Roadha Mihaaru
އިންތިޚާބަށް "ދިއްލޭ" އިލްމުވެރިން އެބަތިބި: ނިހާން

ކޮންމެ އިންތިޚާބަކަށް "ދިއްލޭ" އިލްމުވެރިން އެބަތިބި: ނިހާން

03 ސެޕްޓެމްބަރ 2018

ކޮންމެ އިންތިޚާބަކާ ދިމާކޮށް "ދިއްލޭ" އިލްމުވެރިންތަކެއް ރާއްޖޭގައި އެބަތިއްބެވި ކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިއަދު ރާއްޖޭގެ ދީނީ އިލްމުވެރިންނަށް ފާޑުވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮންމެ އިންތިޚާބަކާ ދިމާކޮށް "ދިއްލޭ" އިލްމުވެރިންތަކެއް ރާއްޖޭގައި އެބަތިއްބެވި ކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިއަދު ރާއްޖޭގެ ދީނީ އިލްމުވެރިންނަށް ފާޑުވިދާޅުވެއްޖެ އެވެ.

އދ. މަހިބަދޫގެ މަގު ހެދުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރުމަށް، ރައީސް އަބްދުﷲ ޔާމީނާ އެކު އެ ރަށަށް ވަޑައިގެން ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ އިންތިޚާބުތަކަށް "ދިއްލޭ" އިލްމުވެރިންގެ ވާހަކަތައް ގަބޫލުކުރަން ދަތިވާ ހިސާބަށް ކަންކަން ގެންދާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން "އައި ތަނެއް ނުވެސް އެނގޭ" ކަމަށް ނިހާން ވިދާޅުވި އެވެ.

"ތަންކޮޅެއް އިހު ޒަމާނުގައި އަޅުގަނޑުމެން މާލޭގައި ފޯރީގައި ޚިތާނު މޫސުން ގެންދާއިރު އުޅޭނެ ދެތިން ހަތަރު ބޭންޑެއް. ޖެހިގެން އިންނަ ގެ އަށް ވުރެން ބޮޑަށް ލާރި ދިނީމަ އަނެއް ގެ އަށް ގޮސް ދެން ހުރި ގެއަށް އާޑަ ފުރައްސާރަކުރާ ކަހަލަ ގޮތަށް އައި ނައި ތަނެއް ނޭނގޭ ގޮތަށް ދިއްލާލާނެ،" ނިހާން ވިދާޅުވި އެވެ.

"މި އިލްމުވެރިންގެ ބައްޓަމާއި ވައްޓަފާޅި އާއި ދައްކާ ވާހަކަ ހުންނަ ގޮތުން ގެއެއްގެ ވޮށް އަލިވާ ހިސާބުގައި އެއްވެސް އިންސާނަކަށް ގަބޫލުކުރަން ނުކުރޭ ހިސާބަށް މި އޮތީ ކަންތައްވެ ނިމި ގޮސްފައި."

އދ. މަހިބަދޫ: ސެޕްޓެމްބަރު 3، 2018- ރައީސް އަބްދުﷲ ޔާމީން މަހިބަދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގެ މަގު ހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގެ ތެރެއިން.---ފޮޓޯ: ރައީސް އޮފީސް

ނިހާން ފާޑުވިދާޅުވީ ސީދާ ކޮން އިލްމުވެރިންތަކަކަށް ކަމެއް ވިދާޅެއް ނުވެ އެވެ. އެކަމަކު، ރިޔާސީ އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ޝައިޚް އިލްޔާސް ދައްކަވަމުން ގެންދަވާ ވާހަކަތަކާ ގުޅިގެން ނިހާން އަންނަނީ ޓުވިޓާގައި ވެސް އޭނާ އަށް ރައްދު ދެއްވަމުންނެވެ. އެގޮތުން އިލްޔާސް އެކި ފަހަރު އެކި ރައީސުންނާ ގުޅޭ ގޮތުން ދައްކަވާފައިވާ ވާހަކަތައް ވެސް ނިހާން ވަނީ އާއްމު ކުރައްވައިފަ އެވެ.

އިންތިޚާބާ ދިމާކޮށް، ނުކުންނަ އިލްމުވެރިންތަކާ ގުޅޭ ވާހަކަ މި ދަތުރުގެ އެހެން ރަށްތަކުގައި ދައްކަވާނެ ކަމަށް ވިދާޅުވެ ނިހާންގެ މައުޟޫއު ބަދަލުކޮށްލެއްވީ ރައީސް އަބްދުﷲ ޔާމީންގެ ތަރައްގީގެ މަޝްރޫއުތަކަށެވެ.

ރައީސް ޔާމީން އދ. މަހިބަދު އަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމުގެ ގޮތުން އެއްވެ ތިބި މީހުންގެ ތެރެއިން ކުޑަކުއްޖެއްގެ ކޮލުގައި ފިރުމާލައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން އދ. މަހިބަދު އަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމުގެ ގޮތުން އެއްވެ ތިބި މީހުންގެ ތެރެއިން ކުޑަކުއްޖެއްގެ ކޮލުގައި ފިރުމާލައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ނިހާން ވިދާޅުވި ގޮތުގައި ރައީސް ޔާމީން ފަސް އަހަރުގެ ތެރޭގައި ރައްޔިތުންނަށް ގެނެސްދެއްވި ތަރައްގީއާ ކައިރިކުރެވޭ ވަރުގެ މަޝްރޫއުތައް ހިންގެވޭނެ ސިޔާސީ ލީޑަރަކު މި ގައުމަކު ނެތެވެ. ވެރިކަމަށް ވަޑައިގަތް އިރު ވެސް ރައީސް ޔާމީން ވިދާޅުވަމުން އައީ މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ވާހަކަފުޅު ކަމަށާއި އެކަން ހަގީގަތަކަށް ވެސް ހައްދަވައި ދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.

"އެއްވެސް ބަޔަކާ ޗެލެންޖް ކުރައްވާނަމެކޭ ވިދާޅެއް ނުވޭ. ރައީސް ވިދާޅުވަމުން ގެންދެވީ މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ވާހަކަ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ މި ސަރުކާރުގައި، ރައީސް ޔާމީން ވަނީ 120 ބިލިއަންގެ މަޝްރޫއު ރައްޔިތުންނަށް ހިންގަވާފައި ކަމަށެވެ.