް ހުރި ކަމަށާއި އެ ފޯމްތައް ވެސް ބާތިލްކޮށްފައިވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އެއްވެސް ހާލެއްގައި 5،626 މީހުންނަކީ ވޯޓުލުމުގެ ހައްގުން މަހްރޫމްވެފައިވާ މީހުންނެއް ނޫން. މީގެ ތެރޭގައި ހުރުން އެކަށީގެންވޭ އެމީހަކު ބޭނުން ނުވާ ތަނަކަށް މީހަކު ފޯމެއް ލާފައި ހުރުން. އަޅުގަނޑު ގޮވާލަނީ، ވޯޓާސް ލިސްޓު ޗެކް ކުރައްވާށޭ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، ބާތިލް ކުރި ފޯމްތައް އަލުން ރަނގަޅުކޮށްގެން ހުށަހެޅުމުގެ ފުރުސަތު މާދަމާ އިން ފެށިގެން ތިން ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އަދި ރައްޔިތުން ވޯޓުލާ ތަން ބެލުމަށް ފަހު، އެއްވެސް ޝަކުވާއެއް އޮތް ނަމަ، ތިން ދުވަހުގެ ތެރޭގައި އީސީ އަށް ހުށަހެޅުމަށް ޝަރީފް އެދިވަޑައިގެންނެވި އެވެ.

ޝަރީފް ވިދާޅުވީ ބައެއް މުއައްސަސާތަކާއި ސިޔާސީ ޕާޓީތަކުން ރީ-ރަޖިސްޓްރީކުރަން ފޯމްތައް ގެންދިޔަ އިރު، އެ ފޯމްތައް ރަޖިސްޓްރީވުން ލަސްވެގެން ބައެއް މީހުން ދެ ވަނަ ފަހަރަށް ވެސް ފޯމް ހުށަހެޅި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ފަސް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ފަސް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އީސީން އާންމުކުރި މައުލޫމާތުތަކުގެ ޚުލާސާއެއް:

- ރިޔާސީ އިންތިޚާބުގައި 472 ވޯޓު ފޮށި ބަހައްޓާނެ.

- ރިޔާސީ އިންތިޚާބު މޮނިޓަ ކުރުމަށް 10،506 މޮނިޓަރުން ބައިވެރިވާނެ.

- އޮބްޒާވަރުންގެ ގޮތުގައި 2،524 މީހަކު ހަރަކާތްތެރިވާނެ.

- ބޭރުގެ މޮނިޓަރުންގެ ގޮތުގައި 34 މީހަކު ބައިވެރިވާނެ.

- ދައުވަތު ދީގެން ބޭރުގެ އޮބްޒާވަރުންގެ ގޮތުގައި 25 މީހަކު ބައިވެރިވާނެ.

- އަމިއްލަ ގޮތުން އޮބްޒާވް ކުރަން ފަސް ފަރާތަކުން އަންނާނެ.

- އޮފިޝަލުންގެ ގޮތުގައި 1،895 އޮފިޝަލުން ވަނީ ކަނޑައަޅާފައި.

ބާތިލް ކުރި ފޯމްތަކުގެ ތެރެއިން 2،076 ފޯމް ހުށަހަޅާފައި ވަނީ އެމްޑީޕީ އިން ކަމަށާއި ވެރިކަން ކުރާ ޕީޕީއެމް އިން ހުށަހަޅާފައިވާ 1،789 ފޯމް ހިމެނޭ ކަމަށް ޝަރީފް ވިދާޅުވި އެވެ. ޝަރީފް ވިދާޅުވީ 1،892 ފޯމްތައް ހުށަހެޅީ ކޮން ބައެއް ކަން ކޮމިޝަންގައި އެނގެން އެބަހުރި ކަމަށެވެ. އެކަމަކު، އެ މައުލޫމާތުތައް، ވަގުތު ޖެހުމުން ހާމަ ކުރައްވާނެ ކަމަށް ވިދާޅުވެ، އޭގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅި 95،739 ފޯމްގެ ތެރެއިން 78،964 މީހުންގެ ފޯމް ރީ-ރަޖިސްޓްރީކޮށްދީ, 5،626 ފޯމް ބާތިލް ކުރިއިރު، ބާކީ 11،149 ފޯމަށްވީ ކިހިނެއްތޯ ސުވާލު ކުރުމުން، ޝަރީފް ވިދާޅުވީ އީސީ އަށް ހުށަހެޅި ފޯމުތަކުގެ ތެރޭގައި ރިޕީޓްވެފައި ފޯމްތައް ހުރި ކަމަށެވެ. އަދި ބާތިލް ކުރި ބައެއް ފޯމްތަކަކީ ވެސް ރިޕީޓްވެފައި ހުރި ފޯމްތަކެއް ކަމަށް ޝަރީފްގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ.