Roadha Mihaaru
ފަސްޓްލޭޑީ އައްޑު އަށް ވަޑައިގެންފި

ފަސްޓްލޭޑީ އައްޑު އަށް ވަޑައިގެންފި

21 ސެޕްޓެމްބަރ 2018

ރިޔާސީ އިންތިހާބަށް އެއް ދުވަހަށް ވެފައި ވަނިކޮށް ކެމްޕޭން ދަތުރުފުޅެއްގައި ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްދީދީ މިރޭ އައްޑު އަށް ވަޑައިގެންފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރިޔާސީ އިންތިހާބަށް އެއް ދުވަހަށް ވެފައި ވަނިކޮށް ކެމްޕޭން ދަތުރުފުޅެއްގައި ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްދީދީ މިރޭ އައްޑު އަށް ވަޑައިގެންފި އެވެ.

ރޭ އިދިކޮޅު އިއްތިހާދުން ބޮޑު ޖަލްސާއެއް ހިތަދޫގައި ބާއްވާފައި ވަނިކޮށް، އެކަމަނާ އައްޑު އަށް ވަޑައިގަތުމުން ޕީޕީއެމްގެ ސަޕޯޓަރުން ވަނީ ގަން އެއާޕޯޓުން މަރުހަބާ ދަންނަވައިފަ އެވެ.

ފަސްޓްލޭޑީ ފާތުން ވަނީ މިދިޔަ ފެބްރުއަރީ މަހު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުންގެ ބައެއް މެމްބަރުންތަކަކާ އެކު ވެސް އައްޑު އަށް ވަޑައިގެން ކެމްޕޭން ކުރައްވައިފަ އެވެ.

ޕީޕީއެމްގެ އައްޑޫ އޮފިޝަލަކު ވިދާޅުވީ ފަސްޓްލޭޑީ ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މިރޭ ހިތަދޫގައި އޮންނާނެ ކަމަށެވެ.

މިދިޔަ ހަފުތާގައި ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ އައްޑު އަށް ދަތުރުފުޅެއް ކުރައްވާފަ އެވެ. އެ ދަތުރުފުޅުގައި އައްޑޫގެ އެކި އަވަށްތަކުގައި ސަރުކާރުން ހިންގި މަޝްރޫއުތަކުގެ ނިމުން ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ހިތަދު އާއި ފޭދޫ އަދި ހުޅުމީދޫގައި ޖަލްސާތަކެއް ވެސް ބޭއްވި އެވެ. އެގޮތުން ފޭދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވި ގޮތުގައި އައްޑޫގެ އެންމެ އާބާދީ ބޮޑު ހިތަދޫން އެމަނިކުފާނަށް އެކަށީވެންވާ ވަރުގެ ތާއީދެއް ލިބިވަޑައިނުގަންނަވާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހިތަދޫ މީހުން މާ ބޮޑު ޝައުގުވެރިކަމެއް ދޭތީ އެކަމާ ހަައިރާންވެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެގޮތަށް ވާހަކަފުޅު ދައްކަވާފައި ރައީސް އެދިވަޑައިގަތީ އައްޑޫގެ އެހެން އަވަށްތަކުން ޕީޕީއެމްގެ ސަޕޯޓަރުން ހިތަދު އަށް ގޮސް، ހިތަދޫގެ ތާއީދު ހޯދައިދިނުމަށެވެ.