Roadha Mihaaru
ފާޑު ކިޔުމާއި އަބުރާ ބެހުން، މުޅިން ތަފާތު ދެ ކަމެއް

ފާޑު ކިޔުމާއި އަބުރާ ބެހުން، މުޅިން ތަފާތު ދެ ކަމެއް

08 އޯގަސްޓް 2016

އިސްލާމް ދީނަކީ ބުއްދީގެ ދީނެވެ. ﷲގެ އެއްކައުވަންތަކަމަށް ވާސިލުވުމަށް ވެސް އިސްލާމް ދީނުގައި ދައްކަވާފައިވާ މަގަކީ ބުއްދީގެ ބޭނުން ހިފައި ވިސްނައި ފިކުރު ކުރުމެވެ. ކުރީގެ އެއްވެސް ޝަރީއަތެއްގައި އަދި އެއްވެސް ދީނެއްގައި ބުއްދި އަށް ދީފައި ނުވާ ފަދަ މަތިވެރި މަގާމެއް އިސްލާމް ދީނުގައި ދެއްވާފައިވެ އެވެ. އަދި ﷲ ވޮޑިގެންވާ ކަމުގެ ހެކިތައް ލައްވާފައިވަނީ ވެސް ބުއްދީގެ އަހުލުވެރިންނަށްޓަކަ އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

އިސްލާމް ދީނަކީ ބުއްދީގެ ދީނެވެ. ﷲގެ އެއްކައުވަންތަކަމަށް ވާސިލުވުމަށް ވެސް އިސްލާމް ދީނުގައި ދައްކަވާފައިވާ މަގަކީ ބުއްދީގެ ބޭނުން ހިފައި ވިސްނައި ފިކުރު ކުރުމެވެ. ކުރީގެ އެއްވެސް ޝަރީއަތެއްގައި އަދި އެއްވެސް ދީނެއްގައި ބުއްދި އަށް ދީފައި ނުވާ ފަދަ މަތިވެރި މަގާމެއް އިސްލާމް ދީނުގައި ދެއްވާފައިވެ އެވެ. އަދި ﷲ ވޮޑިގެންވާ ކަމުގެ ހެކިތައް ލައްވާފައިވަނީ ވެސް ބުއްދީގެ އަހުލުވެރިންނަށްޓަކަ އެވެ.

ވިސްނައި ފިކުރު ކުރުމުން ބުއްދި އަށް ފެންނަ ގޮތް ފާޅުކޮށް އަނެކުންނާ ހިއްސާ ކުރުމަށް ވެސް އިސްލާމް ދީން ބާރު އަޅަ އެވެ. އަދި ކަންކަމާ މެދު، ބިނާކުރަނިވި ގޮތެއްގައި ފާޑު ކިޔައި އިސްލާހަށް މަގު ދެއްކުމަކީ މުސްލިމުންގެ ކޮނޑުގައި އެޅިފައިވާ ވާޖިބެކެވެ. ކޮންމެ މުސްލިމަކު އޭނާގެ އަޚާ އަށް މަގު ދައްކަންޖެހެ އެވެ. އަދި އޭނާ ކުރާ ކަންކަމާ މެދު ފާޑު ކިޔައި ހެޔޮ ނުބައި ވަކިކޮށްދޭން ޖެހެ އެވެ.

އިސްލާމީ އުންމަތުގެ ބިންގާ އެޅިގެން އައީ ވެސް މަޝްވަރާކޮށް ކަންކަމާ މެދު ފާޑު ކިޔައި، ކަންކަން އިސްލާހު ކުރުމުގެ ތެރެއިންނެވެ. އެއަށް ފަހުގައި ހަތަރު ޚަލީފާއިންގެ ޒަމާނުގައި ވެސް ކަންކަން އިސްލާހު ކުރުމަށްޓަކައި ފާޑުކިޔުމާއި ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ތަނަވަސްވެފައި އޮތެވެ. ނަމަވެސް ހަމަތަކަކާއި އުސޫލުތަކެއްގެ ތެރެއިންނެވެ. ދުލުގެ ލަގަނުން އެކީ އެކަށް އަތް ދޫކޮށްލައިގެންނެއް ނޫނެވެ.

އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި މިހާރަކަށް އައިސް އެންމެ މަޝްހޫރުކޮށް ފާހަގަކުރާ އެއް ހާދިސާގެ މައްޗަށް ބަލައިލުން މި ދަނޑިވަޅުގައި މުހިންމެވެ. އެއީ މުސްލިމުންގެ ދެ ވަނަ ޚަލީފާ ޢުމަރުގެފާނާއި ސަލްމާނުލް ފާރިސީގެފާނާ ދެމެދު ހިންގައި ދިޔަ "ފޮށާކޮޅުގެ ހާދިސާ" އެވެ.

އިސްލާމީ އުންމަތަށް ލިބުނު މުދާތަކުގެ ތެރެއިން ފޮށާތަކެއް މުސްލިމުންގެ މެދުގައި ބެހުމުން ކޮންމެ ފިރިހެނަކަށް ލިބުނީ އެއް ފޮށަ އެވެ. އެ ދުވަހު ޢުމަރުގެފާނު މީސްތަކުންނާ މުޚާޠަބު ކުރެއްވުމަށް މިންބަރަށް އަރައިވަޑައިގެން ވިދާޅުވި އެވެ؛ އެންމެހައި މީސްތަކުންނޭވެ! ތިމަންކަލޭގެފާނަށް އަޑު އަހައި ކިޔަމަންވާށެވެ! އެހިނދު ސަލްމާނުލް ފާރިސީގެފާނު މީސްތަކުންގެ ތެރެއިން ތެދުވެވަޑައިގެން ފާޅުގައި ވިދާޅުވި އެވެ؛ ކަލޭގެފާނުގެ އަޑު އެހުމެއް އަދި ކަލޭގެފާނަށް ކިޔަމަންގަތުމެއް ވެސް މިއަދު އަޅުގަނޑުމެންގެ މައްޗަކަށް ނުވެ އެވެ.

އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ދުއާ ކުރަނީ: ސަރުކާރު ޒިންމާދާރު ކުރުވުމުގައި ގެންގުޅެން ޖެހޭ ހަމަތަކަކާއި އުސޫލުތަކެއް ކަނޑައެޅިފައިވޭ

އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ދުއާ ކުރަނީ: ސަރުކާރު ޒިންމާދާރު ކުރުވުމުގައި ގެންގުޅެން ޖެހޭ ހަމަތަކަކާއި އުސޫލުތަކެއް ކަނޑައެޅިފައިވޭ

އެ ހިނދު ޢުމަރުގެފާނު ވިދާޅުވި އެވެ؛ އެއީ ކީއްވެތޯ އެވެ؟ ޖަވާބުގައ ސަލްމާންގެފާނު ވިދާޅުވި އެވެ؛ އަޅުގަނޑުމެންނެކޭ އެއްފަދައިން ކަލޭގެފާނަށް ވެސް ލިބިވަޑައިގަންނަވަން ވާނީ އެއް ފޮށާކޮޅެވެ. ކަލޭގެފާނަށް ދެ ފޮށާކޮޅު ލިބުނު ގޮތެއް ސާފުކޮށްދެއްވައިފުމަށް ދާންދެން ކަލޭގެފާނުގެ އަޑެއް ތިމަންމެން ނާހާނޫ އެވެ. އަދި ކިޔަމަނެއް ވެސް ނުވާނޫ އެވެ.

ދެން ޢުމަރުގެފާނު އެކަލޭގެފާނުގެ ދަރިކަލުން ޢަބްދުﷲ އަށް ވިދާޅުވި އެވެ؛ ބައްޕާގެ ގައިގައި މިވާ ދެ ވަނަ ފޮށާގެ ހަގީގަތް ބަޔާންކޮށްދެއްވާށެވެ! ދެން ޢަބްދުﷲގެފާނު ތެދުވެވަޑައިގެން، އެއްވެފައި ތިބި މީހުންނަށް ވިދާޅުވި އެވެ. ތިޔަބައި މީހުންނެކޭ އެއްފަދައިން ތިމަންކަލޭގެފާނުގެ ބައްޕާފުޅަށް ލިބިވަޑައިގަތީ އެއް ފޮށަ އެވެ. ބައްޕާފުޅަކީ ދިގު ބޭކަލަކަށް ވާތީ އެއް ފޮށައިން ހަށިކޮޅު ނިވާ ނުވާތީ ތިމަންކަލޭގެފާނުގެ ފޮށާ ވެސް ބައްޕާފުޅަށް ދިނީ އެވެ. އެ ހިނދު ސަލްމާންގެފާނު ޢުމަރުގެފާނަށް ވިދާޅުވި އެވެ؛ މިހާރު ކަލޭގެފާނުގެ ބަސްފުޅު އަހައި ކިޔަމަންވާނޫ އެވެ.

