Roadha Mihaaru
ވޯޓުލާ ތަނަށް އަމިއްލަ ގަލަން ވެއްދެން ޖެހޭނެ: މާރިޔާ

ވޯޓުލާ މަރުކަޒަށް އަމިއްލަ ގަލަން ވެއްދެން ޖެހޭނެ: މާރިޔާ

06 ސެޕްޓެމްބަރ 2018

މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒަށް އަމިއްލަ ގަލަން ހިފައިގެން ވަދެވޭ ގޮތަށް މަގުފަހިކޮށް ދިނުމަށް، އިދިކޮޅު ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް މިއަދު ގޮވާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒަށް އަމިއްލަ ގަލަން ހިފައިގެން ވަދެވޭ ގޮތަށް މަގުފަހިކޮށް ދިނުމަށް، އިދިކޮޅު ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް މިއަދު ގޮވާލައިފި އެވެ.

ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން، ރާއްޖެ އިން ބޭރުން ގަލަންތަކެއް ގެނައި ކަމުގެ އަޑުތައް ފެތުރިފައިވާ ކަމަށެވެ.

ގަލަންތަކުން ފާހަގަ ޖަހާތާ އިރުކޮޅެއް ފަހުން، ފާހަގަ ފޮހެވިގެންދާ ވާހަކަ އިވިވަޑައިގެންފައިވާތީ އެކަން އިލެކްޝަންސް ކޮމިޝަނުން ސާފުކޮށް ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހައްގެއް ވޯޓު ޖެހުމަކީ. އިލެކްޝަންސް ކޮމިޝަނަކުން ނޫން، ފާހަގަ ޖަހާނެ ގަލަމާއި ފާހަގަ ޖަހާނެ ގޮތާއި އެ ހުރިހާ އެއްޗެއް ދައްކާނީ. އެއީ އަޅުގަނޑުމެންގެ އަމިއްލަ ހައްގެއް. ވޯޓުލާ މަރުކަޒަށް އަޅުގަނޑުމެންގެ އަމިއްލަ ގަލަން ވެއްދެން ޖެހޭނެ،" މާރިޔާ ވިދާޅުވި އެވެ.

އިދިކޮޅުގެ މި ތުހުމަތާ ގުޅިގެން ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމާ ގުޅުމުން އޭނާ ފޯން ނުނަންގަވާތީ އީސީގެ ޖަވާބެއް ލިބޭ ގޮތެއް ނުވި އެވެ.

މާރިޔާ ވިދާޅުވި ގޮތުގައި އާންމުންގެ ތެރޭގައި މިފަދަ ޝައްކުތަކެއް އުފެދިފައިވާތީ، މިއަދުން މިއަދަށް ވެސް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ނުކުމެވަޑައިގެން "ރައްޔިތުން ބޭނުންވާ ގަލަން ވައްދައިގެން އޭގައި ފާހަގަ ޖެހޭނެކަން" ސާފުކޮށް ދެއްވަން ޖެހެ އެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ، ޓެބްލެޓް މެދުވެރިކޮށް އިއުލާން ކުރަން އުޅޭ ކަމުގެ އަޑުތައް މީގެ ކުރިން ފެތުރުނެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިޚާބުގެ ނަތީޖާ، ޓެބްލެޓް މެދުވެރިކޮށް އިއުލާން ނުކުރާނެ ކަމަށާއި ވޯޓު ގުނުމުގެ މަރުހަލާ އަށް އެއްވެސް ތަފާތެއް ނާންނާނެ ކަމަށެވެ.