Roadha Mihaaru
އިބޫގެ އަމަލުތައް ހުރީ ޖެއްސުންކުރާ ގޮތަށް: ނިހާން

އިބޫގެ އަމަލުތައް ހުރީ ޖެއްސުންކުރާ ގޮތަށް: ނިހާން

13 ސެޕްޓެމްބަރ 2018

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ އަަމަލުތައް ހުރީ ޖެއްސުންކުރާ ގޮތަކަށް ކަމަށް، ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިޙާން މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ އަަމަލުތައް ހުރީ ޖެއްސުންކުރާ ގޮތަކަށް ކަމަށް، ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިޙާން މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ ރިޔާސީ އިންތިޚާބަށް ބާކީ 10 ދުވަސް ވެފައިވާއިރު، މިހާތަނަށް އިބޫގެ ފަރާތުން އާ ވައުދެއް ނުފެންނަ ކަމަށެވެ. އޭނާ ވެވަޑައިގަންނަމުން އަންނަނީ، ޕީޕީއެމުން ކޮށްދޭނެ ނުވަތަ ކޮށްދީފައިވާ ވައުދުތަކެއް ކަމަށާއި އެއީ ކޮޕީކެޓް ވައުދުތަކެއް ކަމަށް ވިދާޅުވި އެވެ.

"ކޮޕީކެޓް ވައުދުވެވަޑައިގަންނަވާ، ކޮޕީކެޓް ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ އާ ވައުދެއް އަޅުގަނޑުމެންނަކަށް މިއަދާ ހަމައަށް ނުފެނޭ. އިއްޔެ ވެސް އަޅުގަނޑު ދަންނަވާލި، އިބޫގެ މި އަމަލުތައް މި އަންނަނީ ވަރަށް ޖެއްސުންކުރާ ރާގަށް، ޖެއްސުންކުރާ ގޮތަކަށޭ،" ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވި އެވެ.

ރާއްޖެޓީވީ އަށް އިޝާރާތް ކުރައްވައި ނިހާން ވިދާޅުވީ ސާބިތު ހެއްކެއް ނެތި މީހެއްގެ އަބުރަށް އަރައިގެންފައިވާނަމަ ގިނަ ފަހަރަށް އެކަމުން ސަލާމަތްވާންޖެހޭނީ "އަބުރުފުޅު ފަންޑު" ގެ ނަމުގައި ފަންޑު ފޮއްޓެއް ހުޅުވައިގެން ކަމަށެވެ. އޭނާ އިޝާރާތްކުރެއްވީ ރާއްޖެ ޓީވީ ޖޫރިމަނާކުރުމުން ފައިސާ ހޯދަން ހުޅުވާ ފަންޑަށެވެ. އެހެންވެ ރިޕޯޓުތައް ގެނެސްދިނުމުގައި، ގާނޫނުގައި ބަޔާންކޮށްފައިވާ އިމުގެ ތެރެއިން އެކަން ސާފުކުރުމަށްފަހު ހަބަރު ގެނެސްދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ އަބުރަށް އަރައިގެން ކަމަށް ބުނެ މީގެ ކުރިން ރާއްޖެ ޓީވީ ވަނީ ބޮޑު އަދަދުތަކުން އެތައް ފަހަރަކު ޖޫރިމަނާކޮށްފަ އެވެ. ކޮންމެ ފަހަރަކު ވެސް ޖޫރިމަނާގެ ފައިސާ ދައްކަނީ "އަބުރުފުޅު ފަންޑު" ގެ ނަމުގައި ފަންޑެއް ހުޅުވައި އެއިން ލިބޭ އެހީންނެވެ.

ނިހާން ވިދާޅުުވީ ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ވެސް ސިޔާސީ ވާހަކަތައް ދައްކަނީ އެކަމާ ގުޅޭ މައުލޫމާތުތައް އެއްކުރުމަށްފަހު ކަމަށެވެ.

"އަޅުގަނޑުމެން ވެސް ސިޔާސީ ގޮތުން ދަންނަވަމުންދާ ވާހަކަތައް މި ދަންނަވަނީ އަޅުގަނޑުމެން ހޯދަންޖެހޭ މައުލޫމާތު، އެކަށޭނެ މިންވަރަކަށް އެއްކުރުމަށްފަހުގައި. އެއްވެސް ބޭފުޅަކާ މެދު ސާބިތު ނުހިފޭ ވާހަކައެއް ހަމަ ގައިމު ވެސް އަޅުގަނޑުމެންގެ ޕްލެޓްފޯމެއްގައި ނުދެއްކުމަށް އަޅުގަނޑުމެން ވާނީ، އަޅުގަނޑުމެންގެ ހުރިހާ މެމްބަރުންނަށް ވެސް ސާފުކޮށް ދަންނަވާފައި. އެބޭފުޅުން މަސައްކަތްޕުޅުކުރައްވާނީ އެގޮތަށް އެކަން ކުރިއަށްގެންދެވޭތޯ،" ނިހާން ވިދާޅުވި އެވެ.

މިއީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރަށްވެފައި، އެ ޕާޓީން ދައްކާ ވާހަކަތަކާ މެދު ހިތްހަމަނުޖެހޭ ކަމެއް އޮތް ކަމުގައިވާނަމަ ޕީޕީއެމާ ގުޅައިގެން ކުރިއަށްގެންދިއުމަށް ވެސް ނިހާން ވަނީ އެދިވަޑައިގެންފަ އެވެ.

ނިހާން ވިދާޅުވީ މި މަހުގެ 23 ގައި ބާއްވާ އިންތިޚާބު ކާމިޔާބުކުރަން ޕީޕީއެމުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ޕީޕީއެމްގެ ހަރަކާތްތައް ވަރަށް ބޮޑަށް ހިންގަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ޕާޓީއަށް ވިޔަސް ގިނަ ބަޔަކު ބައިވެރިވާ ޖަލްސާއަކަށް ތަނެއް ހޯދުމަކީ އުނދަގޫ ކަމެއް ކަމަށާއި އަންނަ ހޯމަ ދުވަހު ބޮޑު ޖަލްސާ ބާއްވާނެ ތަނެއް ހޯދުމުގެ މަސައްކަތް އަދި ވެސް ކުރަމުން އަންނަ ކަން ނިހާން ފާހަގަކުރެއްވި އެވެ.

ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ އޭނާ ތަމްސީލުކުރައްވަމުން އަންނަ ދާއިރާގެ ރަށްރަށުގައި ވެސް ވަރަށް ފޯރީީއާ ޖޯޝާއެކު ކެމްޕެއިން ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ފާއިތުވި 30 އަހަރަށް ވުރެ، ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ދައުރުގައި ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ ތަރައްގީ ކަމަށާއި ރިޔާސީ ދެ ވަނަ ދައުރަކަށް، ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކުރައްވާނެ ކަމަށް ރިޔާޒު ވިދާޅުވި އެެވެ.