Roadha Mihaaru
އަބުރާ ބެހެނީ ވެސް، ކަންބޮޑުވަނީ ވެސް މަޖިލިސް!

އަބުރާ ބެހެނީ ވެސް، ކަންބޮޑުވަނީ ވެސް މަޖިލިސް!

17 އޯގަސްޓް 2016

ހިޔާލު ފާޅުކުރުން ހުއްޓުވޭ ގޮތަށް ރައްޔިތުންގެ މަޖިލިހުން މިދިޔަ ހަފުތާގައި ފާސްކުރި ގާނޫނާ އެކު، ޕޯޑިއަމްތަކާއި އާންމު އެއްވުންތަކާއި ޓީވީތަކުގައި ސިޔާސީ މީހުން، އެހެން މީހުންގެ އަބުރަށް އަރައިގަތުން ހުއްޓިއްޖެ ކަމަށް ވިދާޅުވެ މަޖިލިހުގެ ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން އެ ގާނޫނު ވަރަށް ބޮޑަށް ދިފާއު ކުރައްވަ އެވެ. ގާނޫނު ޕްރޮމޯޓް ކުރުމުގައި އެ މެމްބަރުން ސޯޝަލް މީޑިއާގައި އެންމެ ގިނައިން ދައްކަވާ އެއް ވާހަކައަކީ އެއީ އެވެ. އެކަމަކު އެ މެމްބަރުން އެ ވާހަކަ ދައްކަވަނީ ގާނޫނުގެ ނިވަލުގައި ހުރިހާ އިމްތިޔާޒުތަކެއް ހޯއްދަވައިގެން ތިއްބަވައިގެންނެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ހިޔާލު ފާޅުކުރުން ހުއްޓުވޭ ގޮތަށް ރައްޔިތުންގެ މަޖިލިހުން މިދިޔަ ހަފުތާގައި ފާސްކުރި ގާނޫނާ އެކު، ޕޯޑިއަމްތަކާއި އާންމު އެއްވުންތަކާއި ޓީވީތަކުގައި ސިޔާސީ މީހުން، އެހެން މީހުންގެ އަބުރަށް އަރައިގަތުން ހުއްޓިއްޖެ ކަމަށް ވިދާޅުވެ މަޖިލިހުގެ ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން އެ ގާނޫނު ވަރަށް ބޮޑަށް ދިފާއު ކުރައްވަ އެވެ. ގާނޫނު ޕްރޮމޯޓް ކުރުމުގައި އެ މެމްބަރުން ސޯޝަލް މީޑިއާގައި އެންމެ ގިނައިން ދައްކަވާ އެއް ވާހަކައަކީ އެއީ އެވެ. އެކަމަކު އެ މެމްބަރުން އެ ވާހަކަ ދައްކަވަނީ ގާނޫނުގެ ނިވަލުގައި ހުރިހާ އިމްތިޔާޒުތަކެއް ހޯއްދަވައިގެން ތިއްބަވައިގެންނެވެ.

ގާނޫނުއަސާސީގައި ދީފައި އޮތް ހިޔާލު ފާޅުކުރުން ހުއްޓުވޭ ގޮތަށް ހެދި ގާނޫނުގެ ދަށުން މަޖިލިހުން ވަނީ ހުރިހާ އިމްތިޔާޒުތަކެއް ހޯދައިފަ އެވެ. އޭގެ ނަތީޖާ އަކީ ގާނޫނީ އިމުގެ ތެރެއިން، ކޮންމެ ކޮންމެ ވާހަކައެއް އާންމުންނާއި މީޑިއާއިން ނުދެއްކޭ ގޮތަށް ހެދުމަށް ފަހު، މަޖިލިހުގައި އެ ހުރިހާ ވާހަކަތަކެއް ވެސް ދެއްކުމެވެ. މަޖިލިހުގައި މީހުންގެ އަބުރަށް ވެސް އަރައިގަންނަންވީ އެވެ. ހަގީގަތާ ހިލާފު، ބޮޑެތި ދޮގުތައް ހަދަންވީ އެވެ. މަޖިލިހުގައި ޖަވާބުދާރީނުވެވޭ މީހުންގެ އަބުރާއި ކަރާމާތަށް ވެސް އަރައިގަންނަންވީ އެވެ. މަޖިލިހުގެ އެއް މެމްބަރަކު އަނެއް މެމްބަރަކަށް ވެސް ހަމަ އޮތީ މި އުސޫލެވެ.

ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި، ފުލުހުން ކުރާ ތަހުގީގުގެ ލިޔެކިއުންތައް ފުލުހުންގެ އިދާރާގައި ނެތް ކަމަށް ވިލުފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ރިޔާޒް ރަޝީދު މިދިޔަ ހޯމަދުވަހު މަޖިލިހުގައި ވިދާޅުވުމުން އެކަން ފުލުހުން ވަގުތުން ދޮގުކުރުމަކީ މީގެ އެއް ހެއްކެވެ. އޭރުގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒަށް އަމާޒުކޮށް، ރިޔާޒް ރަޝީދު އެ ވާހަކަ ދެއްކެވި ނަމަވެސް ހަގީގަތުގައި އެއީ ވަރަށް ބޮޑު ވާހަކައެކެވެ. ގައުމުގައި މިހާރު ޖަވާބު ނުލިބި ހުރި މައްސަލަތަކުގެ ތެރެއިން ނާޒުކް މައްސަލައެއްގެ ވާހަކަ އެވެ. އެކަމަކު ހަމަ އެ ވާހަކަ ވެސް އެ މެމްބަރުންނަށް އެންމެ ރަނގަޅެވެ. ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ފުލުހުން ފަހުން ބުނުމުން އެކަން ނިމުނީ އެވެ. ގެއްލޭނެ އަބުރެއް ނެތެވެ. މީހެއްގެ ކަރާމާތަކަށް އަރައެއް ނުގަނެވެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގެ ބައްދަލުވުން ކުރިއަށް ގެންދަނީ: ެމމްބަރުން ދައްކާ ވާހަކަ އަށް އެއްވެސް ފިޔަވަޅެއް ނޭޅޭ --ފޮޓޯ: ނިޝާން އަލީ/މިހާރު

ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގެ ބައްދަލުވުން ކުރިއަށް ގެންދަނީ: ެމމްބަރުން ދައްކާ ވާހަކަ އަށް އެއްވެސް ފިޔަވަޅެއް ނޭޅޭ --ފޮޓޯ: ނިޝާން އަލީ/މިހާރު

ހިޔާލު ފާޅުކުރުން ހުއްޓުވޭ ގޮތަށް ހެދި ގާނޫނަށް މިދިޔަ ބުރާސްފަތިދުވަހު އަމަލުކުރަން ފެށި ފަހުން އެންމެ ބޮޑަށް ފާހަގަވާ ކަމަކީ މަޖިލިހުގައި ބޭނުން ކޮންމެ ވާހަކައެއް ދައްކައި، ކޮންމެ މީހަކާ ދިމާލަށް ވެސް ބޭނުން އެއްޗެއް ގޮވަންވީ ކަމެވެ. ލައިވް އިވެންޓުތަކުގައި މީހުންގެ އަބުރަށް އަރައިގަނެ ނުވަތަ ވަގަށް ގޮވައި މީހަކު ދައްކާ ވާހަކަތައް ބްރޯޑްކާސްޓަރުން ސެންސަރު ކުރަން ޖެހުނު ނަމަވެސް މަޖިލިހުގައި ދައްކާ ވާހަކަތަކަށް އޮތީ ހައްދުން ނެއްޓިފަ އެވެ. ހަގީގަތާ ހިލާފު، އަދި އެހެން މީހުންނަށް ވަގަށް ގޮވައި، ބޮޑެތި އިލްޒާމްތައް މަޖިލިހުގައި އަޅުވަމުންދާއިރު، ގޭގޭގެ ސިޓިން ރޫމްތަކަށް އެ މަންޒަރުތަކާއި އަޑުތައް ކަނޑާލުމެއް ނެތި ފޮނުވެ އެވެ. އެއީ މަނާކަމަކަށް ނުވެ އެވެ. މެމްބަރުން އެ ތިއްބެވީ ގާނޫނީ އިމުގެ ތެރެއިން އެ ޖާގަ ދީގެންނެވެ. އަހަރެމެންނަށް އޮތީ އެ މަންޒަރު ބެލުމެވެ. މި ހުރިހާ ހައްގެއް މެމްބަރުންނަށް މި ހޯދައިދިނީ ގާނޫނުއަސާސީ އާއި ހިޔާލު ފާޅުކުރުން ހުއްޓުވާ ގާނޫނުންނެވެ.

