Roadha Mihaaru
ރައީސްގެ އަބުރާ ބެހުނު މައްސަލަ ކޯޓުން ބަލައިގެންފި

ރައީސް ޔާމީންގެ އަބުރާ ބެހުނު މައްސަލަ ސިވިލް ކޯޓުން ބަލައިގެންފި

18 ސެޕްޓެމްބަރ 2018

ރައީސް އަބްދުﷲ ޔާމީންގެ އަބުރަށް އަރައިގެން ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައީސް އަބްދުﷲ ޔާމީންގެ އަބުރަށް އަރައިގެން ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.

އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފު މިއަދު ވިދާޅުވީ އެމްޑީޕީ އާއި އެ ޕާޓީގެ އިސް ދެ ބޭފުޅަކަށް ދައުވާކުރަން މިދިޔަ ބުދަ ދުވަހު ހުށަހެޅި މައްސަލަ އިއްޔެ ބަލައިގެންކަމަށް އަންގާފައިވާ ކަމަށެވެ.

މީގެ އިތުރުން، އިންތިޚާބީ ހައްގަކަށް އަރައިގެންފައިވާތީ އެކަމަށް ފިޔަވަޅު އަޅައިދިނުމަށް އެދި ހައި ކޯޓަށް ވެސް މައްސަލަ ހުށަހެޅި އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.

ކޯޓަށް ހުށަހެޅި މައްސަލާގައި، އަބުރު ގެއްލުމުގެ މާލީ ބަދަލު ހޯދުމަށް ވަކި އަދަދެއް ކަނޑައަޅާފައި ނުވެ އެވެ. ލިބުނު ގެއްލުންތައް ބެލުމަށްފަހު ވަރަށް އަވަހަށް ކޯޓަށް ހުށަހަޅާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.

މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް ޔާމީން އަބުރުގެ ދައުވާ ކުރައްވަން ނިންމެވީ، ރާއްޖޭން ބޭރުގައި ގަވާއިދާ ހިލާފަށް ތެލުގެ ވިޔަފާރި ކުރަމުންދާ ކަމަށް ބުނާ ދިވެހި ކުންފުންޏަކާ، އެމަނިކުފާނާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށް އެމްޑީޕީން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައި އެކަމަކާ ބެހޭ ގޮތުން އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދެއްކެވުމުންނެވެ.

މި މަހުގެ ތިންވަނަ ދުވަހު އެމްޑީޕީގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތީ، އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ.

އެ ޕްރެސް ކޮންފަރެންސް ދެއްކުމާ ގުޅިގެން ރާއްޖެ ޓީވީގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ވެސް ހުށަހަޅާފައި ވެ އެވެ.