Roadha Mihaaru
ވޯޓު ގުނުން ތަފާތު؟ ނަތީޖާ ފުރަތަމަ ޓެބްލެޓަށް؟

ވޯޓު ގުނުން ތަފާތު؟ ނަތީޖާ އިއުލާން ނުކޮށް ފުރަތަމަ ޓެބްލެޓަށް؟!

15 ސެޕްޓެމްބަރ 2018

އިދިކޮޅު ޕާޓީތަކުގެ އިތުބާރެއް އިލެކްޝަންސް ކޮމިޝަން (އީސީ) އަކަށް ނެތެވެ؛ ނުފޫޒެއްގެ ދަށުވެފައިވާ ކަމުގެ ތުހުމަތާ އެކު ކޮންމެ ނިންމުމަކާ ގުޅޭ ގޮތުން ވެސް އެތައް ކަންބޮޑުވުމަކާއި ޝަކުވާތަކެވެ. ރައްދުގައި އެ ކޮމިޝަނުން ދޭ ޔަގީން ކަމަކީ، ވޭތުވެދިޔަ އިންތިޚާބުތަކާ ތަފާތުކޮށް، މި އިންތިޚާބުގައި އެއްވެސް ކަމެއް ނުކުރާނެ ކަމެވެ. އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ވޯޓު ލުމާއި ވޯޓު ގުނުމާއި ނަތީޖާ އިއުލާން ކުރުމުގައި ވެސް އަމަލުކުރާނީ މިދިޔަ އިންތިޚާބުތަކާ އެއްގޮތަށް ކަމަށެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިދިކޮޅު ޕާޓީތަކުގެ އިތުބާރެއް އިލެކްޝަންސް ކޮމިޝަން (އީސީ) އަކަށް ނެތެވެ؛ ނުފޫޒެއްގެ ދަށުވެފައިވާ ކަމުގެ ތުހުމަތާ އެކު ކޮންމެ ނިންމުމަކާ ގުޅޭ ގޮތުން ވެސް އެތައް ކަންބޮޑުވުމަކާއި ޝަކުވާތަކެވެ. ރައްދުގައި އެ ކޮމިޝަނުން ދޭ ޔަގީން ކަމަކީ، ވޭތުވެދިޔަ އިންތިޚާބުތަކާ ތަފާތުކޮށް، މި އިންތިޚާބުގައި އެއްވެސް ކަމެއް ނުކުރާނެ ކަމެވެ. އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ވޯޓު ލުމާއި ވޯޓު ގުނުމާއި ނަތީޖާ އިއުލާން ކުރުމުގައި ވެސް އަމަލުކުރާނީ މިދިޔަ އިންތިޚާބުތަކާ އެއްގޮތަށް ކަމަށެވެ.

މިހެން ވިދާޅުވިއަސް، މި މަހު 23 ގައި ބާއްވާ އިންތިޚާބުގެ ވޯޓު، އެ ކޮމިޝަނުން ގުނަން ނިންމާފައިވާ ގޮތާ ގުޅޭ ގޮތުން ސުވާލުތަކެއް މިވަނީ ފެންމަތިކޮށްފަ އެވެ. ވޯޓުލުމަށް ފަހު ވަކިވަކިން ކޮންމެ ކަރުދާސްކޮޅެއްގެ ސައްހަކަން ބެލުމާއި ވޯޓު ގުނައި ނިންމުމަށް ފަހު، ވޯޓުލާ މަރުކަޒުގައި އާއްމުކޮށް އިއުލާން ކުރުމުގެ ކުރިން، ޓެބްލެޓަށް ނަތީޖާލާން އުޅުމުގެ ތުހުމަތެވެ. އެގޮތަށް، ހެދުމުން، ވޯޓުލާ މަރުކަޒުގައި ތިބި މީހުންނަށް ނަތީޖާ އެނގުމުގެ ކުރިން ލިބޭނީ އިލެކްޝަންސް ކޮމިޝަންގެ މައި މަރުކަޒަށެވެ.

މިއީ މިދިޔަ އިންތިޚާބުތަކުގައި އަމަލުކުރި ގޮތެއް ނޫނެވެ. އަދި މިއީ ގާނޫނުއަސާސީ ހެދުމުގައި ވިސްނުން ބެހެއްޓި ގޮތާއި އޭގެ ފަހުން އިންތިހާބުތަކާ ބެހޭ ގާނޫނު ބައްޓަންކުރުމުގައި ވެސް ހިޔާލު ގެންގުޅުނު ގޮތެއް ނޫނެވެ. އޭރު އެންމެ އިސްކަންދިނީ ވޯޓު ލާ މަރުކަޒުގައި ނަތީޖާ އިއުލާނުކުރުމަށެވެ.

ވޯޓުގެ ނަތީޖާ، އެ މަރުކަޒެއްގައި އިއުލާން ކުރުމުގެ ކުރިން، ޓެބްލެޓަށް އެންޓާ ކުރަން ނިންމާފައިވާ ކަމަށް ބުނެ މައްސަލައެއްގެ ގޮތުގައި ނެގީ ވޯޓު އޮފިޝަލުން ތަމްރީން ކުރިއިރު ދިން މައުލޫމާތުތަކަކާ ގުޅިގެންނެވެ.

ބައެއް އޮފިޝަލުންނާ ހަވާލާ ދެއްވައި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވީ ވޯޓު ގުނުމުގައި ޓެބްލެޓް ބޭނުން ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް މީޑިއާގައި ބުނެފައިވީ ނަމަވެސް ފޮށިތަކަށް އައްޔަންކޮށްފައިވާ އޮފިޝަލުންނަށް ތަމްރީނު ދެމުން އަންނަނީ ވޯޓު ގުނުމަށް ފަހު ފުރަތަމަ ޓެބްލެޓަށް އެންޓާ ކުރުމަށެވެ. އެއާއެކު އެ ނަތީޖާ ޝީޓް އާއްމުކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނުމުގެ ކުރިން ވޯޓުލާ މަރުކަޒުގައި އާއްމުންނަށް ފެންނާނެހެން ނުބަހައްޓަން އަންގަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންތިޚާބާ ގުޅޭ ގޮތުން މަހްލޫފް ކުރެއްވި ޓުވީޓް.

އެކަމަކު މީގެ ކުރިން އަމަލުކުރަމުން އަންނަ ގޮތަކީ އަދި އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގައި ވެސް ކަނޑައަޅާފައި އޮންނަނީ ވޯޓު ގުނައި ނިމުމާ އެކު، ނަތީޖާ ޕްރިންޓްކޮށް ފުރަތަމަ އެ މަރުކަޒެއްގައި ނަތީޖާ އާއްމު ކުރާށެވެ. އިންތިޚާބުގެ މައި މަރުކަޒަށް ނަތީޖާ ފޮނުވަން އޮންނަނީ އޭގެ ފަހުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގް "މިހާރު" އަށް ވިދާޅުވީ ވޯޓުލާ މަރުކަޒުތަކުގައި ނަތީޖާ އިއުލާން ނުކޮށް، އައިޕެޑް ނުވަތަ ޓެބްލެޓަކަށް ވެސް މިދިޔަ އިންތިޚާބުތަކުގައި ނަތީޖާ އެންޓާކޮށްފައި ނުވާނެ ކަމަށެވެ. އެހެންކަމުން އެއާޚިލާފަށް އަމަލުކުރާ ނަމަ، ސުވާލު އުފެދޭނެ ޖާގަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ވޯޓު ގުނައި ނިމުމާ އެކު ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ނަތީޖާ އިއުލާން ކުރުމެވެ. ވޯޓު ފޮއްޓާ ހަވާލުވެގެން ތިބި އޮފިޝަލުން، ނަތީޖާ ޝީޓް ތައްޔާރު ކުރުމަށް ފަހު ސޮއިކުރަން ޖެހޭނެ އެވެ. އެއަށް ފަހު އޮންނާނީ އެ މަރުކަޒެއްގައި ނަތީޖާ ޝީޓް ތަތްކުރުމެވެ. އެ ނަތީޖާ ޝީޓުގެ ކޮޕީ، ފެކްސް، އީމެއިލް ނުވަތަ މި އިންތިޚާބުގައި ބޭނުންކުރާ ޓެބްލެޓް މެދުވެރިކޮށް ނަމަވެސް ފޮނުވަން ޖެހޭނީ އޭގެ ފަހުން ކަމަށް ފުއާދު ވިދާޅުވި އެވެ.

"ވޯޓު ގުނައި ނިމުމާ އެކު ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ނަތީޖާ އިއުލާން ކުރުން. އެކަން ލަހެއް ނުކުރެވޭނެ ނަތީޖާ ތައްޔާރުކޮށް ސޮއިކޮށް، ޕްރިންޓް ނަގަންދެނެއް، އެއީ ނަތީޖާ އިއުލާން ކުރުމަށް ފަހު ކުރަން ޖެހޭ ކަންކަން،" ފުއާދު ވިދާޅުވި އެވެ.

ނެޓްބުކް އަދި ރިޒަލްޓް ޗެކާ ބޭނުންކުރާނީ މިދިޔަ އިންތިޚާބުތަކުގައި ވެސް ބޭނުންކުރި ގޮތަށް، ތަފާތެއް ނުވާނެ. --އީސީ

ވޯޓު ކަރުދާހުގެ ސައްހަކަން ބަލަން އުޅޭ ގޮތާ މެދު ސުވާލުތަކެއް!

