Roadha Mihaaru
ދުލެއް ނުދޭނަން، މުހިންމީ ރައްޔިތުންގެ ހައްގު: އަދުރޭ

ދުލެއް ނުދޭނަން، މުހިންމީ ރައްޔިތުންގެ ހައްގު: އަބްދުއްރަހީމް

07 އޮކްޓޯބަރ 2018

ދެހާސް އަށް ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް "ދޫ ދެއްވި" ގޮތަށް ޕީޕީއެމުން ދޫ ނުދޭނެ ކަމަށާއި ރައްޔިތުންގެ ހައްގު ހޯދައި ދެއްވާނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ދެހާސް އަށް ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް "ދޫ ދެއްވި" ގޮތަށް ޕީޕީއެމުން ދޫ ނުދޭނެ ކަމަށާއި ރައްޔިތުންގެ ހައްގު ހޯދައި ދެއްވާނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު އޮޅުވައިލި ކަމަށް ބުނެ، ޕީޕީއެމުން ސިލްސިލާ ގޮތެއްގައި ބާއްވާ އެއްވުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މައުމޫން، އިދިކޮޅު އެމްޑީޕީ ލަދުގަންނަވާލީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަރިހުގައި ބަހައްޓަވައިގެން ކަމަށެވެ.

"އިބްރާހިމް މުހައްމަދު ސޯލިހް ކައިރީގައި ބަހައްޓައިގެން ބުނީ 2008 ގައި ވޯޓު އޮޅުވާލިއޭ. އެކަމަކު، ގައުމީ މަސްލަހަތަށްޓަކައި [މައުމޫން] ދޫކޮށްލީއޭ. އަޅުގަނޑުމެން ދުލެއް ނުކުރާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މައުމޫން ފައުންޑޭޝަންގެ އޮފީހުގައި މިދިޔަ އަންގާރަ ދުވަހު އިބޫއާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މައުމޫން ވަނީ 2008 ގެ ރިޔާސީ އިންތިޚާބީ އެމަނިކުފާނު ކުރެއްވި ތަޖުރިބާ ވިދާޅުވެފަ އެވެ. އެގޮތުން، ދެވަނަ ބުރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބުކުރެއްވުމާ އެކު، މައުމޫންގެ އަރިސް ބައެއް ބޭފުޅުން، އެ ނަތީޖާ ގަބޫލު ނުކުރެއްވުމަށް ދެންނެވި ކަމަށް ވިދާޅުވި އެވެ.

އެކަމަކު މައުމޫން ވިދާޅުވީ ރައީސް ޔާމީނަށް ވުރެ މާ ކުޑަ ތަފާތަކުން 2008ގެ އިންތިޚާބުން ބަލިވިޔަސް، އެރޭގެ ދަންވަރު އެބަލި ގަބޫލު ކުރައްވައި، ނަޝީދަށް ގުޅުއްވައި މަރުހަބާ ދެންނެވި ކަމަށެވެ.

އަބްދުއްރަހީމް ރޭ ވިދާޅުވި ގޮތުގައި، މި ގައުމުގެ މަސްލަހަތަކީ ރައްޔިތުންގެ ހައްގުގެ މައްޗަށް ބިނާވެފައި އޮންނަ އެއްޗެކެވެ. ރައްޔިތުންގެ ހައްގުތައް ނަގާލައި، ބަޔަކަށް ވައްކަން ކުރުމުގެ ފުރުސަތު ދީ ގައުމުގައި ފިތުނަ ފަސާދަ އުފެއްދުމަކީ ގައުމީ މަސްލަހަތު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕާޓީ ވުޖޫދަށް ގެނައީ މި ގައުމަށްޓަކައި. ގައުމުގެ ރައްޔިތުންނަށްޓަކައި. މާތް ވެގެންވާ އިސްލާމްދީން ހިމާޔަތް ކުރަން. މި ގައުމުގެ މިނިވަން ކަން ދަމަހައްޓަން. މި ގައުމުގައި ސުލްހަ މަސްލަހަތު ދިފާއު ކުރަން. މިކަން ކުރުމުގައި އަޅުގަނޑުމެން ފަހަތަށް ނުޖެހޭނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވަނީ ކާމިޔާބުގެ މަންޒިލަށް ދަތުރުކޮށް، ރައްޔިތުންގެ ހައްގު ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ބޭނުންހާ އެއްޗެއް ހަދަން ދުލެއް ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ތަރުޖަމާން އަދި ރައްޔިތުންގެ މަޖިލިހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ، ދިވެހި ރައްޔިތުންގެ ހައްގު ނިގުޅައިގެންފައިވާ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށް ހައްގު އަދަބު ދޭން ޖެހޭނެ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށާއި ޕީޕީއެމުން ކުރާ ހުރިހާ ސުވާލަކަށް ކޮމިޝަންގެ މެމްބަރުން ޖަވާބު ދެއްވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރި ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން އިބޫ އަށް ލިބިވަޑައިގެންނެވީ 134،705 ވޯޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ.

ރިޔާސީ އިންތިޚާބަށް ފަހު، ސިޔާސީ މައިދާން ހަލަބޮލިވެފައިވާއިރު، އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމުން އަންނަނީ ކޮންމެ ރެއަކުހެން މުޒާހަރާތައް ބާއްވަމުންނެވެ. އަދި އިންތިޚާބު އޮޅުވާލި ކަމަށް ބުނެ، ޕީޕީއެމުން މިހާރު ދަނީ އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންނެވެ.