Roadha Mihaaru
ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އިއުލާން ކުރަނީ

ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އިއުލާން ކުރަން ފަށައިފިން: މިނިސްޓަރު

09 އޮކްޓޯބަރ 2018

އާންމުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މި ސަރުކާރުން ފަށާފައިވާ "ހިޔާ މަޝްރޫއު" ގައި އިމާރާތް ކޮށްފައިވާ ފްލެޓުތައް ލިބޭ މީހުންގެ ވަގުތީ ލިސްޓްތައް އިއުލާން ކުރަން ފަށާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހަައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އާންމުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މި ސަރުކާރުން ފަށާފައިވާ "ހިޔާ މަޝްރޫއު" ގައި އިމާރާތް ކޮށްފައިވާ ފްލެޓުތައް ލިބޭ މީހުންގެ ވަގުތީ ލިސްޓްތައް އިއުލާން ކުރަން ފަށާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހަައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ލައްކައެއްހާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ފޯމު ހުށަހެޅުމުގެ ފުރުސަތު މިދިޔަ ޖޫން މަހު ދޭން ފަށައި، މިދިޔަ މަހުގެ ނިޔަލަށް ފޯމް ބަލައިގަތުމުގެ މަސައްކަތް ނިންމާލިއިރު، ފްލެޓަށް އެދި ގާތްގަނޑަކަށް 22،614 ފޯމް ހުށަހެޅި އެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ފޯމްތައް ލިބުމާ ހަމައިން ފެށިގެން އިވެލުއޭޓް ކުރުމުގެ މަސައްކަތް ފެށި ކަމަށެވެ. އަދި ޕޮއިންޓް ދިނީ ދިރިއުޅުމުގެ ހާލަތާއި އެހެން ޑޮކިއުމަންޓްތަކަށް ބަލައި ނިންމައިގެން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން، ދިރިއުޅުމުގެ ހާލަތު ބެލުމަށް، މާލޭގެ ވަރަށް ގިނަ ގޭގެއަށް ގޮސް، މައުލޫމާތު އެއްކޮށްފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މި ލިސްޓުގައި މާލޭގައި ނިކަމެތިކޮށް އުޅެމުންދާ ވަރަށް ގިނަ މީހުންނަށް ފުރުސަތު ދީފައި ވާނީ،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފްލެޓު ދިނުމުގައި އަމަލު ކުރީ އިންސާފުވެރިކަމާއެކު، ދިރިއުޅުމުގެ ހާލަތަށް ބަލައިފަ އެވެ. އަދި "މާބޮޑު މައްސަލައެއް ޖައްސާނެ ޖާގައެއް" ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. ލިޔުމުން ކޮންމެ މީހަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮތް އިރު، ޝަކުވާ ހުށަހަޅާ ކޮންމެ މީހަކަށް ޖަވާބު ދިނުމަށް ފަހު، ދާއިމީ ލިސްޓު ނެރޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެއްވެސް ބޭފުޅަކަށް ވިދާޅެއް ނުވެވޭނެ، އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް، އަނެއް ބޭފުޅަކަށް ނުހައްގުންނޭ ފްލެޓު ދީފައި އޮތީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ފްލެޓް ދޫކުރާ ކެޓަގަރީތަކުގެ ތެރެއިން ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީއަށް 299 މީހަކު ފޯމް ހުށަހެޅި އިރު، އެ ކެޓަގަރީ އަށް 475 ފްލެޓު ކަނޑައަޅާފައި ވާނެ ކަމަށެވެ. އެހެންވެ، ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީއަށް ފޯމް ލި އެންމެންނަށް ފްލެޓު ލިބޭނެ އެވެ.

"އުނި ވާނީ ވެސް އޭގެ ތެރެއިން ދެމަފިރިން ލައިފިނަމަ، އެކަކު. އަދި ޝަރުތުތަކުގެ ތެރެއިން އުނިވާނަމަ، އެމީހަކު އުނިވާނީ. އެ ނޫނީ ހުރިހާ މީހުންނަށް (ފްލެޓު) ހަމަޖެހިގެން ދިޔައީ،" މުއިއްޒު ވިދާޅުވި އެވެ.