ފުރަތަމަ ބުރުން ރައީސަކު އައްޔަންކުރާ، މި އިންތިޚާބުގައި 491 ވޯޓު ފޮށި ބަހައްޓާއިރު 263،000 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

އިންތިޚާބުތަކާ ބެހޭ އާއްމު ގާނޫނުގައިވާ ގޮތުން އެ އިންތިޚާބަކަށް ޗާޕްކުރި ވޯޓު ކަރުދާހުގެ ޖުމްލަ އަދަދާއި ވޯޓު ކަރުދާސް ޗާޕްކުރި ތަނެއްގެ މައުލޫމާތު، އިންތިޚާބު ބޭއްވުމުގެ ފަސް ދުވަސް ކުރިން، އާއްމުކޮށް އިއުލާން ކުރަންވާނެ އެވެ. ވޯޓު ކަރުދާސް ޗާޕްކުރަން ޖެހޭނީ، އެ މަރުކަޒަކަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ އަދަދަށް ވުރެ އެއް ޕަސެންޓް އިތުރުނުވާ އަދަދަކަށެވެ.

މި އިންތިޚާބަށް، ވޯޓު ކަރުދާސް ޗާޕްކުރާ އަދަދެއް އިލެކްޝަންސް ކޮމިޝަނުން އަދި ނުބުނެ އެވެ. އެކަމަކު ވޯޓު ގުނުމުގެ ކުރިން ވަކިވަކިން ކަރުދާސްތަކުގެ ސައްހަކަން މި ފަހަރު ކަށަވަރު ކުރާނެ ކަަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ކައުންސިލް އިންތިހާބުގައި މާލޭގައި ވޯޓު ލި މީހެއްގެ އިނގިލީގައި ފާހަގަ ޖަހަނީ -- ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު/ މިހާރު

ކައުންސިލް އިންތިހާބުގައި މާލޭގައި ވޯޓު ލި މީހެއްގެ އިނގިލީގައި ފާހަގަ ޖަހަނީ -- ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު/ މިހާރު

އީސީގެ ރައީސް ޝަރީފް ވިދާޅުވެފައި ވަނީ، ވަގު ވޯޓު ކަރުދާސްތައް ފޮށިތަކަށް ލުމުގެ ފުރުސަތު މި ފަހަރު ނޯންނާނެ ކަމަށާއި ނަމަވެސް 2013ގެ އިންތިޚާބުގެ ބައެއް ފޮށިތަކުގައި ސައްހަ ނޫން ކަރުދާސްތައް ހުރި ކަން އިންތިޚާބާ ގުޅޭ ގޮތުން ތައްޔާރު ކޮށްފައިވާ ރިޕޯޓްތަކުން ފެންނަން ހުރި ކަމަށެވެ. އެހެންކަމުން، މި އިންތިޚާބުގައި ވޯޓު ގުނަން ފެށުމުގެ ކުރިން ކަރުދާސްތައް ޗެކް ކުރަނީ އެ ތަޖުރިބާ އަށް ބަލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު މިގޮތަށް މިކަން ކުރަން އިދިކޮޅު ޕާޓީތަކުން ހިތްހަމައެއްނުޖެހެ އެވެ.

އިންތިޚާބަށް ޗާޕްކުރާ ވޯޓު ކަރުދާހުގައި ސަލާމަތީ ގޮތުން ޚާއްސަ ސިފަތަކެއް ހިމަނަ އެވެ. ކަރުދާސްކޮޅުގައި ހިމެނޭ ބައެއް ސިފަތައް ލޮލުން ބަލައިގެން، ނުވަތަ ކޮންމެވެސް ވަސީލަތަކުން އަލިކޮށްލުމުން ފެންނަން ހުރެ އެވެ.

އިދިކޮޅު އެމްޑީޕީން ބުނެފައިވާ ގޮތުގައި، ވޯޓު ކަރުދާހުގައި ސަލާމަތީ ގޮތުން ވަކި ކަންތައްތަކެއް ހިމަނާފައިވާ އިރު، ރައްޔިތުންނަށް ދޭ ކަރުދާހަކީ ސައްހަ ކަރުދާހެއްތޯ ވޯޓުލުމުގެ ކުރިން ޗެކްކުރެވޭނެ އެވެ. އެކަން ކުރަން ޖެހޭނީ ވޯޓުލުމަށް ފަހު ނޫން ކަމަށް އެ ޕާޓީން ބުނެ އެވެ.

