Roadha Mihaaru
ކެންސަރު ބަލީގައި އެނެސްތީސިއާގެ ދައުރު

އެނެސްތީސިއާ ދުވަސް: ކެންސަރު ބަލީގައި އެނެސްތީސިއާގެ ދައުރު

16 އޮކްޓޯބަރ 2023

ޒަމާނީ އެނެސްތީސިއާ ބޭނުންކޮށްގެން އޮޕަރޭޝަނެއް ކުރެވުނުތާ މިއަދަށް 177 އަހަރު ފުރުނީ އެވެ. އޮކްޓޯބަރު 16 ހާއްސަ ވަނީ ބޭސްވެރިކަމުގެ މި މުހިންމު އިންގިލާބު ކަމުގައިވާ އެނެސްތިސިއާގެ ފަންނުގެ ފެށުމަށެވެ. އެހެންވެ، މިއަދު ފާހަގަކުރަނީ ދުނިޔޭގެ އެނެސްތީސިއާ ދުވަހުގެ ގޮތުގައެވެ.

ޒަމާނީ އެނެސްތީސިއާ ބޭނުންކޮށްގެން އޮޕަރޭޝަނެއް ކުރެވުނުތާ މިއަދަށް 177 އަހަރު ފުރުނީ އެވެ. އޮކްޓޯބަރު 16 ހާއްސަ ވަނީ ބޭސްވެރިކަމުގެ މި މުހިންމު އިންގިލާބު ކަމުގައިވާ އެނެސްތިސިއާގެ ފަންނުގެ ފެށުމަށެވެ. އެހެންވެ، މިއަދު ފާހަގަކުރަނީ ދުނިޔޭގެ އެނެސްތީސިއާ ދުވަހުގެ ގޮތުގައެވެ.

މި އަހަރުގެ އެނެސްތީނިސިއާ ދުވަސް ހާއްސަކޮށްފައި ވަނީ ކެންސަރު ބަލީގެ ހާއްސަ އެނެސްތީސިއާ (އޮންކޯއެނެސްތީސިއާ) އަށެވެ.

ދުނިޔޭގެ ސިއްހީ ޖަމިއްޔާއިން ބުނާ ގޮތުން 2020 ވަނަ އަހަރު ކެންސަރު ބަލީގައި 10 މިލިއަނެއްހާ މީހުން މަރުވިއިރު، އެތައް މިލިއަން ބަޔަކަށް އަލަށް ކެންސަރު ޖެހުނެވެ. އެ އަހަރު އަލަށް އެންމެ ގިނަ މީހުންނަށް ޖެހުނީ އުރަމަތީގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރާއި ބޮޑު ގޮހޮރުގެ ކެންސަރާއި ޕްރޮސްޓޭޓަށް ޖެހޭ ކެންސަރާއި ހަންގަނޑަށް ޖެހޭ ކެންސަރު އަދި މައިދާ (ބަނޑު)ގެ ކެންސަރެވެ. ކޮންމެ އަހަރަކު އަލަށް ކެންސަރު ބަލި ފެންނަ މީހުންގެ ތެރެއިން 400،000 އަކީ ކުޑަކުދީންނެވެ. ލަފާކުރާ ގޮތުން މި އަދަދުތައް ދާނީ މައްޗަށެވެ.

ކެންސަރަކީ ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް ވެސް ޖެހިދާނެ ބައްޔެކެވެ. ސެލްއެއް އޭގެ އާންމު ހެދިބޮޑުވުމުގެ ކޮންޓްރޯލުން ބޭރުވެ, މާ އަވަހަށް ގިނަވެ ފެތުރުމަށް ކިޔާ ނަމެކެވެ. އެކި ކެންސަރު ފެތުރޭ ނިސްބަތާއި އެ ބަލިން ފެންނަ އަލާމާތްތައް ތަފާތެވެ. މި ބަލިތަކަކީ ކެންސަރުޖެހޭ ގުނަވަނަކާއި ސެލްގެ ވައްތަރުން ނަން ކިޔައި ގިންތިކޮށް, ސްކްރީން ކުރެވި, ފަރުވާކުރާ ބަލިތަކެކެވެ. މި ފަރުވާތަކުގެ ތެރޭގައި އެކި ޒާތްޒާތުގެ ބޭހާއި ރޭޑީއޭޝަން ތެރަޕީ, ސާޖަރީ އަދި ޕެލިއޭޓިވް ކެއާ ހިމެނެ އެވެ. (ޕެލިއޭޓިވް ފަރުވާ އަކީ އަލާމާތްތަކާއި ވޭންކުޑަކުރުމަށް އަމާޒުކޮށްގެން ދެވޭ ފަރުވާ އެވެ.) މި ދެންނެވި ފަރުވާތަކަކީ ޑޮކްޓަރީ ގިނަ ދާއިރާތައް އޭގައި ޝާމިލުވުން އޮންނަ ކަމެކެވެ. މިގޮތުން ގިނަ ދާއިރާތަކުގައި ކެންސަރު ބަލީގެ ފަރުވާތަކަށް ހާއްސަ ޑޮކްޓަރުން މިހާރު ތިބެ އެވެ.