ޓީޗަރުންގެ ކެޓަގަރީން ފްލެޓަށް ހުށަހަޅާފައި ވަނީ 735 މީހެކެވެ. ސަރުކާރުން ކަނޑައަޅާފައި އޮތީ ޓީޗަރުންގެ ކެޓަގަރީން 625 ފްލެޓެވެ. މުއިއްޒު ވިދާޅުވީ ޑޮކްޓަރުންނާއި ނަރުހުންގެ ތެރެއިން އިތުރުވި ފްލެޓުތަކުން ޓީޗަރުންގެ ކެޓަގަރީއަށް އިތުރުކޮށް ފޯމްލި ހުރިހާ ޓީޗަރުންނަށް ފްލެޓު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެކަނިވެރިމައިންނާއި ބަފައިންގެ ކެޓަގަރީން 1799 މީހަކު ފޯމް ހުށަހެޅި އިރު، އެ ކެޓަގަރީއަށް ހާއްސަކޮށްފައި ވަނީ 500 ފްލެޓެވެ. މިފަހަރު އެންމެ ގިނަ ބަޔަކު ފޯމް ހުށަހެޅީ 18 އަހަރާއި 40 އަހަރާ ދެމެދުގެ ކެޓަގަރީއަށެވެ. އެގޮތުން އެ ކެޓަގަރީއަށް 9019 މީހަކު ފޯމް ހުށަހަޅާފައިވެ އެވެ. މި ކެޓަގަރީ އަށް ފޯމް ހުށަހެޅި މީހުންގެ ތެރެއިން ފްލެޓު ލިބޭނީ 1000 މީހަކަށެވެ.

މީގެއިތުރުން ދަފްތަރު ކެޓަގަރީއަށް ފޯމްލީ 2795 މީހުންގެ ތެރެއިން ފްލެޓު ލިބެނީ 1044 މީހުންނަށެވެ. މާލޭ ރަށްވެހިންގެ ކެޓަގަރީއަށް ފޯމުލި 4517 މީހުންގެ ތެރެއިން ކުރިން ކަނޑައަޅާފައި އޮތީ 1000 ފްލެޓެވެ. އެކަމަކު، މުއިއްޒު ވިދާޅުވީ ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީން އިތުރުވި ފްލެޓުތަކުން 50 ފްލެޓާއެކު 1050 ފްލެޓު މާލޭގެ ރަށްވެހިންގެ ކެޓަގަރީއަށް ކަނޑައަޅައިފަ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަ ކެޓަގަރީއަށް 1217 މީހުން ކުރިމަތިލިއިރު، ފްލެޓު ލިބެނީ 200 މީހުންނަށެވެ. މިއަދު އިއުލާންކޮށްފައި ވަނީ ދެ ކޮޓަރީގެ ފްލެޓުތަކެވެ.

މުއިއްޒު ވިދާޅުވީ އެއް ކޮޓަރީގެ ކެޓަގަރީތަކުގެ ތެރެއިން އަލަތު ކައިވެނި ކެޓަގަރީ ލިސްޓު ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ.

ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓްތައް އިއުލާން ކުރާކަން މުއިއްޒު މި އިއުލާންކުރީ، ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިވެވަޑައިގަތުމުން، އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ މަސައްކަތްކުރަމުން ދަނިކޮށެވެ.

ޓްރާންސިޝަން މި މުއްދަތުގައި ސަރުކާރުން އެއްވެސް މަޝްރޫއުއެއް ކުރިއަށް ނުގެންދަން، އަދި ފްލެޓް ފޯމް ވެސް ދޫނުކުރަން، އިބޫގެ ފަރާތްޕުޅުން އެދިވަޑައިގެންފައި ވަނިކޮށެވެ. ނަމަވެސް، މުއިއްޒު ވިދާޅުވީ ފްލެޓް ލިބޭ މީހުން ކަނޑައެޅީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ހުއްދައާ އެކު ކަމަށެވެ.

މިފަހަރުގެ ލިސްޓްތައް އިއުލާންކުރީ، މުއިއްޒު ވިދާޅުވި ގޮތުގައި، އެމީހަކަށް ލިބުނު ޕޮއިންޓް ވެސް އެނގޭ ގޮތަށެވެ. އަދި ކުރިއެކޭ އެގޮތަށް ފޯމް ނަންބަރު ވެސް އާންމު ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ލިސްޓު އިއުލާން ކުރާއިރު، ފޯމް ހުށަހެޅި އެންމެންނަށް ޕޮއިންޓް ލިބުނު ވަރު ހިމަނާނެ ކަމަށް ވިދާޅުވި އެވެ.