Roadha Mihaaru
ޕީޕީއެމް، "އަސްލު" ބޭފުޅުންނާ ހަވާލުކުރާނަން: އިބޫ

އިދިކޮޅު ވެރިކަމެއްގައި ޕީޕީއެމް "އަސްލު" ބޭފުޅުންނާ ހަވާލުކުރާނަން: އިބޫ

13 ސެޕްޓެމްބަރ 2018

އިދިކޮޅު އިއްތިހާދަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވިއްޖެ ނަމަ، ޕީޕީއެމްގެ ލީޑަޝިޕް އެ ޕާޓީގެ "އަސްލު" ބޭފުޅުންނާ ހަވާލުކުރައްވާނެ ކަމަށް އެ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން އއ. ތޮއްޑޫން މުހައްމަދު ޔާމީން

އިދިކޮޅު އިއްތިހާދަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވިއްޖެ ނަމަ، ޕީޕީއެމްގެ ލީޑަޝިޕް އެ ޕާޓީގެ "އަސްލު" ބޭފުޅުންނާ ހަވާލުކުރައްވާނެ ކަމަށް އެ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ހަތަރު އަތޮޅަކަށް ފެއްޓެވި ދަތުރުގައި، އއ. ތޮއްޑޫގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ، އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ޕީޕީއެމްގެ ހިއްސާ ވެސް ސަރުކާރަށް އޮންނާނެ ކަމަށެވެ. އެހެންވެ، ހުރިހާ ޕާޓީތަކެއްގެ މެމްބަރުން ވޯޓު ދެއްވަންވީ، "ކެންޑިޑޭޓު ންނަބަރު ދޭއް އަޅުގަނޑަށް" ކަމަށް އިބޫ ވިދާޅުވި އެވެ.

ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން އެ ޕާޓީގެ ކައުންސިލުން ވަކި ގޮތަކަށް ކަނޑައަޅަން ދެން ޕާޓީ ހިންގުމުގެ އެންމެހައި ޒިންމާ އުފުލަން ޖެހޭ ފަރާތަކީ މުޝްތަޝާރު ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އެ ނިންމުމަށް ފަހު، ޕީޕީއެމްގެ ކައުންސިލުން ވަނީ އެ ޕާޓީގެ ހުރިހާ ޒިންމާތަކެއް ރައީސް ޔާމީނާ ހަވާލު ކޮށްފަ އެވެ.

ޖަލު ގާޑުންގެ ބެލުމުގެ ދަށުން މައުމޫން މާލެ ގެނެސް ކޯޓަށް ހާޒިރު ކުރަނީ. -- މިހާރު ފައިލް ފޮޓޯ

ޖަލު ގާޑުންގެ ބެލުމުގެ ދަށުން މައުމޫން މާލެ ގެނެސް ކޯޓަށް ހާޒިރު ކުރަނީ. -- މިހާރު ފައިލް ފޮޓޯ

ރައީސް ޔާމީންގެ ސަރުކާރުގެ އަމަލުތަކާ މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން އިދިކޮޅު ސިޔާސީ ލީޑަރުންނާ އެކު މައުމޫން ސިޔާސީ މަސައްކަތްޕުޅު ފެއްޓެވި ފަހުން، އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ، ދޮޅު އަހަރަށްވުރެ ގިނަ ދުވަހުގެ މުއްދަތަކަށް ވަނީ ޖަލަށްލައިފަ އެވެ.

ތޮއްޑުއަކީ މައުމޫނަށް ތާއީދުކުރާ ގިނަ ބަޔަކު ދިރިއުޅޭ ރަށެކެވެ. އެރަށުގެ ބައެއް މީހުން "މިހާރު" އާ ވާހަކަ ދައްކަމުން ބުނި ގޮތުގައި، މައުމޫން މިނިވަން ކުރުމަށްޓަކައި، ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތިބީ ތައްޔާރަށެވެ. އަދި މައުމޫން މިނިވަންކުރެވޭނީ އިބޫ، ރައީސް ކަމަށް ހޮވައިގެން ކަމަށްވާތީ، އެހެން ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން ވެސް އިބޫ އަށް ވޯޓު ދިނުމަށް އެމީހުން އެދުނެވެ.

