Roadha Mihaaru
ރައްޔިތުން މިފަހަރު އިންސާފުވެރި އިންތިހާބެއް  ހޯދާނެ

ރައްޔިތުން މިފަހަރު އިންސާފުވެރި އިންތިހާބެއް ހޯދާނެ: އިބޫ

14 ސެޕްޓެމްބަރ 2018

މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިހާބަކީ، މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް މިފަހަރު ހަދާނީ ރައްޔިތުން ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު އދ. ދިގުރަށުގައި ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން އދ. ދިގުރަށުން މުހައްމަދު ޔާމީން

މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިހާބަކީ، މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް މިފަހަރު ހަދާނީ ރައްޔިތުން ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު އދ. ދިގުރަށުގައި ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބަށް ނުވަ ދުވަހަށްވީއިރު، އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު ޝަކުވާއަކީ، ރިޔާސީ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަމަލުކޮށްފާނެ ގޮތަކާ މެދުގަ އެވެ. އީސީގެ އަމަލުތަކުން ރާއްޖޭގައި އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ. އެކަމަކު، އީސީ އަށް އަމާޒުވާ ތުހުމަތުތަކަށް ރައްދު ދީ، އެ ކޮމިޝަނުން ތަކުރާރުކޮށް ބުނަނީ، މިފަހަރުގެ އިންތިހާބަކީ ހާމަކަން ބޮޑު، ދެ ފުށް ފެންނަ ގޮތަށް ބާއްވާ އިންތިހާބެއް ކަމަށެވެ. އަދި އިންތިހާބު އޮޅުވާލުމަށް އެ ކޮމިޝަނުން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށް ތަކުރާރުކޮށް ދަނީ ބުނަމުންނެވެ.

އިބޫ މިއަދު ދިގުރަށަށް ވަޑައިގެން، އެ ރަށުގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ. - ފޮޓޯ: އެމްޑީޕީ

އިބޫ މިއަދު ދިގުރަށަށް ވަޑައިގެން، އެ ރަށުގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ. - ފޮޓޯ: އެމްޑީޕީ

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުގައި މިއަދު ދިގުރަށުގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ އިންތިހާބަށް ހަފްތާއަކަށްވުރެ މަދު ދުވަސްކޮޅަކަށް ވީއިރު، އަތުވެދާނެ ގޮންޖެހުމަކަށް ރައްޔިތުން ތައްޔާރަށް ތިބެން ޖެހޭނެ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މިހާތަނަށް މަސައްކަތް ކުރީ، ހުރިހާ ގޮންޖެހުންތަކެއް ހުރަސްކށް، މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް މަގުފަހިކުރަން ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އިންތިހާބަށް މަދު ދުވަސްކޮޅަކަށްވީއިރު، އުންމީދީ މަންޒަރުތަކެއް ފެންނަ ކަމަށް އިބޫ ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެނޭ، މިނިވަން އިންސާފުވެރި އިންތިހާބެއް މިފަހަރު ރައްޔިތުން ހޯދައިދޭނެ،" ދިގުރަށުގައި އުޅޭ ގިނަ އަދަދެއްގެ މީހުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވި އެވެ.

އިބޫ ވަނީ ވޯޓުލުން އޮންނަ ދުވަހު، ވީހާވެސް ގިނަ ބަޔަކު ހެނދުނާ ނުކުމެ، ވޯޓު ލައި، ވޯޓު ފޮށި ފުރާލުމަށް އެދިވަޑައިގެންފަ އެވެ. އެއަށްފަހު، ނަތީޖާ ލިބެން ދެން ތިބުމަށާއި ވޯޓު ފޮށިތަކުގެ ނަތީޖާ އިއުލާން ކުރަންވާނީ ވޯޓުލާ މަރުކަޒުގައި ތިބޭ މީހުންގެ ކުރިމަތީގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިންތިހާބަށް ކޯލިޝަނުން ނުކުތީ ވަރަށް މުހިންމު މަސައްކަތްތަކެއް ކޮނޑުގައި އަޅައިގެންނެވެ. އެގޮތުން، އިންސާފު ގެއްލި، ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރިވަމުންދާ ކަމަށާއި އެއްވެސް ރައްޔިތަކަށް މާދަމާ މިނިވަންކަމާއެކު ހުރެވޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް އަސާސީ ހިދުމަތްތައް ފޯރުކޯށްދިނުމަށް ބޭނުންވާ ކަން ހާމަ ކުރައްވައި، އިބޫ ވަނީ ދިގުރަށާއި އދ. އަތޮޅުގެ ބައެއް ރަށްތަކަށް ފުރިހަމަ ކޮށްދެއްވާނެ ބައެއް ކަންކަން އިއުލާން ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ބަނދަރު ހެދުމާއި ސްކޫލްގެ ޖާގަ އިތުރު ކުރުމާއި ސިއްހީ ނިޒާމު ތަރައްގީ ކުރުމާއި އާސަންދަ ހަމަހަމަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖައްސައި ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިބޫގެ މި ދަތުރުގައި މިއަދު ހެނދުނު ވަނީ އދ. ފެންފުއްޓަށް ވަޑައިގެން، އެ ރަށުގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވައިފަ އެވެ. މި ދަތުރުގައި މިއަދު އދ. މަހިބަދޫއަށާއި އއ. ބޮޑުފުޅަދޫއަށާއި އިބޫގެ އުފަން ރަށް، ހިންނަވަރަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.