ގާނޫނުއަސާސީގެ 90 ވަނަ މާއްދާގެ (ހ) ގައި ވަނީ، ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި، ނޫނީ މަޖިލިހުގެ ކޮމިޓީއެއްގައި މަޖިލިހުގެ މެމްބަރަކު ނުވަތަ އެ ނޫން ވެސް މީހަކު އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތުގެ މަތިން ދެއްކި ވާހަކަައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން، އެމީހަކު ކޯޓަކަށް ހާޒިރުކޮށް ނުވަތަ އެއްވެސް ތަހުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް، ނުވަތަ އެމީހަކާ މެދު ދައުވާކޮށްގެން ނުވާނެ ކަމަށެވެ.

ޕީޕީއެމް މެމްބަރު ޖައުފަރު ހުށަހެޅުއްވި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލްގެ ބަދަލުގައި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް (މ) އެކުލަވައިލި އާ ބިލަށް، ވަގުތީ ކޮމިޓީގައި މަޝްވަރާ ކުރަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ޕީޕީއެމް މެމްބަރު ޖައުފަރު ހުށަހެޅުއްވި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލްގެ ބަދަލުގައި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް (މ) އެކުލަވައިލި އާ ބިލަށް، ވަގުތީ ކޮމިޓީގައި މަޝްވަރާ ކުރަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ގާނޫނުއަސާސީގައި އެ ބޮޑު އިމްތިޔާޒު މަޖިލިހަށް ދީފައިވާއިރު، ހިޔާލު ފާޅުކުރުން ހުއްޓުވާ ގާނޫނުން ވެސް މަޖިލިހަށް އެ އިމްތިޔާޒްތައް ލިބިފައިވެ އެވެ. ސަބަބަކީ މަޖިލިހުގައި މެމްބަރުން ދައްކަވާ ކޮންމެ ވާހަކައެއް ސެންސަރު ކުރުމެއް ނެތި، ލައިވް ކުރެވޭތީ އެވެ. މަޖިލިހުގެ މެމްބަރުން ވެސް ވިދާޅުވަނީ މެމްބަރުން ދައްކަވާ ވާހަކަތައް ޓީވީތަކުން ލައިވް ކުރެވޭނެ ކަމަށެވެ. ހާއްސަ އިމްތިޔާޒުތަކެއް ލިބޭތީ އެވެ.

ގާނޫނުއަސާސީގައި ބުނާ ގޮތުން މަޖިލިހުގައި ވެސް މެމްބަރުންނަށް އަދި އެހެން މީހަކަށް ވެސް ވާހަކަ ދެއްކޭނީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތުގެ މަތިންނެވެ. އިސްލާމްދީނުގެ އަސްލަކީ ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުގައި ވާ ކަންތައްތަކުގެ ތެރެއިން، އެކަމެއްގެ ސައްހަ ކަމާ މެދު ހިލާފު އުފެދިފައި ނުވާ ޝަރުއީ އުސޫލުތަކާއި މި ދެ އަސްލުން ދޭހަކޮށްދޭ އުސޫލުތަކެވެ. އިސްލާމްދީނުގެ އަސްލަށް އަމަލުކުރާ ނަމަ، މަޖިލިހުގައި މީހުންގެ އަބުރާ ނުބެހެވޭނެ އެވެ. މީހުންނަށް ވަގަށް ގޮވައި، ދޮގު ވާހަކައެއް ނުދެއްކޭނެ އެވެ. ނެތިމޮށުމާއި އެހެން މީހުންގެ ހައްގަށް އަރައެއް ނުގަނެވޭނެ އެވެ.

