Roadha Mihaaru
ފަސްޓް ލޭޑީ ފާތުން މާދަމާ މާލެ ވަޑައިގަންނަވަނީ

ފަސްޓް ލޭޑީ ފާތުން މާދަމާ މާލެ ވަޑައިގަންނަވަނީ

17 އޮކްޓޯބަރ 2018

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމް، މާދަމާ ރާއްޖެ ވަޑައިގަންނަވަން ނިންމާފައިވާކަން "މިހާރު" އަށް ޔަގީން ވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމް، މާދަމާ ރާއްޖެ ވަޑައިގަންނަވަން ނިންމާފައިވާކަން "މިހާރު" އަށް ޔަގީން ވެއްޖެ އެވެ.

އެންމެ ހަގު ފިރިހެން ދަރިކަލުންނާ އެކު އެކަމަނާ ސައުދީ އެއާލައިންގައި ފުރާވަޑައިގަތީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ވަޑައިގެންނެވި ގައުމެއް ރަސްމީކޮށް ހާމަކުރައްވައިފައެއް އެވެ.

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ފިރިކަލުންނަށް ވި ނާކާމިޔާބީއާ ގުޅިގެން ފިއްލެވީ ކަމަށް އަޑުފެތުރިފައިވަނިކޮށް މާދަމާ ހެނދުނުގެ ވަގުތެއްގައި ފަސްޓް ލޭޑީ ފާތުން މާލެ ވަޑައިގަންނަވަން ވަނީ ނިންމަވައިފަ އެވެ.

ފަސްޓް ލޭޑީ ފާތުން ވަޑައިގަތީ އުމްރާ އަކަށް ކަމަށް ވާހަކަ ދެކެވުނު ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން މި ދަތުރުފުޅާ ގުޅޭ ގޮތުން ވާހަކައެއް ނުދެއްކި އެވެ.

ރައީސް ޔާމީނަށް ވެރިކަމުގެ ދެ ވަނަ ދައުރެއް ހޯއްދަވައި ދެއްވަން އެންމެ ބުރަކޮށް މަސައްކަތްޕުޅު ކުރެއްވީ ފަސްޓް ލޭޑީ ފާތުން އެވެ. އެކަމަކު، އިންތިޚާބުގެ ނަތީޖާ އިއުލާން ކުރި ފަހުން އެކަމަނާ އާއްމުންގެ ތެރެއަށް ނުކުމެވަޑައިގެންފައެއް ނުވެ އެވެ. އޭގެ ފަހުން، ސިޔާސީ މަސައްކަތަކުން ވެސް ނުފެނެ އެވެ.

މި ސަރުކާރަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު ފަސްޓް ލޭޑީ ފާތުންއާ އެ ކަންކަމާ ގުޅުވައިގެން ތަފާތު ވާހަކަތައް ދަނީ ދައްކަމުންނެވެ.