Roadha Mihaaru
ގައުމީ ވޮލީބޯޅަ ލީގު ކެންސަލްކޮށްފި!

ގައުމީ ވޮލީބޯޅަ ލީގު ކެންސަލްކޮށްފި!

11 އޮކްޓޯބަރ 2018

އެންމެ ފޯރިގަދަކޮށް ކުރިއަށްދާ ވޮލީބޯޅަ މުބާރާތް ކަމަށްވާ ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަންގެ މުބާރާތް ނުބާއްވާގޮތަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ނިންމައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެންމެ ފޯރިގަދަކޮށް ކުރިއަށްދާ ވޮލީބޯޅަ މުބާރާތް ކަމަށްވާ ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަންގެ މުބާރާތް ނުބާއްވާގޮތަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ނިންމައިފި އެވެ.

ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު އަދީލް (ބޭބެ) ވިދާޅުވީ މި ފަހަރުގެ ލީގު ކެންސަލްކުރަން ޖެހުނީ ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓު ލިބިފައިވާ މުއްދަތުގެ ތެރެއަށް ފައްތައިގެން މުބާރާތް ކުރިއަށްގެންދިއުމުގެ ގޮތުން ކަމަށެވެ.

"ޔޫތު ސެންޓަރު ކޯޓު ލިބިފައި އިން މުއްދަތަށް ބަލާފައި މުބާރާތްތައް ރޭވީ. މި ފަހަރު ގައުމީ ލީގު ކެންސަލް ކުރަން ޖެހުނު ސަބަބަކީ އެއީ. ގައުމީ މުބާރާތާއި އެސޯސިއޭޝަން ކަޕް އެކަނި އޮންނާނީ،" އަދީލް ވިދާޅުވި އެވެ.

މާލޭ ލީގުގެ ނަމުގައި ފަށައި ގިނަ އަހަރުތަކެއް ވަންދެން ކުރިއަށް ދިޔަ މުބާރާތް ފަހުން ކުރިއަށް ގެންދިޔައީ ގައުމީ ލީގުގެ ނަމުގަ އެވެ.

ގައުމީ ލީގަކީ ގައުމީ މުބާރާތުގެ ކޮލިފިކޭޝަނެއް ގޮތަށް ވެސް ކުރިއަށްދާ މުބާރާތެކެވެ. ވީއޭއެމުން ނިންމާފައިވަނީ މި ފަހަރުގެ އެސޯސިއޭޝަން ކަޕަށް ބަލައިގެން ގައުމީ މުބާރާތަށް ޓީމުތައް ކޮލިފައިވާ ގޮތަށް ރޭވުމަށެވެ.

މި އަހަރުގެ މިހާތަނަށް ފިރިހެން ކުޅުންތެރިންނަށް އޮތީ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތެވެ. އަންހެން ކުޅުންތެރިންނަށް އެސޯސިއޭޝަން ކަޕް ކުރިއަށްދިޔަ އެވެ. ކޮންމެ އަހަރަކު ވެސް ވޮލީގެ ގިނަ މުބާރާތްތައް އޮންނަނީ އަހަރު ފަހު ކޮޅުގަ އެވެ.

މި އަހަރުގެ މުބާރާތްތައް ލަސްވާތީ ކުޅުންތެރިން ވަނީ ކަންބޮޑުން ފާޅުކޮށްފަ އެވެ. ގިނަ ފަރާތްތަކުން ވަނީ އެކަމުގެ ސަބަބުން ވީއޭއެމް އަށް ފާޑުވެސް ކިޔައިފަ އެވެ. އަދި ގިނަ ދުވަސް ވަންދެން މުބާރާތެއް ނުކުޅެ ތިބެފައި ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން ގޮންޖެހުންތަކާ ކުޅުންތެރިންނަށް ކުރިމަތިލާން ޖެހޭތީ އެ ޝަކުވާ ވެސް އޮވެ އެވެ.

ވީއޭއެމުން ވަނީ އަންނަ ހަފްތާ ތެރޭގައި އެސޯސިއޭޝަން ކަޕް ފަށަން ނިންމައިފަ އެވެ. އަދި ގައުމީ މުބާރާތް ވެސް މި މަހު ތެރޭގައި ބާއްވާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.