Roadha Mihaaru
އިބޫ ލީޑަޝިޕްގައި ހެޔޮ ބަދަލު އަންނާނެކަން ޔަގީންކުރަން

އިބޫގެ ލީޑަޝިޕްގައި ރާއްޖެއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ޔަގީންކުރަން: ޝަހީމް

24 ސެޕްޓެމްބަރ 2018

ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ލީޑަޝިޕްގައި ރާއްޖެއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ޔަގީންކުރައްވާ ކަމަށް، އެ އިންތިޚާބުން ނާކާމިޔާބުވެވަޑައިގަތް ޕީޕީއެމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބޮޑު ތަފާތަކުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބޫ އަށް މަރުހަބާ ދަންނަވައި ޝަހީމް ކުރެއްވި ޓްވީޓުގައި ވަނީ ގައުމު ހިންގުމުގައި އިބޫ އަށް އެހީތެރިވެ އެއްބައިވަންތަ ވުމަށް ރައްޔިތުންގެ އަރިހުން އެދިވަޑައިގެންފަ އެވެ. އަދި ކުރިއަށް ދިވެހި ގައުމު ކަމަށް ވެސް، ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ވިދާޅުވި އެވެ.

ޝަހީމްގެ ޓްވީޓް

ރައީސް ޔާމީން ދިފާއުކުރެއްވުމުގައި އެންމެ މަސައްކަތް ކުރެއްވި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވެސް ވަނީ އިންތިޚާބުން ބަލިވިކަން މިއަދު ގަބޫލުކުރައްވައިފަ އެވެ. ޝައިނީގެ ޓްވީޓުގައި ވިދާޅުވީ އޭނާއަށާއި ގައުމަށް އާ ޗެޕްޓާއެއް ހުޅުވިއްޖެ ކަމަށް ވިދާޅުވެފަ އެވެ.

އިއްޔެ ބޭއްވި އިންތިޚާބު، އިދިކޮޅު ކޯލިޝަނުން ކާމިޔާބުކުރިކަން ސަރުކާރުން ވަނީ ރަސްމީކޮށް އިއުލާނުކޮށްފަ އެވެ.

އެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިބޫ އަށް 134،616 ވޯޓު ވަނީ ލިބިފަ އެވެ. ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،132 ވޯޓެވެ. ވޯޓު ލުމުގެ ހައްގު ލިބިގެންދާ 262،135 މީހުންގެ 89.22 ޕަސެންޓް މީހުން ވަނީ އިންތިޚާބުގައި ވޯޓު ދީފަ އެވެ.