މި ހާދިސާގައި ސަލްމާންގެފާނު، ޢުމަރުގެފާނުގެ އިސްތަށިފުޅުގައި އެ އެޅުވީ އެ ދުވަސްވަރުގެ އިސްލާމީ އުންމަތުގެ ހައިބަތާއި ކަރާމާތަށް ބަލާއިރު ވަރަށް ބޮޑު ތުހުމަތެކެވެ. އެކަލޭގެފާނު ފާޅުގައި ޢުމަރުގެފާނަށް އެ ތުހުމަތުކުރެއްވީ، އެކަލޭގެފާނު ވެރިކަމުގެ ބާރާއި ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރައްވާ ކަމަށެވެ. އަދި މުސްލިމުންގެ މުދާތަކުން އަމިއްލަ ބޭނުން ފުއްދަވައި ނާޖާއިޒު ފައިދާ ނަންގަވާ ކަމަށެވެ.

ސަލްމާންގެފާނު އެ ބޮޑު ތުހުމަތު އެ ކުރެއްވީ ސިއްރަކުން ނޫނެވެ. އެތައް ސަތޭކަ ބައެއްގެ ކުރިމަތީގަ އެވެ. އެ ތުހުމަތުތައް އެ ރައްދު ކުރެއްވީ އާދައިގެ ބޭފުޅަކަށް ނޫނެވެ. މުސްލިމުންގެ މާތް ޚަލީފާ އަށެވެ. ނަމަވެސް އެ ފާޑުކިޔުމާއި ޚިޔާލު ފާޅުކުރުމުގައި ސަލްމާންގެފާނު ގެންގުޅުއްވި އަދަބުވެރިކަމުގެ ހަމަތަކާއި ބަސްމަގުގެ އުސްލޫބަށް ވިސްނައިލުން މުހިންމެވެ. އެކަލޭގެފާނު ޢުމަރުގެފާނާ މުޚާތަބު ކުރައްވައި، "އޭ މިހިރަ ވަގާއޭ" ވިދާޅެއް ނުވެ އެވެ. ނުވަތަ "ކަލޭގެފާނު ތި ހުންނެވީ މުސްލިމުންގެ މުދާތައް ކާލައިގެންނޭ" ވެސް ވިދާޅެއް ނުވެ އެވެ. "ދައުލަތުގެ ޚަޒާނާ ލޫޓުވާލައިގެންނޭ" ވެސް ނޫނެވެ.

މި ހާދިސާ އިން ފާހަގަކޮށްލެވޭ އެއް ކަމަކީ، މުސްލިމުންގެ ވެރިންގެ ގޮތުގައި ތިއްބަވާ ބޭފުޅުންގެ ޢަމަލުފުޅުތަކާ މެދު އާންމު ރައްޔިތުން ފާރަވެރިވާން ޖެހޭ ކަމެވެ. އަދި ވެރިންގެ ޢަމަލުތަކާ މެދު ޝައްކެއް އުފެދުނަސް، އެކަން އެ ބޭކަލުންގެ ސަމާލު ކަމަށް ގެންނަންޖެހޭ ކަމެވެ.

އެ ދުވަހު ސަލްމާންގެފާނު ޢުމަރުގެފާނާ މެދު ތުހުމަތު ކުރެއްވީ ޢުމަރުގެފާނާ ދާދި ގާތުގައި ހުންނަވައިފަ އެވެ. ނަމަވެސް މިއަދު ދައުލަތުގެ ވެރިންނާ ބައްދަލުކޮށް ކޮންމެ ކޮންމެ ވާހަކައެއް ދެންނެވުމުގެ ފުރުސަތެއް ނެތެވެ. މިއަދު ރައްޔިތުންގެ އަޑު ވެރިންނާ ހަމައަށް ފޯރުކޮށްދެނީ، މީޑިއާގެ ތަފާތު ވަސީލަތްތަކުންނާއި ސިޔާސީ ބައްދަލުވުންތަކާއި މުޒާހަރާތަކާއި އެއްވުންތަކުގެ ޒަރީޢާއިންނެވެ.

