Roadha Mihaaru
އެމްޑީއޭގެ މެމްބަރެކޭ ބުނުމަކީ އަބުރާ ބެހުންތަ؟

ފަސް މިނެޓް: އެމްޑީއޭގެ މެމްބަރެކޭ ބުނުމަކީ އަބުރާ ބެހުންތަ؟

28 ނޮވެމްބަރ 2016

އަބުރުގެ ގާނޫނު ފާސް ކުރުމުގެ މަރުހަލާގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް މީޑިއާތަކުގެ ވަރަށް ގިނަ މީހުން ގެންގޮސް ޚިޔާލާއި މަޝްވަރާ ހޯދި އެވެ. ނަމަވެސް މަޖިލީހުން އެ ގާނޫނު ފާސްކޮށް ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވީ ވެސް ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އެދެވޭ ހައްލެއް ހޯދައި ނުދީ އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

އަބުރުގެ ގާނޫނު ފާސް ކުރުމުގެ މަރުހަލާގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް މީޑިއާތަކުގެ ވަރަށް ގިނަ މީހުން ގެންގޮސް ޚިޔާލާއި މަޝްވަރާ ހޯދި އެވެ. ނަމަވެސް މަޖިލީހުން އެ ގާނޫނު ފާސްކޮށް ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވީ ވެސް ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އެދެވޭ ހައްލެއް ހޯދައި ނުދީ އެވެ.

މަޖިލީހުގެ ކޮމިޓީގައި ނޫސްވެރިންނާ އެންމެ ގިނަ އިން ކުރި ސުވާލަކީ، މީހުންގެ އަބުރަށް އަރައި ނުގަނެ ނޫސްވެރިކަން ނުކުރެވޭނެ ހެއްޔެވެ؟ އަބުރަކީ ހިމާޔަތް ކުރެވި ރައްކާތެރިކުރެވެން ޖެހޭނެ އެއްޗެއް ކަމަށް ގަބޫލު ނުކުރަނީ ހެއްޔެވެ؟ އަބުރު ރައްކާތެރި ކުރުމުގެ ގާނޫނެއް ފާސްކުރާތީ ނޫސްވެރިން ބިރުގަންނަނީ ކީއްވެ ހެއްޔެވެ؟

މި ހުރިހާ ސުވާލުތަކަށް ވެސް ނޫސްވެރިން ދިނީ ދާދި އެއް ޖަވާބުތަކެކެވެ؛ މީހުންގެ އަބުރަށް އަރައިނުގަނެ ނޫސްވެރިކަން ކުރެވިދާނެ އެވެ. ނޫސްވެރިން ބޭނުންވަނީ މީހުންގެ އަބުރު ކަތިލާކަށް ނޫނެވެ. އަދި އަބުރަކީ ކިތަންމެ އާދައިގެ މީހެއްގެ ވިޔަސް، ހުރުމަތްތެރި ކުރެވި ރައްކާތެރި ކުރެވިގެންވާ އެއްޗެކެވެ. މީހެއްގެ އަބުރު ނަގައިލުމާއި އަބުރަށް އަރައިގަތުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެން ނުވެ އެވެ.

ނަމަވެސް މިފަދަ ބިލެއްގެ ސަބަބުން ކަންބޮޑުވާން ޖެހޭ އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ނޫސްވެރިން ފާހަގަކުރީ، ކޮންމެވެސް ބަޔަކު އެ ގާނޫނުގެ ނާޖާއިޒު ފައިދާ ނަގައިފާނެ ކަމެވެ. އަދި ސަރުކާރުންނާއި ސަރުކާރަށް ތާއީދު ކުރާ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އަބުރާ ބެހުން ނުވަތަ އަބުރު ނަގައިލުން މާނަ ކުރާ ގޮތް މަޖިލީހުގެ ތަޅުމުގަ އާއި ކޮމިޓީގައި މެމްބަރުން ދެއްކެވި ވާހަކަތަކުން ވަރަށް ރަނގަޅަށް ސާފުވީތީ އެވެ.

