Roadha Mihaaru
2023 ގެ މެނިފެސްޓޯ ހަދަން އިދިކޮޅުން ރަށްރަށަށް

ޔާމީންގެ އާ މެނިފެސްޓޯ އެކުލަވައިލަން އިދިކޮޅުން ރަށްރަށަށް!

04 އޯގަސްޓް 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނެރޭނެ މެނިފެސްޓޯ އާ ގުޅޭ މަސައްކަތްތަކެއް ކުރުމާއި އެމަނިކުފާނުގެ ޕާޓީ އަށް ތާއީދު ހޯދަން ޕީޕީއެމް/ޕީއެންސީން އަތޮޅުތަކަށް ދަތުރުތަކެއް ކުރަން ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނެރޭނެ މެނިފެސްޓޯ އާ ގުޅޭ މަސައްކަތްތަކެއް ކުރުމާއި އެމަނިކުފާނުގެ ޕާޓީ އަށް ތާއީދު ހޯދަން ޕީޕީއެމް/ޕީއެންސީން އަތޮޅުތަކަށް ދަތުރުތަކެއް ކުރަން ނިންމައިފި އެވެ.

އިދިކޮޅު ދެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ސުޖާއު ވިދާޅުވީ "މަވެސް ޕީޕީއެމް" ގެ ނަމުގައި އެ ޕާޓީން ރަށްރަށަށް ދަތުރު ކުރުމުގެ ހަރަކާތެއް ފަށަން ނިންމާފައިވާ ކަމަށެވެ. އަދި ފުރަތަމަ ދަތުރަށް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ހަފްތާއެއް ވަންދެން ޕީޕީއެމް/ޕީއެންސީގެ މެންބަރު ހއ. އަތޮޅުގައި ހަރަކާތްތެރިވާނެ ކަމަށް ސުޖާއު ވިދާޅުވި އެވެ.

މި ދަތުރުތަކުގެ މައިގަނޑު ބޭނުމަކީ 2023 ގެ ރިޔާސީ އިންތިހާބަށް ޔާމީންގެ މެނިފެސްޓޯ އެކުލަވައިލުމަށް ޕީޕީއެމްގެ ޕޮލިސީ ޑިޕާޓްމަންޓުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރުން ކަމަށާއި އެ މެނިފެސްޓޯ އެކުލަވައިލުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަން ބޭނުންވާ ކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ.

"ޕޮލިސީ ޑިޕާޓްމަންޓުން އެކުލަވާލައިފައިވާ ޕޭޕަރަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަން ބޭނުންވޭ. ރައީސް ޔާމީން 2023 މެނިފެސްޓޯ އަށް އަޅުގަނޑުމެން ހުށަހަޅަން ބޭނުންވާ ކަންތައްތަކާ ބެހޭ ގޮތުން ރައްޔިތުންނަށް ވެސް މައުލޫމާތު ދޭނަން،" ސުޖާއު ވިދާޅުވި އެވެ.

އެ ދަތުރުތަކުގެ ތެރެއިން ޕީޕީއެމް/ޕީއެންސީ އަށް މެންބަރުން އިތުރު ކުރުމާއި ކައުންސިލްތަކާ އެކު މަޝްވަރާކޮށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް ސުޖާއު ވިދާޅުވި އެވެ. އަދި އިދިކޮޅު ފަރާތްތަކުން ފަށާފައިވާ ގައުމު ސަލާމަތް ކުރުމުގެ ހަރަކާތްތަކެއް ވެސް ކުރިޔަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީންގެ އާ މެނިފެސްޓޯ އެކުލަވައިލުމުގެ މަސައްކަތް އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ އިރު ޕީޕީއެމް/ޕީއެންސީގެ ކައުންސިލުން ވަނީ 2023 ވަނަ އަހަަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަ ކުރައްވާނެ ކެނޑިޑޭޓަކީ އެމަނިކުފާނު ކަމަށް ފާސް ކޮށްފަ އެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީން އިންތިހާބުގެ ކުރިން މިނިވަންވެ، ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އިދިކޮޅު ފަރާތްތަކުން ދެ އެވެ. އެއީ އެމަނިކުފާނުގެ މައްޗަށް ކޮށްފައި ވަނީ ސިޔާސީ ހުކުމެއް ކަމަށާއި ސުޕްރީމް ކޯޓުގެ މަރުހަލާއިން މިނިވަން ވެވަޑައިގަންނަވާނެ ކަމަށް އުންްމީދު ކުރައްވާ ކަމަށް ވެސް އެ ޕާޓީގެ ލީޑާޝިޕުން ބުނެ އެވެ.