އެނެސްތީސިއާގެ ފަންނަށް ބަލާއިރު, ކެންސަރު ބަލީގެ ބޮޑު ޕަސެންޓަކީ އެނެސްތީސިއާގެ ހިދުމަތަށް ވެސް ހުށަހެޅޭ ފަރާތްތަކެވެ. ކޮންމެ އެނެސްތީސިއޮލޮޖިސްޓަކީ ވެސް ކެންސަރުގެ ބަލި މީހުންނަށް ކޮންމެ ވެސް ހައިސިއްޔަތަކުން ފަރުވާ ކުރަންޖެހިދާނެ މީހެކެވެ. އެނެސްތީސިއާ ފަންނުގެ ހާއްސަ ދާއިރާއެއް ގޮތުގައި އޮންކޯއެނެސްތީސިއާ ބާރު ދުވެލީގައި ތަރައްގީވެ ފުޅާވަމުން ދަނީ މި ސަބަބާ ހެދި އެވެ. ބަލީގެ ހާއްސަ ތަމްރީނު ލިބިފައިވާ ބައެއް ތިބުމުގެ މުހިންމުކަން އޮތީމަވެ. ކަމުގެ ހާއްސަ ބަޔަކު ތިބެގެން ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކަމަށް ދިރާސާތައް ހެކިދޭތީ އެވެ. އޮންކޯއެނެސްތީސިއާގެ ހިދުމަތްތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އެނެސްތީސިއާ (ހޭނެއްތުން, އައްސިކުރުން ފަދަ ކަންކަން)ގެ ހިދުމަތްތަކާއި, ތަދުކެނޑުވުމުގެ ހިދުމަތްތަށް އަދި ޕެލިއޭޓިވް ފަރުވާ އެވެ.

ކެންސަރު ބަލީގައި ފަރުވާ ހޯދަމުންދާ ގިނަ މީހުންނަކީ އޮޕަރޭޝަން ކުރަންޖެހޭ ބައެކެވެ. މީގެ ތެރޭގައި އުރަމަތީގެ ކެންސަރު, ގޮހޮރުގެ ކެންސަރު, ތައިރޮއިޑަށް ޖެހޭ ކެންސަރު އަދި ޕްރޮސްޓޭޓްގެ ކެންސަރު ހިމެނެ އެވެ. މި އޮޕަރޭޝަންތައް ކާމިޔާބުކަމާއެކު ކުރެވެނީ ރައްކާތެރިކަމާއެކު އެނެސްތީސިއާ ދެވިގެންނެވެ. ގިނަ ފަހަރަށް އޮޕަރޭޝަންގެ ހިދުމަތްތަށް ދިނުމުގެ ހުރަހަކަށް ވެފައި އޮންނަނީ އޮޕަރޭޝަންކުރުމުގެ ގާބިލުކަން ނެތުމަށްވުރެ އެނެސްތީސިއާގެ ރައްކާތެރިކަން ކަށަވަރުނުކުރެވުމެވެ. މީގެ ސަބަބުތަކުގެ ތެރޭގައި އެ އޮޕަރޭޝަނަކަށް ބޭނުންވާ ހުނަރު ހުރި އެނެސްތީސިއޮލޮޖިސްޓުން ނެތުމާއި އެ އޮޕަރޭޝަނަށް ބޭނުންވާ އެނެސްތީސިއާ ފުރިހަމަ ގޮތުގައި ދޭނޭ އާލާތްތައް ނެތުން ހިމެނެ އެވެ. މި ހަމައިން ބަލާއިރު އޮޕަރޭޝަންތައް ފުޅާވެ ބޮޑެތި އޮޕަރޭޝަންތައް ކުރެވޭނީ އެނެސްތީސިއާގެ ހިދުމަތްތައް ވެސް އެއް ހަމައެއްގައި ތަރައްގީކުރެވިގެން ކަން އެނގެ އެވެ. ހާއްސަކޮށް ކެންސަރުގެ ޒަމާނީ ގިނަ ފަރުވާތަކަކީ އެނެސްތީސިއޮލޮޖިސްޓުން ތަމްރީން ނުކޮށް, އެނެސްތިސިއާގައި ބޭނުންކުރެވޭ ގިނަ އާ އާލާތްތަކެއް ނުހޯދައި ނުދެވޭނެ ފަރުވާ ތަކެކެވެ.