އިބޫ މިއަދު ތޮއްޑު އަށް ވަޑައިގެން، ހިންގަވާފައި ހަރުގެއަށް ވަޑައިގަންނަވަނީ. - ފޮޓޯ: އެމްޑީޕީ

އިބޫ މިއަދު ތޮއްޑު އަށް ވަޑައިގެން، ހިންގަވާފައި ހަރުގެއަށް ވަޑައިގަންނަވަނީ. - ފޮޓޯ: އެމްޑީޕީ

އިބޫ ވިދާޅުވި ގޮތުގައި، ހިޔާލު ތަފާތުވުންތަކެއް ހުރި ކަމުގައިވިޔަސް، އިދިކޮޅު ކޯލިޝަނުން ގުޅިގެން ނުކުތީ ގިނަ މައްސަލަތަކެއް ހައްލުކުރަން އޮތުމުން ކަމަށެވެ. އެގޮތުން، ރާއްޖޭގައި އިންސާފު ގާއިމުކޮށް، ކޮރަޕްޝަނާއި ފަސާދަ އާއި ވައްކަން ނައްތާލައި، އަމާންކަން ގާއިމުކުރަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

"ސިޔާސީ މަސައްކަތެއް ކުރާކަށް ނޫން އަޅުގަނޑުމެން މިތިބީ. އަޅުގަނޑުމެން ގައުމީ މަސައްކަތެއް ކުރަން،" ތޮއްޑޫގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރި ޖަލްސާގައި އިބޫ ވިދާޅުވި އެވެ.

"އެހެންވެ އެއް ޕްލެޓްފޯމަކަށް އަރައި އަޅުގަނޑުމެން މިތިބީ މި ސަބަބަށްޓަކައި،"

އިބޫ މިއަދު ތޮއްޑު އަށް ވަޑައިގެން އެ ރަށުގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ. - ފޮޓޯ: އެމްޑީޕީ

އިބޫ މިއަދު ތޮއްޑު އަށް ވަޑައިގެން އެ ރަށުގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ. - ފޮޓޯ: އެމްޑީޕީ

ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ތޮއްޑޫން މިސާލު ނަންގަވައި އިބޫ ވިދާޅުވީ ދައުލަތަށް އެންމެ ގިނަ ފައިސާ ދައްކަމުން އަންނަ އެއް ރަށަކީ ތޮއްޑޫ ކަމަށެވެ. އެކަމަކު، ތޮއްޑޫގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ތޮއްޑޫއަށް އިބޫ ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި ބަނދަރު ހަދައި، ސްކޫލަށް ބޭނުންވާ 15 ކްލާސް ރޫމް އިތުރުކޮށް، ސިއްހީ މަރުކަޒު ތަރައްގީކޮށް، ބޮޑެތި މަގުތަކުގައި ތާރު އެޅުން ހިމެނެ އެވެ. އަދި ތޮއްޑޫގައި ބޭންކިންގެ ހިދުމަތް ވެސް ގާއިމު ކުރެވިގެންދާނެ ކަމަށް އިބޫ ވިދާޅުވި އެވެ. ތޮއްޑޫގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް 100 ގޯތި ދޫކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިބޫ މިއަދު ތޮއްޑޫ އަށް ވަޑައިގަތުމުން، އޭނާ އަށް އެ ރަށުގެ ރައްޔިތުން ހޫނު މަރުހަބާއެއް ދެންނެވި އެވެ. އެރަށުން އިބޫ އަށް ދެންނެވި މަރުހަބާ އަށް އިޝާރާތް ކުރައްވާ އިބޫ ވިދާޅުވީ މިއީ އެހެން ރަށްތަކުގައި ދިރިއުޅޭ އިދިކޮޅު ސަޕޯޓަރުން އޭނާ އަށް ދެންނެވި މަރުހަބާއަށްވުރެ މާ ކުލަ ގަދަ މަރުހަބާއެއް ކަމަށެވެ. އަދި އެކަމަށްޓަކައި ތޮއްޑޫގައި ތިބި އިދިކޮޅު ސަޕޯޓަރުންނަށް އިބޫ ޝުކުރު އަދާކުރެއްވި އެވެ.