Roadha Mihaaru
ހިޔާ ފްލެޓް ސަރަހައްދަށް މާދަމާ ބަހުގެ ހިދުމަތް ފަށަނީ

ހިޔާ ފްލެޓް ސަރަހައްދަށް މާދަމާ ބަހުގެ ހިދުމަތް ފަށަނީ

30 ސެޕްޓެމްބަރ 2021

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދަށް މާދަމާ ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދަށް މާދަމާ ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ އެވެ.

ހިޔާ ފްލެޓް ހިމެނޭ ސަރަހައްދަށް ބަހުގެ ހިދުމަތް މި ފަށަނީ، އެ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށިއިރު، ޕަބްލިކް ޓްރާންސްޕޯޓް ނެތުމުން ޝަކުވާތައް އިތުރުވެފައި ވަނިކޮށެވެ. ސަރުކާރުން އެ ހިދުމަތް ދެވަނަ ފިޔަވައްސަށް މިހާތަނަށް ނުދޭތީ، ހުޅުމާލޭގެ ފުރަތަމަ ފިޔަވަތީގެ ބަސް ސްޓޮޕްތަކާ ހަމައަށް ދެވަނަ ފިޔަވީގެ ފްލެޓް ސަރަހައްދުން ބައެއް ސްކޫލު ކުދިންނާއި މީހުން ވެސް ދާން ޖެހުނީ ފައިމަގުގަ އެވެ. އެހެންވެ، އެތައް ބައެއްގެ ފާޑުކިޔުން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް އަމާޒުވި އެވެ.

އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދެވަނަ ފިޔަވަހީގައި އުޅެމުން އަންނަ މީހުންނަށް ދަތުރުފަތުރުކުރުމުގައި މިހާރު ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދުމަށް މާދަމާ އިން ފެށިގެން ބަހުގެ ހިދުމަތް ފަށާނެ ކަމަށެވެ.

އެމްޓީސީސީން ބުނިގޮތުގައި، ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސަށް ދެމުންދާ ބަހުގެ ހިދުމަތް ފުޅާކޮށް، އެ ހިދުމަތް ދެވަނަ ފިޔަވައްސަށް ފެށުމަށް ބަސް ރޫޓަށް ވަނީ ބަދަލުތައް ގެނެސްފަ އެވެ.

އެ ކުންފުނިން ބުނީ ފޭސް އެކަކާއި ފޭސް ދޭއް ގުޅުވައިދޭ މި ބަސް ރޫޓުން އެކި ބަސް ސްޓޮޕްތަކަށް މަޑުކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ވެސްޓް ޕާކް ރޫޓާއި ކާނިވާ ރޫޓު އަދި ވީއައިއޭ ބަސް ރޫޓާއި ހުޅުމާލޭ ނެއިބަހޫޑު، 1، 2، 3 ހިމެނެ އެވެ.

ހުޅުމާލޭ ފޭސް ދެއަކަށް ބަސް ހުއްޓާނެ ގޮތް--

ހުޅުމާލޭ ފޭސް ދެއަކަށް ބަސް ހުއްޓާނެ ގޮތް--

ކޮންމެ ދުވަހަކު ވެސް ބަހުގެ ހިދުމަތް ފަށާނީ ފަތިހު 5:45 ގަ އެވެ. ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ފަތިހު 5:45 އިން ބަހުގެ ހިދުމަތް ފަށަން ނިންމާފައިވާއިރު ބަހުގެ އެންމެ ފަހު ދަތުރު ކޮންމެ ރެއަކު ވެސް އޮންނާނީ 11:45 ގަ އެވެ. ހުކުރު ދުވަހުގެ މެންދުރު 12:15 އިން 1:15 އަށް ބަހުގެ ހިދުމަތް މެދުކަނޑައިލި ނަމަވެސް އެ ދުވަހު ވެސް ކޮންމެ 30 މިނެޓަކުން 30 މިނެޓަކުން ބަސްތައް ދަތުރުކުރާނެ އެވެ.

ހުޅުމާލޭގެ ބަހުގެ ހިދުމަތުގެ އަގަކީ ފަސް ރުފިޔާ އެވެ.

އެމްޓީސީސީން ބުނިގޮތުގައި އެ ކުންފުނީގެ އަމާޒަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމެވެ. އެ ހިދުމަތް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް ބަސް ގެނައުމާއި އެއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

ހިޔާ ފްލެޓުގައި މިމަހުން ފެށިގެން މީހުން އުޅެން ފަށާފައިވާއިރު ބަހުގެ ހިދުމަތް ނުލިބި ލަސްވާތީ އެތަނުގައި އުޅެމުން އަންނަ މީހުންނަށް ދަތިތަކެއް ކުރިމަތިވި އެވެ.