Roadha Mihaaru
ސައްހަ ނޫން ފޯމުތަކެއް ހުށަހެޅި، ފިޔަވަޅު އަޅާނަން: އީސީ

ރީ-ރެޖިސްޓްރޭޝަނަށް ސައްހަ ނޫން ފޯމުތަކެއް ހުށަހެޅި، ފިޔަވަޅު އަޅާނަން: އީސީ

16 އޯގަސްޓް 2018

އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ރީ-ރަޖިސްޓްރީ ކޮށްދޭން އެދި ސައްހަ ނޫން ފޯމުތަކެއް ހުށަހެޅި ކަމަށާއި އެ މައްސަލައިގައި، ފުލުހުންނާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ރީ-ރަޖިސްޓްރީ ކޮށްދޭން އެދި ސައްހަ ނޫން ފޯމުތަކެއް ހުށަހެޅި ކަމަށާއި އެ މައްސަލައިގައި، ފުލުހުންނާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އެ ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ރީ-ރަޖިސްޓްރީ ވުމަށް 95،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި އިނގިލީގެ ނިޝާން އޮޅުވާލާފައިވާ، ސައްހަ ނޫން ފޯމުތަކެއް ހިމެނޭ ކަމަށެވެ. ނަމަވެސް އެއީ، ކިހާ އަދަދެއް ކަމެއް ކޮމިޝަނުން ނުބުނެ އެވެ.

"ކޮމިޝަނަށް އެނގޭނެ ކާކު ކަން، ކޮން ފޯމަކުން ކަން މަކަރު ހަދާފައި ހުރީ،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ ޕާޓީތައް ހިމެނޭ ގޮތަށް އުފައްދާފައިވާ ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުމުގައި ވެސް މި މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދެކެވުނެވެ. މަކަރު ހަދައިގެން ރީ-ރަޖިސްޓްރީވާން ހުށަހަޅާފައި ހުރި ފޯމުތަކުގެ މައްސަލައިގައި ފިޔަވަޅު އަޅުމަށް، އެ ބައްދަލުވުމުގައި ބައެއް ސިޔާސީ ޕާޓީތަކުން ދެކޮޅު ހެދި ކަމަށެވެ.

"މަކަރު ހަދައިގެން ފޯމު ހުށަހެޅި ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅަން ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުން ދެކޮޅު ހެދި. މިއީ، އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުވާ މައްސަލައެއް،" އަކްރަމް ވިދާޅުވި އެވެ.

ދެން އޮންނަ ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުމުގައި ވެސް، އަކްރަމް ވިދާޅުވި ގޮތުގައި، އެ މައްސަލައާ ގުޅޭ ގޮތުން ޕާޓީތަކާ މަޝްވަރާ ކުރާނެ އެވެ.

ރީ ރަޖިސްޓްރީވާން ފޯމު ހުށަހެޅިއިރު މަކަރު ހަދާފައިވާ ކަމަށް އިލެކްޝަންސުން ބުނާއިރު، ރީ ރަޖިސްޓްރީ ކޮށްދިނުމުގައި އެ ކޮމިޝަނުން ވަރަށް ބޮޑަށް އޮޅުވާލައި، ނުބައި ފޮށިތަކަށް މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ.

އެގޮތުން، ރީ-ރަޖިސްޓްރީވުމަށް ފޯމު ހުށަނާޅާ ގއ. ވިލިނގިލީގެ ބައެއް މީހުން، ދުރު ރަށްރަށާއި ރާއްޖޭން ބޭރުގެ ބައެއް ގައުމުތަކުގައި ބަހައްޓާ ފޮށިތަކަށް ވޯޓު ލާން އިލެކްޝަންސް ކޮމިޝަނުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރެ އެވެ. އެކަމަކު ކޮމިޝަނުން ބުނީ ރީ-ރަޖިސްޓްރީކުރުމުގައި އެ ކޮމިޝަނުން އޮޅުވާލާފައި ނުވާނެ ކަމަށެވެ.

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިދިޔަ ހޯމަ ދުވަހު ދުވަހު ހަމަވިއިރު، ރީ-ރަޖިސްޓްރީ ވުމަށް 95،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އީސީން ވަނީ ބުނެފަ އެވެ.

އަދި ފޯމުތައް ޕްރޮސެސް ކުރުމުގެ މަސައްކަތް މިދިޔަ އަންގާރަ ދުވަހު ނިމޭނެ ކަމަށް އެ ކޮމިޝަނުން ބުނި ނަމަވެސް، އެ މަސައްކަތް ވަނީ ދިގުލައިގެން ގޮސްފަ އެވެ. ރީ-ރަޖިސްޓްރީވި މީހުންގެ ސައްހަ އަދަދު އެނގޭނީ ފޯމުތައް ޕްރޮސެސްވުމުންނެވެ.