އެ ފަރާތްތަކުގެ ނަޒަރުގައި އަބުރާ ބެހުމުގެ ކޮންމެ ކަމަކީ، އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ގަޒްފު ކުރުމާ އެއްފަދަ ކަމެކެވެ. އިއްފަތްތެރި މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވާފައި، ޝަރީއަތުގައި ހަތަރު ހެކިންގެ ހެކިބަހުން އެކަން ސާބިތު ނުކުރެވިއްޖެ ނަމަ، އެ ދޮގު ތުހުމަތު ކުރި މީހާގެ ގައިގައި އަށްޑިހަ އެތިފަހަރުން ހައްދު ޖެހުމަށް އިސްލާމީ ޝަރީއަތުގައި އޮވެ އެވެ. ނަމަވެސް މީހަކާ ދިމާލަށް "މިހިރަ ބަބުރު ކަލޭގެޔާއޭ" ބުނާ މީހާގެ ގައިގައި ހައްދެއް ނުޖެހޭނެ އެވެ. ނަމަވެސް އެ ދެ ކަމަކީ ވެސް އޭގެ ޒާތުގައި އަބުރާ ބެހުމުގެ ދެ ކުށެވެ. ދަރަޖަ ވަރަށް ތަފާތެވެ.

އަބުރުގެ ބިލު ދިރާސާ ކުރުމަށް އެކުލަވާލި ކޮމެޓީން، މީޑިއާ ކައުންސިލާ ބައްދަލުކުރަނީ --ފޮޓޯ: ނިޝާން އަލީ/ މިހާރު

އަބުރުގެ ބިލު ދިރާސާ ކުރުމަށް އެކުލަވާލި ކޮމެޓީން، މީޑިއާ ކައުންސިލާ ބައްދަލުކުރަނީ --ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކަމަކު މިއަދު އަބުރާ ބެހުމުގެ ގާނޫނު އޮތީ މިފަދަ ތަފާތުތައް ކަނޑައަޅައިދޭ ފަދަ ގޮތަކަށް ނޫނެވެ. އަދި އެ ގާނޫނުގެ ނާޖާއިޒު ބޭނުން ހިފައިގެން، އަބުރާބެހުމަށް ނުވާ ކަމެއްގައި ވެސް އަބުރާބެހުނީ ކަމަށް ހަދައި މީހަކު ގާނޫނީ ގޮޅިއަކަށް ފައްތައިލެވިދާނެ ކަން، މިހާރު މިވަނީ ހާމަވާން ފަށައިފަ އެވެ.

އަބުރު ނަގައިލި ކަމަށް ބުނެ ފުލުހުންނަށް މިހާތަނަށް ހަތަރު މައްސަލައެއް ހުށަހަޅާފައި އެބަ އޮތް ކަމަށް މައުލޫމާތު ލިބެ އެވެ. އޭގެ ތެރެއިން އެންމެ މައްސަލައެއް ނޫނީ، ދެން ހުށަހެޅި މައްސަލަތައް ހުރީ ކޮން ބަޔަކާ ދެކޮޅަށް ކަމެއް އަދި ނޭނގެ އެވެ. އެ މައްސަލަ އަކީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އާއި "މިހާރު" ނޫހާއި އެ ނޫހުގެ ލިޔުންތެރިޔާ ފަޒީނާ އަހްމަދާ ދެކޮޅަށް އަމިއްލަ މީހަކު ހުށަހެޅި މައްސަލައެކެވެ.

މައްސަލަ ހުށަހެޅިތާ ދެ މަސް ފަހުން، އެ މައްސަލައިގެ ތަހުގީގު މިހާރު ވަނީ ފަށައިފަ އެވެ. ނޫސްވެރިޔާ ފަޒީނާ ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ވެސް ނަގައިފި އެވެ. މި މައްސަލަ ހުށަހެޅި ފަރާތުގެ އަބުރު ގެއްލުނީ ކީކޭ ލިޔެގެން ކަމަށްތޯ އެވެ؟

އެ މައްސަލަ ހުށަހެޅީ ސެޕްޓެމްބަރު 20، 2016 ގައި "މިހާރު" ނޫހުގައި ޝާއިއު ކުރި ޚަބަރަކާ ގުޅިގެންނެވެ. އެ ޚަބަރުގައި ހުރި ވާހަކަތަކުގެ ތެރެއިން، މައްސަލަ ހުށަހެޅި ފަރާތުގެ އަބުރު ގެއްލުނު ކަމަށް ބުނެ ފާހަގަކޮށްފައިވާ އިބާރާތް މި ތަނުގައި ނަކަލު ކޮށްލާނަމެވެ. ޖުމްލަ 366 ލަފްޒު ހިމެނޭ އެ ޚަބަރުގައި ހުރި ވާހަކަތަކުގެ ތެރެއިން، އެ ބޭފުޅާގެ އަބުރު ގެއްލުނު އިބާރާތަކީ "ސުޖާއު އަކީ އެމްޑީއޭ މެމްބަރެއް" މި އެވެ.

