Roadha Mihaaru
ދިއްކޮށްލި ސިއްރު ނޯޓުގައި ވެސް ވަޒީފާގެ ބިރު!

ދިއްކޮށްލި ސިއްރު ނޯޓުގައި ވެސް ވަޒީފާގެ ބިރު!

10 ސެޕްޓެމްބަރ 2018

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ރަށްރަށަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވަމުން ގެންދަވާއިރު އެކި މީހުން އެކި ގޮތްގޮތަށް އެމީހުންގެ ޝަކުވާ، ދިމާވަ މައްސަލަތައް ކިޔައިދެ އެވެ. އެއްބަޔަކު އެ ވާހަކަތައް ބުނަނީ އެހެން މީހަކަށް އަޑުނީވޭހާ މަޑުންނެވެ. އަނެއް ބަޔަކު ހަވާލުކުރަނީ ނޯޓުތަކެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ރަށްރަށަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވަމުން ގެންދަވާއިރު އެކި މީހުން އެކި ގޮތްގޮތަށް އެމީހުންގެ ޝަކުވާ، ދިމާވަ މައްސަލަތައް ކިޔައިދެ އެވެ. އެއްބަޔަކު އެ ވާހަކަތައް ބުނަނީ އެހެން މީހަކަށް އަޑުނީވޭހާ މަޑުންނެވެ. އަނެއް ބަޔަކު ހަވާލުކުރަނީ ނޯޓުތަކެވެ.

މިދިޔަ ހަފްތާގައި ހއ. އަތޮޅަށް އިބޫ ވަޑައިގެން ހޯރަފުށީގައި ބޭއްވި ޖަލްސާގައި އޭގެ ތެރެއިން އެއް ނޯޓެއްގެ ވާހަކަ ހާމަކުރެއްވި އެވެ. އެއީ ހއ. ގެ ޒުވާނަކު އޭނާއަށް ދިން ނޯޓެކެވެ. އެޒުވާނާ އެދުނީ އޭނާ ނިސްބަތްވާ ރަށް ނޫން އެހެން ރަށަކަށް ވަޑައިގެން، އެ ނޯޓުގައި އޮތް އެއްޗެއް ވިދާޅުވިޔަސް މައްސަލައެއް ނެތް ކަމަށެވެ.

"އޭގައި މިއޮންނަނީ އަޅުގަނޑު އިބޫއަށް ތާއީދުކުރަން އައުމުން އަޅުގަނޑުގެ ބައްޕަގެ ވަޒީފާ އެހެން ރަށަކަށް ބަދަލުކުރާނޭ. އިބޫގެ ވެރިކަމެއްގައި ބައްޕަ އަނބުރާ ގެނެސް ދެއްވާށޭ،" ކުރު އެ ނޯޓު އިބޫ ކިޔައިދެއްވި އެވެ.

އެއީ ހަގީގަތެކެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ކަވަރޭޖަށް، އިބޫއާ އެކު އަޅުގަނޑު 47 ރަށަށް ދެވުނު އިރު ކޮންމެ ރަށަކުން ވެސް އެޝަކުވާ އަޑުއަހަން ޖެހެ އެވެ. ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ މީހުން އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާކަން ހާމަކުރާ ހިސާބުން މާ ދުރު ރަށްރަށަށް ވަޒީފާ ބަދަލުކޮށް ދަތިތައް ކުރިމަތި ކުރުވަނީ އެވެ. ހާއްސަކޮށް ފެނަކަ ކުންފުނީގެ މުވައްޒަފުންނެވެ.

އެކަމަކު ރިޔާސީ އިންތިހާބު ބޯމަތިވެފައިވުމާ އެކު ބައެއް މުވައްޒަފުންގެ ބިރު ވެސް ވަނީ ފަހަނައަޅާފަ އެވެ. އިދިކޮޅު ކޯލިޝަނަށް ފާޅުގައި ގެންދަނީ ތާއީދުކުރަމުންނެވެ. އެކަމަކު ވަޒީފާ އިން ވަކިކުރުމާއި ދުރު ރަށްރަށަށް ވަޒީފާ ބަދަލުކުރުމާއި އުޅޭ ސެކްޝަން ނޫން އެހެން ތަންތަނަށް ބަދަލުކުރުން ފަދަ ފިޔަވަޅުތައް ކުންފުނިތަކުން ދަނީ އަޅަމުންނެވެ.