މި ވާހަކަ މިހެން ބުނުމުން ހައިރާންވާނެ ކަމެއް ނެތެވެ. މިއީ ރޯމާދުވާލު މަޖިލިހުގައި ހިނގާ ކަންތައްތަކެވެ. ބަޔަކު ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. އެކަމަކު ހައިރާންވާން ޖެހެނީ އަބުރާ ބެހުން ހުއްޓުވުމުގެ ނަމުގައި ގާނޫނެއް ހެދިއިރު، އާންމުން އެއަށް އަމަލުކުރަން މަޖުބޫރުކޮށް، މަޖިލިހަށް އެ ހުރިހާ ކަމެއް ހުއްދަ ކަމަށް ދޭހަވާ ގޮތަށް މަޖިލިހުގައި ކަން ކުރާތީ އެވެ. އެކަން ހުއްޓުވާނެ ފަރާތެއް ނެތީމަ އެވެ. ހުއްޓުވަން ވެސް ހަމަ ތިބީ މަޖިލިހުގެ މެމްބަރުންނެވެ. އެކަމަކު އެކަމެއް ވާކަށް ނެތެވެ. އާންމު ޖަލްސާތަކާއި ޓީވީތަކުގެ ސްޓޫޑިއޯތަކުގައި ނުދެއްކޭ ނުވަތަ ޓީވީތަކުން ސެންސަރުކުރަންޖެހޭ ހުރިހާ ވާހަކަތައް ދައްކަން މަޖިލިހުގެ ތަޅުން ބޭނުންކުރަންވީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް

މަޖިލިހުގެ ގަވައިދަށް ބަލާއިރު ވެސް، މަޖިލިހުގެ މެމްބަރުންގެ ހައްގުތަކަށާއި އަބުރަށް އުނިކަން އަންނަ މައްސަލަތައް ހިމެނެނީ މަޖިލިހުގެ އިމްތިޔާޒުގެ ގޮތުގަ އެވެ. އާންމު މީހަކު ވެސް މަޖިލިހުގެ ނުވަތަ މެމްބަރެއްގެ ހައްގަށް ނުވަތަ އަބުރަށް އަރައިގެންފި ނަމަ، އެ މައްސަލަ މަޖިލިހުން ބެލޭނެ އެވެ. އެކަމަކު އެންމެ ހެއްވާ ކަމަކީ މަޖިލިހުގައި އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ އަބުރާ ބެހި، ކަރާމާތް ގެއްލުވައިލިޔަސް މައްސަލައެއް ނެތުމެވެ.

ތެދެކެވެ. މަޖިލިހުގައި ތިއްބަވަނީ ސިޔާސީ ބޭފުޅުންނެވެ. އެކަމަކު ކޮންމެ ފަދަ ވާހަކައެއް ދައްކަވާފައި އެއީ ސިޔާސީ ވާހަކައެކޭ ވިދާޅުވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ސިޔާސީ ބޭފުޅުން ވީމާ ފާޑުވިދާޅުވާންޖެހޭ ކަންތައްތައް ހުންނާނެ އެވެ. އެކަމަކު އެއީ މަޖިލިހުގައި އަބުރާ ބެހުމާއި ދޮގުހެދުން ފަދަ ކަންކަން ކުރުމުގެ ލައިސަންސް އަކަށް ވެގެން ނުވާނެ އެވެ.

އަބުރާ ބެހުމަކީ ދީނުގައި ނަހީ ކުރައްވާފައިވާ ކަމެއް ކަމަށާއި އެކަމުން މުޅި މުޖުތަމައު ސަލާމަތް ކުރުމަކީ ޑިމޮކްރެޓިކް މުޖުތަމައުއެއް ބިނާކުރަން ލާޒިމް ކަމެއް ކަމަށް މި ބުނަނީ ވެސް ރައްޔިތުންގެ މަޖިލިހުންނެވެ. އެކަމަކު އެންމެ ގިނައިން އެކަން ކުރާތަން ވެސް މިހާރު އެންމެ ފާޅުކަން ބޮޑު ގޮތެއްގައި މި ފެންނަނީ މަޖިލިހުންނެވެ. އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ހެދި ހަރުކަށި ގާނޫނު ވުޖޫދަށް އައި ފަހުން އަދި އެކަން މާ ބޮޑަށް ފާހަގަވާން ފަށައިފި އެވެ. މިކަން އިސްލާހު ކުރަން ގާނޫނުއަސާސީ އާއި މަޖިލިހުގެ ގަވައިދު ބަދަލުކުރުމުގެ ބާރު ވެސް އޮތީ ހަމަ މަޖިލިހަށެވެ. އާންމުންނަށް ދެއްކި ނަމޫނާއާ އެއްގޮތަށް އަމިއްލަ އަޚުލާގީ މިންގަނޑު ހިފަހައްޓައި އެހެން މީހުންގެ އަބުރާއި އިއްޒަތާއި ކަރާމާތަށް އަރައި ނުގަތުމަކީ ހަމަ އެ މަޖިލިހުގެ ޒިންމާއަކަށް ނުވާނެ ހެއްޔެވެ؟