އެމްޑީއޭ އަކީ ރައީސް ޔާމީންގެ ސަރުކާރުގެ ކޯލިޝަންގެ ބައިވެރިޔާ އެވެ. މުޅި ގައުމު ތަރައްގީ ކުރަމުންދާ "ހަބޭސް ތިން އަހަރުގެ" ސަރުކާރުގެ އެއް ބައިވެރިޔާ އަށް މީހަކު ނިސްބަތް ކުރުމަކީ އެ މީހެއްގެ އަބުރަށް ހުތުރުވާ ކަމަކީ ހެއްޔެވެ؟ އެ ގޮތަށް ވިސްނާ ނަމަ، ސަރުކާރާ މެދު އެ ދެކެވެނީ ހާދަ އެހެން ކަހަލަ ގޮތަކަށެވެ. ހަގީގަތުގައި އެއީ އެ މީހެއްގެ އަބުރާއި އިއްޒަތް އުފުލިގެން ދިއުން ނޫން ބާވަ އެވެ؟

ހިޔާލު ފާޅު ކުރުން ހުއްޓުވާ ބިލް ފާސްކުރަން މަޖިލީހުގައި ވޯޓު ނަގަމުން ދިޔަ އިރު މަޖިލިސް ދޮށުގައި ނޫސްވެރިން ބިލާ ދެކޮޅަށް އަޑުއުފުލަނީ -- ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ހިޔާލު ފާޅު ކުރުން ހުއްޓުވާ ބިލް ފާސްކުރަން މަޖިލީހުގައި ވޯޓު ނަގަމުން ދިޔަ އިރު މަޖިލިސް ދޮށުގައި ނޫސްވެރިން ބިލާ ދެކޮޅަށް އަޑުއުފުލަނީ -- ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

އެ މީހަކު އެ ޕާޓީއެއްގައި ނުހިމެނޭ ޕާޓީއަކަށް ނިސްބަތް ކުރުމަކީ ހަމަ ގައިމު ވެސް ދޮގަކަށް ވާނެ އެވެ. ނަމަވެސް އެއީ އެ މީހެއްގެ އަބުރަށް އަރައިގަތުން ކަމުގައި ނުވަތަ އަބުރު ނަގައިލީ ކަމުގައި ހަމަ ބުއްދި ގަބޫލެއް ނުކުރާނެ އެވެ. އެއީ އަބުރަށް އަރައިގަތުން ކަމުގައި ގަބޫލު ކުރާނީ ކިތައް މީހުން ކަމެއް ނޭނގެ އެވެ.

ނަމަވެސް، ދިވެހި ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ފުލުހުން ތަހުގީގީ މަރުހަލާތައް ފަށާނީ އެއީ އަބުރާ ބެހުން ނޫން ކަމަށް ފުލުހުންނަށް ގަބޫލު ނުކުރެވޭތީ ކަމަށް ވިސްނެ އެވެ. މައްސަލަ ހުށަހެޅި ފަރާތުން، އެ ޚަބަރުގެ ތެރެއިން ފާހަގަކޮށްފައި އޮތް އިބާރާތުގައި މީހެއްގެ އަބުރާ ބެހިފައި ނުވާ ކަން ފުލުހުންނަށް ކަށަވަރުވާ ނަމަ، ގައިމު ވެސް ތަހުގީގެއް ނުފަށާނެ އެވެ.

ހަމައެކަނި މި މައްސަލަ އަށް ބަލައިލިޔަސް، އަބުރުގެ ގާނޫނުގެ ނުރައްކާތެރިކަން ވަޒަން ކުރެވޭނެ އެވެ. މިވެނި މީހަކީ ވަކި ޕާޓީއެއްގެ މީހެކޭ ބުނުމަކީ މީހެއްގެ އަބުރަށް އަރައިގަތުން ކަމަށް ބަލައިގެން ތަހުގީގު ކޮށް ޝަރީއަތަށް ފޮނުވާ ނަމަ، އެއީ ކަނޑައެޅިގެން އެ ގާނޫނުގެ ނާޖާއިޒު ފައިދާ ނެގުމެވެ. އެ ގާނޫނު އުފަންކުރި މަރުހަލާގެ ތެރޭގައި ނޫސްވެރިން ކަންބޮޑުވި އެންމެ ބޮޑު ސަބަބަކީ އެއީ އެވެ.