"ވޯޓު ލުމަށް ތިޔަ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދިން ކަރުދާހުގެ ސައްހަކަމާ މެދު ސުވާލު އުފައްދައި ބައެއް ވޯޓު ކަރުދާސްތައް ބާތިލުކަމަށް ކަނޑައަޅައިފި ނަމަ، ތިޔަ ކޮމިޝަނުގެ މުސްތަގިއްލު ކަމާއި ގާބިލްކަމާ މެދު ގިނަ ރައްޔިތުންތަކެއް ސުވާލު އުފައްދާނެ އެވެ،" އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، އީސީ އަށް އެމްޑީޕީން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

"އަދި ރިޔާސީ އިންތިޚާބުގެ ނަތީޖާ އަށް އަސަރު ކުރެވޭނެ ފަދަ އެއްވެސް ގޮތަކަށް އެއްވެސް އޮފިޝަލަކަށް ފުރުސަތު ލިބިގެން ދިއުމަކީ ދިވެހި ރައްޔިތުންގެ ވޯޓުލުމުގެ އަސާސީ ހައްގުގެ ރައްކާތެރިކަން ވެސް ގެއްލިގެން ދިއުމެވެ."

އެއްވެސް ކަމެއްގައި ތަފާތެއް ނުވާނެ

ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ތަކުރާރު ކުރެއްވި ގޮތުގައި، ވޭތުވެދިޔަ އިންތިޚާބުތަކުގައި ކަންކުރި ގޮތާ ޚިލާފަށް މި އިންތިޚާބުގައި އެއްވެސް ކަމެއް ނުކުރާނެ އެވެ.

ވޯޓުގެ ނަތީޖާއާ ގުޅޭ ގޮތުން އަދި ނެޓްބުކް ބޭނުންކުރުމާ ގުޅޭ ގޮތުން ހަގީގަތާ ޚިލާފު ވާހަކަތަކެއް ފެތުރި ނަމަވެސް ވޯޓު އޮފިޝަލުންނަށް އާ އިރުޝާދުތަކެއް މިފަހަރުގެ ތަމްރީނުތަކުގައި ދީފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިދިކޮޅުން ވާހަކަ ފަތުރަމުންދާ ގޮތަށް، އީސީގެ ތަމްރީނުތަކުގައި ކިޔަވައިދެއްވީ ކޮން ބޭފުޅަކުތޯ އަކްރަމް ސުވާލު ކުރެއްވި އެވެ.

"ނެޓްބުކް އަދި ނެޓްބުކްގައި ބޭނުންކުރާ ސޮފްޓްވެއާއެއް ކަމަށްވާ ރިޒަލްޓް ޗެކާ ބޭނުންކުރާނީ މިދިޔަ އިންތިޚާބުތަކުގައި ވެސް ބޭނުންކުރި ގޮތަށް، ތަފާތެއް ނުވާނެ،" އަކްރަމް ވިދާޅުވި އެވެ.

ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް، މިނިވަން އިންސާފުވެރި އަދި ހާމަކަން ބޮޑު އިންތިޚާބެއް ބާއްވަން އެ ކޮމިޝަނުން މަަސައްކަތް ކުރަމުން އަންނައިރު އިންތިޚާބާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފައްދަން ހަގީގަތާ ޚިލާފު ވާހަކަ ނުފެތުރުމަށް ވެސް އަކްރަމް ގޮވާލެއްވި އެވެ.

ވޯޓުލުމާއި ވޯޓު ގުނާނީ ވެސް ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނިޓަރުން އަދި މީޑިއާތަކުގެ ކުރިމަތީގަ އެވެ. އެހެންކަމުން، ވޯޓު އޮޅުވާލައި މަކަރު ހެދުމުގެ ފުރުސަތު ކުޑަވާނެ އެވެ. އެކަމަކު އެއަށް ވުރެން ވެސް މުހިއްމު ކަމަކީ، މި އިންތިޚާބަކީ އިލެކްޝަންސް ކޮމިޝަނުން "ގޯހެއް ނުހަދާނެ" މިނިވަން އިންސާފުވެރި އަދި ދެ ފުށް ފެންނަ އިންތިޚާބެއް ކަމުގެ ޔަގީންކަމާއި އިތުބާރު ރައްޔިތުންނަށް އޮތުމެވެ.

ކުރިން ބޭއްވި އިންތިޚާބުތަކާ ތަފާތު ނުވާނެ ކަމަށާއި މިނިވަން، އަދި އިންސާފުވެރި ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނުމަކުން ނުފުދެ އެވެ. އެއީ، އިލެކްޝަންސް ކޮމިޝަނުގެ އަމަލުތަކަށް ބަލައި ރައްޔިތުން ބުނަން ޖެހޭ ވާހަކައެކެވެ.