މާލޭގައި ހުންނަ ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ ވާހަކަ އިހަށް ބާއްވާށެވެ. އެ ކުންފުނިތަކުގެ އެތައް މުވައްޒަފުންނަކަށް ވެސް، މެނޭޖްމަންޓުން ތަފާތު ފިއްތުންތައް ކުރިމަތިކުރުވަ އެވެ. އެމީހަކު ބޭނުންވާ ސިޔާސީ ފިކުރަކަށް ތާއީދުކުރުމަކީ އަސާސީ ހައްގެއް ނަމަވެސް، ހައްގުތައް ހަނިކޮށްފައިވާ ސަރުކާރުން، އާންމުންނާ މެދު އެ ވިސްނުމަކުން ނުވިސްނަ އެވެ.

ހޯރަފުށިން ދިމާވި ސަރުކާރު ކުންފުންޏެއްގެ ޑްރައިވަރަކީ ފުވައްމުލަކު މީހެކެވެ. ރާއްޖޭގެ އެންމެ ދެކުނުން އެންމެ އުތުރަށް އޭނާގެ ވަޒީފާ ބައްދަލުކުރީ އަމިއްލަ ރަށަށް ނިސްބަވެވަޑައިގަންނަވާ އިދިކޮޅު ރަނިން މޭޓް ފައިސަލް ނަސީމަށް، ފާޅުގައި ތާއީދުކުރުމުންނެވެ. މެދު އުމުރުގެ އެ މުވައްޒަފުގެ ޝަކުވާތައް ބައިވަރެވެ.

ރައީސް އަބްދުﷲ ޔާމީނަށް، ސިވިލް ސާވިސްގެ މުވައްޒަފުންނާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ފާޅުގައި ތާއީދުކުރުން މައްސަލައަކަށް ނުވެ އެވެ. ބައެއް މުވައްޒަފުން އެ މީހުންގެ ރަސްމީ މަސައްކަތް ނުކޮށް ރައީސް ޔާމީންގެ ކެމްޕޭނުގައި ގެންދަނީ ހަރަކާތްތެރިވަމުންނެވެ. އެ މީހުންނަށް ޕްރޮމޯޝަން ލިބެ އެވެ. އެ މީހުންނަށް އެހެން ފަސޭހަތައް ވެސް ތަނަވަސްކޮށްދެ އެވެ.

މި ހަގީގަތް މިހެން ހުއްޓަސް، ރައީސް ޔާމީނަކީ "ގައުމީވަންތަ" ބޭފުޅެއް ކަމަށް ބަލައި، އެމަނިކުފާނު ސަރުކާރުގެ އެ އަމަލްތަކަށް ބައެއް މީހުން ތާއީދުކުރެ އެވެ. އެކަމަކު އިދިކޮޅު މީހުން ތަކުރާރުކޮށް ގޮވަމުން ދަނީ، ސަރުކާރުގެ މުވައްޒަފުންނަށް ނުހައްގުން ދޭ އަނިޔާތައް، އެހެން އެއްވެސް ސަރުކާރެއްގައި މި ފެންވަރަށް ނުދާ ކަމަށެވެ.

އިދިކޮޅަށް ތާއީދުކުރާ ގިނަ މުވައްޒަފުން އަދިވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. ތިން އަހަރަށް ފަހު މާލޭގައި ބޭއްވި އިދިކޮޅު ފުރަތަމަ ޖަލްސާ ބަލަން ދިޔަ މީހުންތަކުން ކާނިވާ ސަރަހައްދު ފުރި ބަންޑުންވެ، ކައިރި އިމާރާތްތަކުގެ ބެލްކަނީތަކަށް ވެސް މީހުން އަރައި އުޅުނު އިރު، އޭގެ ތެރޭގައި ސަރުކާރުގެ އެތައް ސަތޭކަ މުވައްޒަފުން ވެސް ހިމެނެ އެވެ. އެ ޖަލްސާ އިން ޒުވާނުން ނުފެންނަ ކަމަށް ރައީސް ޔާމީން ވިދާޅުވިޔަސް، ޒުވާނުންގެ ހިނިތުންވުމާއި ކެރުމުގެ ނިޝާންތައް ފޮޓޯތަކުންނާއި ވީޑިއޯތަކުން އެހެރީ ފެންނާށެވެ.

ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގު ނިގުޅައިގަތުމަށް ޕީޕީއެމްގެ އާންމު މެމްބަރުން ވެސް ހަރަކާތްތެރިވެ އެވެ. އެގޮތުން ރަށްރަށުގައި، ސަރުކާރު ކުންފުނިތަކުގައި އުޅޭ އިދިކޮޅަށް ސަޕޯޓްކުރާ މުވައްޒަފުންގެ ހަރަކާތްތަކަށް "ޖާސޫސްކޮށް" ހަދަ އެވެ.