މި މައްސަލަ ކުރި އަށް ގެންދާ ނަމަ، މާރާމާރީ ހިންގައި މީހުން މަރާ ޣައިރު ގާނޫނީ ގޭންގަކަށް މީހަކު ނިސްބަތް ކޮށްގެން ހުށަހަޅާ މައްސަލައަކާ މެދު އަމަލު ކުރާނީ ކޮން ގޮތަކަށް ބާވައޭ ހިތަށް އަރަ އެވެ. އެ ދެ ކަމަކީ ވެސް އަބުރާ ބެހުން ކަމުގައި ބަލައިފި ނަމަ، އެ ބުނެވެނީ ކީކޭތޯ އެވެ؟ އެ ބުނެވެނީ، ގާނޫނީ ގޮތުން އުފެދިފައިވާ ސިޔާސީ ޕާޓީތަކާއި، ބޮޑެތި ޖަރީމާތައް ހިންގާ ޣައިރު ގާނޫނީ ގޭންގުތަކާ ހަމަހަމައޭ ނޫން ބާވަ އެވެ؟

މިއަދު އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާ ސުވާލު ކޮށްލަން ބޭނުންވެ އެވެ. އެއީ މެޖޯރިޓީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ އަހްމަދު ނިހާނާއި ކެޔޮދޫ ދާއިރާގެ މޫސާ ނިޒާރާއި ކެލާ ދާއިރާގެ އަލީ އާރިފާއި ނިލަންދޫ ދާއިރާގެ އަބްދުﷲ ޚަލީލެވެ. އެއީ އަބުރުގެ ބިލް ދިރާސާ ކުރި ކޮމިޓީގައި ނޫސްވެރިންނާ ބައްދަލުކުރައްވައި، އަބުރުގެ ގާނޫނުގެ ނާޖާއިޒު ފައިދާ ސަރުކާރުން ނުނަގާނެ ކަމުގެ ޔަގީންކަން ދެއްވި ބޭފުޅުންނެވެ.

އަބުރުގެ ބިލު ދިރާސާ ކުރާ ކޮމެޓީގެ މެމްބަރުން: އެއީ މޮޅު ގާނޫނެއްތަ؟ --ފޮޓޯ: ނިޝާން އަލީ /މިހާރު

އަބުރުގެ ބިލު ދިރާސާ ކުރާ ކޮމެޓީގެ މެމްބަރުން: އެއީ މޮޅު ގާނޫނެއްތަ؟ --ފޮޓޯ: ނިޝާން އަލީ /މިހާރު

ތި ބޭފުޅުން ވިދާޅުވެ ބައްލަވާށެވެ! "އެހެންވެ މޫސައަކީ އެމްޑީޕީ މެމްބަރެއް ނޫން ކަމަށާއި ޝުޖާއު އަކީ އެމްޑީއޭ މެމްބަރެއް ކަމަށް ވެސް ޝިފާޒު ވިދާޅުވި އެވެ." މި ޖުމްލައިގައި އެ ބުނާ ޝުޖާއުގެ އަބުރު ގެއްލޭ ފަދަ އިބާރާތެއް އެބަ އޮތްތޯ އެވެ؟

ކަންބޮޑުވަނީ ނޫސްވެރިއަކާ ދެކޮޅަށް ދައުވާކޮށް ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފާނެތީކީ ނޫނެވެ. މިފަދަ ކުދިކުދި ކަންތައް ވެސް އަބުރުގެ ޚަންޖަރަށް މަހައިގެން އާދައިގެ ނިކަމެތި ރައްޔިތަކަށް ކިތަންމެ ބޮޑު އަނިޔާއެއް ވެސް ދެވިދާނެތީ އެވެ. އޭގައި އޮންނާނީ ބާރު އޮތް ފަރާތަކުން އެގޮތަށް ނިންމުމެވެ.