އެ ދުވަހު ސަލްމާންގެފާނު ފާޅުގައި ޢުމަރުގެފާނާ ރިވެތި ގޮތުގައި ޖަދަލު ކުރެއްވީ ކީއްވެތޯ އެވެ؟ ޢުމަރުގެފާނު ޚިލާފަތާ ހަވާލުވެވަޑައިގެންނެވި ދުވަހު މުސްލިމުންނަށް އެ ކަމަށް ދަޢުވަތު ދެއްވީމަ އެވެ. އެކަލޭގެފާނަށް ގޯސްކޮށް ކަމެއް ކުރެވޭ ނަމަ، އެ ކަމެއް ރަނގަޅު ކޮށްދިނުމަށް މުސްލިމުންގެ އަރިހުން އެދިވަޑައިގެންފައި ވީތީ އެވެ. އަބޫބަކުރުގެފާނު ވެސް ކަންތައް ކުރެއްވި ފަދައިންނެވެ.

މާލެ، އޮގަސްޓް 5 2016-މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން އިން އިންތިޒާމް ކޮއްގެން ބީޗް ސަރަހްއްދުގައި ބޭއްވި އެއްވުން..—ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

މާލެ، އޮގަސްޓް 5 2016-މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން އިން އިންތިޒާމް ކޮއްގެން ބީޗް ސަރަހްއްދުގައި ބޭއްވި އެއްވުން..—ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

މި ހާދިސާ އިން އެނގޭ އަނެއް ކަމަކީ ވެރިންގެ އަމަލުތަކާ މެދު ރައްޔިތުން ސުވާލު ކުރާ ނަމަ، އެ ކަމަށް ވެރިން ޖަވާބުދާރީ ވާންޖެހޭ ކަމެވެ. އެހެން ނޫން ނަމަ، "މިއީ މުސްލިމުންގެ ޚަލީފާއޭ، ސަލްމާންގެފާނާ ބެހޭ ކަމެއް ނޫނޭ" ޢުމަރުގެފާނަށް ވިދާޅުވެވުނީހެވެ. އަދި ވެރިޔާއާ މެދު ރައްޔިތުންގެ މެދުގައި އުފެދޭ ޝައްކުތައް ފިލުވާލައި ހަގީގަތް ހާމަކޮށްދޭން ޖެހޭ ކަމެވެ. އަދި ކުރެވޭ ތުހުމަތަކީ ހަގީގަތެއް ނޫން ކަން ސާބިތުކޮށްދިނުމާއި، ހެއްކާއި ދަލީލުތަކުން، އެ ތުހުމަތުތައް ނަފީކުރުމަކީ ވެސް ވެރިންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަން ވެސް މި ހާދިސާ އިން އެނގެ އެވެ. އެއީ އިސްލާމީ ޝަރުއީ ސިޔާސަތުގެ އެއް މަގްސަދެވެ.

ފާޑުކިޔުމާއި ޚިޔާލު ފާޅުކުރުމަކީ، ތިމާގެ ދުލަށް އައިހައި ބަސްތަކެއް ސާޅަނގައެއްގައި ރުވާފައި ދޫކޮށްލުމެއް ނޫނެވެ. އިހްތިރާމްގެ މިންގަނޑާއި އަދަބު އަޚުލާގުގެ ހަފޮޅުން ބޭރު ވެސް ނުވެ، އަނެކުންގެ އަބުރާއި އިންސާނީ ކަރާމާތް ވެސް ނަގާނުލައި އެކަން ކުރެވޭނެ އެވެ. އިސްވެ ދެންނެވީ އެފަދަ ވަރަށް ކުޑަކުޑަ މިސާލެކެވެ.

އަނެކުންނަށް އިހްތިރާމާ އެކު ފާޑުކިޔައި ޚިޔާލު ފާޅުކުރުމުގެ ވަރަށް ކުޑަކުޑަ މިސާލެއް، ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާގެ ޙަޔާތްޕުޅުން ފާހަގަކޮށްލާނަމެވެ.

އިސްލާމް ދީނާއި ކީރިތި ރަސޫލާގެ އެންމެ ބޮޑު ދުޝްމަނަކީ އަބޫ ޖަހުލެވެ. މުސްލިމުންގެ އަތުން އޭނާ މަރުވީ ބަދުރު ހަނގުރާމައިގަ އެވެ. އޭނާގެ ދަރިކަލުން ޢިކްރިމާއަކީ ވެސް އިސްލާމްވުމުގެ ކުރިން މުސްލިމުންނާ ދެކޮޅަށް ހަނގުރާމަތަކުގައި ބައިވެރިވި ގުރައިޝުންގެ ފަހުލަވާނެކެވެ. ނަމަވެސް އޭނާ އިސްލާމް ދީން ގަބޫލުކޮށް ކީރިތި ރަސޫލާގެ އަރިހަށް ވަޑައިގެން ހިނދު އެކަލޭގެފާނު ކަންތައް ކުރެއްވީ ކިހިނެއްތޯ އެވެ.