"އެމީހުންގެ މީހުން [ސަރުކާރު ވަޒީފާތަކުގައި ތިބި ޕީޕީއެމް މީހުން] އައިސް ބަލާ ހަދައި، ފޮޓޯ ނަގާފައި އެދަނީ. އެބަލަނީ ކޮން ބައެއްތޯ އައިސް ތިބީ. އެހެންވެ މީހުންނަށް ނުކެރެނީ ނުކުންނަން،" ލ. މާބައިދޫން ދިމާވި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރަކު ބުންޏެވެ.

ބައެއް މީހުން ބުނި ގޮތުގައި ސިޔާސީ ވާދަވެރިކަން ބޮޑުވެ، ވަޒީފާ ގެއްލުމުގެ އިތުރުން ރަށުގައި އުޅެން ވެސް އުނދަގޫވާ ހިސާބަށް ޕީޕީއެމްގެ ސިޔާސަތު ވަނީ ގޮސްފަ އެވެ. އިދިކޮޅަށް ތާއީދުނުކުރުމަކުން އަދި ސަލާމަތެއް ނެތެވެ. ސަރުކާރު ދިފާއުކުރަން ނުނިކުތަސް، ނުވަތަ ޕީޕީއެމްގެ ހަރަކާތްތަކުގައި ބައިވެރިނުވިޔަސް ބައެއް މުވައްޒަފުންނަށް މައްސަލަތައް ދިމާވެ އެވެ.

"ރަށުގައި ހުރެ ރަނގަޅު އާމްދަނީއެއް ލިބޭނެ ގޮތަކީ ސަރުކާރުގެ ވަޒީފާއެއް. އެއީ އެހާ ގިނަ ވަޒީފާއެއް ނޫން. ދެން ވަރަށް ވާދަވެރިކަން ބޮޑުވާނެތާ. އެ ވަޒީފާ ގެއްލިއްޖެއްޔާ ދެން ފަސޭހައަކުން ވަޒީފާއެއް ނުލިބޭނެ،" ކުރިން ޕީޕީއެމަށް ގޮސް ހުސްވެފައި އޮތް އެކަމަކު މިހާރު އިދިކޮޅު ސަޕޯޓަރުން ގިނަ ތ. ގުރައިދޫން ވާހަކަ ދެއްކި ޒުވާނަކު ބުންޏެވެ.

އިބޫ ވިދާޅުވީ ކޯލިޝަންގެ ވެރިކަމެއްގައި އެފަދަ ފަރާތްތަކުގެ ވަޒީފާތައް އިޔާދަކޮށް ލިބުނު ގެއްލުމުގެ ބަދަލު ހޯދައިދެއްވާނެ ކަމަށެވެ. އަދި ސިޔާސީ އެކި ފިކުރުގެ މީހުންނަށް ވެސް އޭނާގެ ސަރުކާރުގައި ވަޒީފާ އަދާކުރެވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިދިކޮޅު ބޮޑު ޖަލްސާގައި، ކޮންމެ ބޭފުޅަކުހެން އެ މައުލޫއުގައި ވާހަކަ ދެއްކެވި އެވެ. ސިޔާސީ ފިކުރު ތަފާތުވެގެން ސަރުކާރު މުވައްޒަފުންގެ ވަޒީފާ އަދާކުރުމުގެ ހައްގަށް އުނިކަން ނާންނާނެކަމުގެ ޔަގީންކަން ދެއްވި އެވެ.

އެމީހެއްގެ ސިޔާސީ ފިކުރު ހާމަކުރަން ޖެހިލުންވުމަކީ މިނިވަންކަން ނެތުމުގެ ނިޝާނެކެވެ. ބިރުވެރިކަން އުފެދިފައި އޮތްކަމުގެ ނިޝާނެކެވެ. ވަކި ފަރާތަކަށް ވޯޓު ލާން މަޖުބޫރެއް ނުކުރެވޭނެ އެވެ. އެއީ މިހާރު ރާއްޖޭގެ މާޒީއެކެވެ. އެހެންކަމުން އެކަން އިއާދަކުރަން މަސައްކަތްކުރިޔަސް، އިންތިހާބުގައި އެކަން ކާމިޔާބުވާނެކަމާ މެދު ޝައްކެވެ.