ތަދަކީ ކެންސަރު ބަލީގެ އާންމު އަލާމާތެކެވެ. މީގެ ތެރޭގައި ސީދާ ކެންސަރު ބަލީގެ ތަދުތަކާއި (ކްރޯނިކް ކެންސަރު ޕެއިން) ކެންސަރު ބަލީގެ ފަރުވާގެ ނޭދެވޭ އަސަރެއްގެ ގޮތުގައި ވާ ތަދުތައް (ކްރޯނިކް ޕޮސްޓް-ކެންސަރު ޓްރީޓްމެންޓް ޕެއިން) ހިމެނެ އެވެ. ކެންސަރު ބަލީގައި ތަދުވާ ސަބަބު ހޯދައި އެއަށް ފަރުވާކުރުމަކީ އުނދަގޫ ކަމެކެވެ. މި ތަދުތައް ވާން މެދުވެރިވާ ސަބަބުތައް ގިނަ ވެފައި ކަމުގެ އެންމެ ފުރިހަމަ ތަމްރީނު ލިބިފައިވާ މާހިރުން ވަރަށް ވެސް މަދެވެ. ހިދުމަތެއްގެ ގޮތުގައި ނިޒާމުގެ ތެރެއަށް ވެސް އޮތީ ނުވަދެ އެވެ. ފަރުވާކުރަން ބޭނުންވާ ބޭސްތައް ލިބުން އުނދަގުލެވެ. މި ހާލަތުގައި ތަދުކަޑުވަން ބޭނުންކުރަންޖެހޭ ބޭސްތަކަކީ އޭގެ ނޭދެވޭ އަސަރުތައް ގިނަ ބޭސްތަކެއް ކަމަށް ވާތީ ބޭސް ދިނުމުގައި ދިމާވާ ހުރަސްތައް ވެސް ގިނަ އެވެ. މި ސަބަބުތަކާ ހެދި މި ތަދުތައް ކޮންޓްރޯލުކުރުން ގިނަ ފަހަރަށް ވަނީ އުނދަގޫ ކަމަކަށެވެ. އެކަމަށް އޮންނަނީ ލުއެއް ހޯދައިނުދެވި އެވެ.

ކެންސަރު ބަލި ޖެހޭ އެންމެންނަކީ ފަސޭހަވެގެން އާންމު ދިރިއުޅުއުމަކަށް އަނބުރާ ދެވޭނެ ބައެއް ނޫނެވެ. މި ބަލި ޖެހޭ ގިނަ ބަޔަކު މި ބަލީގައި ދުނިޔެ ދޫކުރެ އެވެ. ޕެލިއޭޓިވް ފަރުވާއަކީ ބަލި ފަސޭހަކުރަންދޭ ފަރުވާ ނުދެވޭ ހާލަތްތަކުގައި ބަލީގެ އަލާމާތްތަކާއި ވޭން ދުރުކޮށް ބަލި މީހާއަށާއި އާއިލާގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ދެވޭ ފަރުވާ އެވެ. މި ފަރުވާ ގައި މީހާގެ ހާލަތާއި ބަލީގެ ބޮޑުމިން ފަދަ ކަންކަމަށް ބެލުމަށްފަހު ބަލިމީހާއަށް އެންމެ ވޭންކުޑަކޮށް ދިރިއުޅެވޭނޭ ގޮތް ހޯދައިދޭން މަސައްކަތްކުރެވެ އެވެ. ޕެލިއޭޓިވް ފަރުވާ އެދެވޭ ގޮތަކަށް ދެވިއްޖެ ކަމުގައި ވާނަމަ އެންމެ ހާލުބޮޑު ކެންސަރުގެ ހާލަތްތަކުގައި ވެސް ބަލިމީހުންގެ ޖިސްމާނީ, ނަފްސާނީ އަދި ރޫހާނީ މައްސަލަތަކަށް ހައްލު ހޯދިދާނެއެވެ.

ކެންސަރު ބައްޔަކީ ވޭން ބޮޑު, ބަލިމީހާއަށާއި އާއިލާއަށް ނުހަނު ބިރުވެރި ބައްޔެކެވެ. މި އަހަރުގެ ދުނިޔޭގެ އެނެސްތީސިއާ ދުވަހު ގެ ޝިއާރު މި ފާހަގަކުރަނީ ކެންސަރު ފަރުވާ ގައި އެނެސްތީސިއާ ދައުރަށެވެ. އަލިއަޅުވާލަނީ އޮންކޯއެނެސްތީސިއާ އަކީ ކޮބައިކަމާއި އެ ދާއިރާ ކުރިއެރުވުމުގެ މުހިންމުކަމުގެ މައްޗަށެވެ. އެނެސްތީސިއާގެ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް ދުނިޔޭގެ އެނެސްތީސިއާ ދުވަހުގެ ތަހުނިޔާ އަރިސްކުރަމެވެ.

* އެޑިޓަރުގެ ނޯޓު: ޑރ. އަސްއަދަކީ އައިޖީއެމްއެޗްގެ އެނެސްތީސިއޮލޮޖިސްޓެކެވެ. އޭނާ މިހާރު އަންނަނީ ތައިލޭންޑުގެ މަހިޑޯލް ޔުނިވާސިޓީން ޕެއިން މެނޭޖްމަންޓްގެ ދާއިރާއިން ފެލޯޝިޕް ހައްދަވަމުންނެވެ.