Roadha Mihaaru
ދިއްދޫ ހައުސިން ޔުނިޓްތަކުގެ މައްސަލަ ވެސް އޭސީސީއަށް

ދިއްދޫ ހައުސިން ޔުނިޓްތަކުގެ މައްސަލަ ވެސް އޭސީސީ އަށް

03 އޮކްޓޯބަރ 2018

ހއ. ދިއްދޫގައި ސަރުކާރުން އިމާރާތް ކޮށްފައިވާ 250 ހައުސިން ޔުނިޓުގެ ތެރެއިން، މިހާރު ބާކީ ހުރި 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ އާދިއްތަ ދުވަހު ހަމަ ވެފައިވާއިރު، އެ ގެތައް ދޫކުރުން ހުއްޓުވައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހަޅައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހއ. ދިއްދޫގައި ސަރުކާރުން އިމާރާތް ކޮށްފައިވާ 250 ހައުސިން ޔުނިޓުގެ ތެރެއިން، މިހާރު ބާކީ ހުރި 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ އާދިއްތަ ދުވަހު ހަމަ ވެފައިވާއިރު، އެ ގެތައް ދޫކުރުން ހުއްޓުވައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހަޅައިފި އެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް އެ މައްސަލަ ހުށަހެޅުއްވީ، ހައުސިން ޔުނިޓްތައް ބަހަނީ، ހައުސިން މިނިސްޓްރީގެ އިތުރުން، ދިއްދޫގެ ފެނަކަ އޮފީހާއި އެ ރަށުގެ ޕީޕީއެމް އޮފީސް ގުޅިގެން ކަމަށް ވާތީ، އެންމެ އިންސާފުވެރިކޮށް އެކަން ހިނގައިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ އެވެ.

އެމްޑީޕީ އަށް ނިސްބަތްވާ އެ މެމްބަރު އޭސީސީ އަށް ހުށަހެޅުއްވި ސިޓީގައި ވިދާޅުވީ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ މުއްދަތު މިދިޔަ އާދިއްތަ ދުވަހު ހަމަ ވެފައިވާ އިރު، ހައުސިން ޔުނިޓްތައް ހޯދުމަށް އެދި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ ހުރިހާ ކަމެއް ކޮށްފައިވަނީ ފެނަކަ އޮފީހުން ކަމަށެވެ. އަދި އެ ކަމުގައި އެއްވެސް ވަރަކަށް ކައުންސިލް ބައިވެރިނުކުރާ ކަމަށް ހާޝިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހައުސިން ޔުނިޓްތައް ދޫކުރުމަށް، މިނިސްޓްރީގެ ދެ މީހަކު އެ ރަށަށް މިހާރު އައިސް އެބަތިއްބެވެ. އެކަމަކު ހައުސިން ޔުނިޓަށް އެދި ހުށަހެޅި އެތައް ސަތޭކަ ބައެއްގެ ފޯމު އިވެލުއޭޓްކޮށް، އިންސާފުވެރިކޮށް އެ ތަންތަން ބެހުމަކީ އެންމެ ދެތިން ދުވަހުގެ ތެރޭގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ހާޝިމް ވިދާޅުވި އެވެ.

ދިއްދޫގައި އެޅި 250 ހައުސިން ޔުނިޓްތަކުގެ ތެރެއިން 140 ހައުސިން ޔުނިޓް ވަނީ، މިދިޔަ އަހަރު ހައުސިން މިނިސްޓްރީން ދޫކޮށްފަ އެވެ. އެކަމަކު ހާޝިމް ތުހުމަތު ކުރައްވާ ގޮތުގައި، މިނިސްޓްރީން އެކަން ވެސް ކޮށްފައިވަނީ ވަރަށް ބޭއިންސާފުންނެވެ. އެގޮތުން ހައުސިން ޔުނިޓްތައް ލިބެން ޖެހޭ އެންމެ ހައްގުވެރިން، މަހުރޫމްކޮށް، ޕީޕީއެމްގެ ބޮޑުން ބޭނުންވާ ގޮތަށް ހައުސިން ޔުނިޓްތައް ބަހާލާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"ކަން މިހެން ހުރި އިރު، ހައުސިން މިނިސްޓްރީ އާއި ފެނަކަ އޮފީހާއި ދިއްދޫ ޕީޕީއެމް ގޮފި ގުޅިގެން ހިންގަން މި އުޅޭ، ސުވާލު އުފެދޭ އަދި ގާނޫނާ ހިލާފު ބޮޑު ޖަރީމާ ހުއްޓުވުމަށް، އެ ފަރާތްތަކުގެ މައްޗަށް އަމުރެއް ނެރެދިނުމަށް އާދޭހާއެކު ދެންނެވީމެވެ." އޭސީސީ އަށް ހުށަހެޅުއްވި ސިޓީގައި ހާޝިމް ވިދާޅުވެފައި ވެ އެވެ.

"އަދި މިކަމާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ބަލައި، މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ދެންނެވީމެވެ."

ދިއްދޫގައި އަޅާފައިވާ ހައުސިން ޔުނިޓްތަކުގެ ތެރެއިން އެންމެ ފުރަތަމަ ދޫކުރި 140 ހައުސިން ޔުނިޓްގެ މައްސަލަ ވެސް ހާޝިމް މީގެ ކުރިން އޭސީސީ އަށް ހުށަހަޅުއްވި އެވެ. އަދި އެ ހައުސިން ޔުނިޓްތައް ލިބޭ މީހުންގެ ލިސްޓެއް ހައުސިން މިނިސްޓްރީން އިއުލާނުކޮށްފައި ވަނިކޮށް، އެ ލިސްޓާ ޚިލާފަށް، އަލުން ލިސްޓެއް ތައްޔާރުކޮށް ނެރޭނެ ކަން ދޭހަވާ ފަދަ ގޮތަކަށް އާންމުންނަށް ސިޓީ ފޮނުވި ކަމަށް ބުނެ ވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާ ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ. އަދި ފަހުން އޭނާ ހައްޔަރުކޮށް، އެ މައްސަލައިގައި ދައުވާ ވެސް ކުރި އެވެ.

ހައުސިން މިނިސްޓްރީން އިއުލާންކޮށްފައިވާ ގޮތުގައި ހައުސިން ޔުނިޓްތައް ދޫކުރާނީ ކުރިއެކޭ އެއްގޮތަށް، އެޑްވާންސް ފީ ނަގައި، މަހުން މަހަށް ފައިސާ ދައްކާ ގޮތަށެވެ. އެއީ އެޑްވާންސްގެ ގޮތުގައި 19،000 ރުފިޔާ ދައްކައި، 20 އަހަރު ވަންދެން، ކުލީގެ ގޮތުގައި މަހަކު 2،500 ރުފިޔާ ދައްކައި ހަލާސް ކުރާ ގޮތަށެވެ.