ޢިކްރިމާ އިސްލާމް ވުމުގެ ބޭނުމުގައި ކީރިތި ރަސޫލާގެ އަރިހަށް ވަޑައިގެންނަވާ ޚަބަރު ލިބިވަޑައިގެން، އަރިހުގައި ތިއްބެވި ޞަޙާބީންނަށް ހަދީސް ކުރެއްވި އެވެ؛ މުއުމިނެއްގެ ގޮތުގައި މައްކާއިން ހިޖްރަ ކުރައްވައި ތިޔަ ބައި މީހުންގެ ގާތަށް ޢިކްރިމާ ވަޑައިގަންނަވާނެ އެވެ. ތިޔަބައި މީހުން އެކަލޭގެފާނުގެ ބައްޕާ އަށް (އަބޫޖަހުލަށް) ހުތުރު ބަހެއް ރައްދު ނުކުރާ ހުށި ކަމެވެ! ތިޔަބައި މީހުން، މަރުވެފައިވާ މީހަކަށް ހަޑިހުތުރު ބަސްތައް ރައްދު ކޮށްފިއްޔާ އެކަމުން ތުރާ ލިބޭނީ ދިރިތިބީންނަށެވެ. އެ ބަސްތަކެއް އެ މައްޔިތަކާ ހަމައަށް ނުފޯރާނެ އެވެ."

މި ހާދިސާގައި ކީރިތި ރަސޫލާ ބަޔާންކޮށްދެއްވީ، އަނެކުންނަށް އިހްތިރާމް ކުރުމުގެ މުހިންމު ކަމެވެ. ޢިކްރިމާއަކީ ކީރިތި ރަސޫލާ އަށް އީމާންވެގެން ހުންނެވި އެކަލޭގެފާނުގެ ޞަޙާބީއެކެވެ. ޢިކްރިމާގެ ބައްޕައަކީ މުސްލިމުންގެ އެންމެ ބޮޑު ދުޝްމަނެވެ. ނަރަކަވަންތަވެރިންގެ ތެރޭގައި ލައްވާފައިވާ މީހެކެވެ. އެހެން އެކަން އޮތް އިރު ވެސް، އެފަދަ ނުބައި މީހަކަށް ރައްދުކުރެވޭ އިހާނެތި ބަހެއްގެ ސަބަބުން، މުސްލިމެއްގެ ހިތަށް ތުރާލެއް ވެދާނެ ކަމަށްޓަކައި، ކީރިތި ރަސޫލާ އެކަން މަނާކުރެއްވީ އެވެ.

ވީއިރު، އަޅުގަނޑުމެން މުސްލިމުން އެކަކު އަނެކަކަށް ހަޑިހުތުރު ބަސްތައް ރައްދުކުރުމާއި، މީހުންގެ އަބުރު ނަގައިލުން ހުއްދަވާނެ ހެއްޔެވެ؟ ޚިޔާލު ފާޅުކުރުމުގެ މިންގަނޑުތަކާއި ހަމަތައް، އިސްލާމީ އުންމަތުގެ ކުރީކޮޅު އެ ވަނީ އެކަށައެޅި ނިމިފަ އެވެ. އިސްލާމީ އުންމަތުގެ ވެރިންގެ އަމަލުތަކާ މެދު ފާޑުކިޔާ ކޮންމެ ފަހަރަކު އެ ބޭކަލުންގެ އަބުރަށް އަރައިގެންފައެއް ނުވެ އެވެ. އަދި ފާޑުކިޔައި ޚިޔާލު ފާޅުކުރާ ކޮންމެ ފަހަރަކު، ތިމަންނާގެ އަބުރު ކަތިލިއްޔޭ ކިޔައި އާންމު ރައްޔިތުންނަށް އަނިޔާ ދިނުމަކީ ވެސް މި އުންމަތުގެ ހެޔޮލަފާ ވެރިންގެ މަންހަޖެއް ނޫނެވެ.