Roadha Mihaaru
ޕީއެސްޖީގައި ނެތީ މުއްސަނދި ތާރީހެއް: ކްލޮޕް

ޕީއެސްޖީގައި ނެތީ މުއްސަނދި ތާރީހެއް: ކްލޮޕް

18 ސެޕްޓެމްބަރ 2018

ލިވަޕޫލް (ސެޕްޓެމްބަރު 18) - ޕީއެސްޖީ އަކީ މޮޅެތި ގިނަ ކުޅުންތެރިންތަކެއް ތިބި ވަރުގަދަ ޓީމެއް ކަމަށާއި ނެތީ މުއްސަނދި ތާރީހެއް ކަމަށް ޗެމްޕިއަންސް ލީގުގައި މިރޭ އެ ޓީމާ ދެކޮޅަށް ނުކުންނަ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލިވަޕޫލް (ސެޕްޓެމްބަރު 18) - ޕީއެސްޖީ އަކީ މޮޅެތި ގިނަ ކުޅުންތެރިންތަކެއް ތިބި ވަރުގަދަ ޓީމެއް ކަމަށާއި ނެތީ މުއްސަނދި ތާރީހެއް ކަމަށް ޗެމްޕިއަންސް ލީގުގައި މިރޭ އެ ޓީމާ ދެކޮޅަށް ނުކުންނަ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވި ލިވަޕޫލް މި ފަހަރުގެ މުބާރާތުގައި ލައްވާލީ ނިސްބަތުން އުނދަގޫ ގްރޫޕަކަށެވެ. ފުރަތަމަ މެޗުގައި މިރޭ ލިވަޕޫލް އަމިއްލަ ދަނޑުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭއިރު، ދެން މި ގްރޫޕުގައި އޮތީ އިޓަލީގެ ނަޕޯލީ އާއި ސާބިއާގެ ރެޑްސްޓާ ބެލްގްރޭޑް އެވެ.

ކްލޮޕް ބުނީ ޕީއެސްޖީ އަކީ މުބާރާތް ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ ޓީމެއް ކަމަށެވެ.

"ޕީއެސްޖީގައި މުއްސަނދި ތާރީހެއް ނެތަސް އެ ޓީމުގެ ކޮލިޓީ އަހަރެމެންނަށް އެބަފެނޭ. ތަފާތު މޮޅެތި ކުޅުންތެރިން ތިބުމުގެ އިތުރުން އެ ޓީމުގައި ހުރީ މޮޅު ކޯޗެއް ވެސް މެ. އެ ޓީމުގެ ކޯޗު (ޓުޗެލް) އަހަރެން ދަންނަން. ހަގީގަތަށް ބުނާނަަމަ ޕީއެސްޖީ އަކީ މުބާރާތުގެ ފޭވަރިޓެއް،" ކްލޮޕް ބުންޏެވެ.

މިދިޔަ ސީޒަނުގައި ލިވަޕޫލުން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރި ނަމަވެސް މި ފަހަރު އެ ޓީމުގެ ކުރިމަތީގައި އޮތީ މާ އުނދަގޫ މަސައްކަތެއްގެ ގޮތުގައި ކްލޮޕް ސިފަ ކުރެ އެވެ.

"މިދިޔަ ސީޒަނުގައި އަހަރެމެން ވަރަށް އުނދަގޫ ހާލަތެއްގައި ގިނަ ބަޔަކު ހީކުރި ގޮތާ ހިލާފަށް ނަމަވެސް މުބާރާތުގެ ފައިނަލުގައި ކުޅެެފިން. އެކަމަކު އެ މުބާރާތް ފެށުމުގެ ކުރިން އަހަރެމެން އެ ހިސާބަށްދާނެ ކަމަށް ގިނަ ބަޔަކު ގަބޫލެއް އޭރު ނުކުރޭ. އެކަމަކު މިހާރު އެ ކަންތައް ބަދަލުވެއްޖެ. ލިވަޕޫލް ވަނީ ފަސް ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައި. މި ޓީމަށް މިހާރު އެކަން ކުރެވިދާނެ ކަމަށް ގަބޫލުކުރާ މީހުން ގިނަ. އެހެންވެ ކުރިމަތިމިލަނީ އުނދަގޫ މަސައްކަތަކަށް،" ކްލޮޕް ބުންޏެވެ.

މި ފަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ލިވަޕޫލް ނުހިމެނޭނެ ކަމަށް ދާދި ފަހުން ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ ތަރި ނޭމާ ވަނީ ބުނެފަ އެވެ. ނޭމާ ކުޅޭއިރު ފައުލެއް ވުމުން ވެއްޓިގެންފައި އުޅޭގޮތުން ބެހޭގޮތުން ގިނަ ބަޔަކު އޭނާއާ މެދު ހިތްހަމަ ނުޖެހުން ވަނީ ފާޅުކޮށްފަ އެވެ. ކްލޮޕް ބުނީ މި މެޗުގައި ލިވަޕޫލުން އެ ފަދަ ހުރިހާ ކަމަކަށް ތައްޔާރުވާނެ ކަމަށެވެ.

ހޮނިހިރު ދުވަހު ޓޮޓެންހަމް އަތުން މޮޅުވި މެޗުގައި ލޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ އަށް މިރޭގެ މެޗުގައި ކުޅެވޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ. އަނެއްކޮޅުން މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ދެއްކި ކާޑުތަކުގެ ސަބަބުން ޕީއެސްޖީގެ ޖިއަންލުއިޖީ ބުފޮން އާއި މާކޯ ވެރާޓީ ތިބީ ސަސްޕެންޝަނުގަ އެވެ.

އިންގްލެންޑް ޓީމުތަކުގެ ދަނޑުގައި އެންމެ ފަހުން ޕީއެސްޖީ ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ލިބިފައިނުވެ އެވެ. އެކަމަކު އެ ޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ފޯވާޑް އެޑިސަން ކަވާނީ އިނގިރޭސި ޓީމުތަކާ ދެކޮޅަށް ކުޅުނު 14 މެޗުން އަށް ލަނޑު ޖަހާފައިވުމެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.