Roadha Mihaaru
ޔާމީން މިނިވަންކުރަން ފާތުންއާއެކު ނަޝީދު އަޑުއުފުލައިފި

ޔާމީން މިނިވަންކުރަން ގޮވާލައި ފާތުންއާ އެކު ނަޝީދު އަޑު އުފުލައިފި

04 ސެޕްޓެމްބަރ 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންކުރަން ގޮވާލައި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމާ އެކު މިރޭ އަޑު އުފުލައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންކުރަން ގޮވާލައި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމާ އެކު މިރޭ އަޑު އުފުލައިފި އެވެ.

ޔާމީން މިނިވަންކުރަން މީގެ ކުރިން ވެސް އެކިއެކި ބައްދަލުވުންތަކުގައި ގޮވާލައްވާފައިވާ ނަޝީދު، ފާތުންއާ އެކު އެކަމަށް އަޑު އުފުލީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ހަރަކާތްތަކުގައި ރަސްމީކޮށް ފުރަތަމަ ފަހަރަށް ފާތުން ބައިވެރިވެވަޑައިގަތުމަށް ފަހު، އަނބުރާ ގެ އަށް ހިންގަވާފައި ވަޑައިގެންނެވި މަގުމަތިން ޑިމޮކްރެޓްސް ޕާޓީގެ ހަރުގެ ކުރިމަތިންނެވެ. އޭރު ނަޝީދު ވެސް އުޅުއްވީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެމްޕެއިން ހަރަކާތްތަކުގައި ހަރުގޭގަ އެވެ.

މުއިއްޒުގެ ކެމްޕެއިންގެ ހަރަކާތަށް ފާތުން ވަޑައިގަތީ ކާނިވާ ސަރަހައްދުގައި ހުންނަ ޕީޕީއެމްގެ މައި ޖަގަހަ އަށެވެ. އެ ތަނުގައި އޮތް ބައްދަލުވުމަށް ފަހު ގެ އަށް ވަޑައިގެންނެވި މަގުމަތީގައި ނަޝީދާ ދިމާވެ، ދެ ބޭފުޅުން ސަލާން ކުރެއްވި އެވެ. އަދި ފާތުންއާ އެކު ތިބި ޕީޕީއެމްގެ ސަޕޯޓަރުން ޔާމީން މިނިވަންކުރަން ގޮވަން ފެށުމުން، ވަރަށް ޖޯޝާ އެކު އެ މީހުންނާ ބައިވެރިވެވަޑައިގެން ޔާމީން މިނިވަންކުރަން ނަޝީދު ގޮވާލައްވައި އަޑުގަދަ ކުރެއްވި އެވެ.

ޔާމީންގެ އަނބިކަނބަލުން ފާތުން ޕީޕީއެމްގެ ޖަގަހައަށް މިރޭ ވަޑައިގަތުމުން ސަޕޯޓަރުން މަރުހަބާ ކިޔަނީ.--- ފޮޓޯ: ނިޝާން އަލީ / މިހާރު

ޔާމީންގެ އަނބިކަނބަލުން ފާތުން ޕީޕީއެމްގެ ޖަގަހައަށް މިރޭ ވަޑައިގަތުމުން ސަޕޯޓަރުން މަރުހަބާ ކިޔަނީ.--- ފޮޓޯ: ނިޝާން އަލީ / މިހާރު

ފާތުން އާއި ނަޝީދާ އެކު އޮތް ކްރައުޑް ގުގުމާފައި އޮތީ "ރައީސް ޔާމީން މިނިވަންކުރޭ" އަޑުންނެވެ. އެ މީހުންގެ ފަހަތުން ނަޝީދު ވެސް ޔާމީނާ އެއްކޮޅަށް އަޑު އުފުލީ އެވެ.

ފާތުން ވަނީ ޕީޕީއެމްގެ ޖަގަހަ އަށް ވަޑައިގެން މުއިއްޒަށް ތާއީދު ކުރައްވާކަން ހާމަކުރައްވައިފަ އެވެ. އަދި ޖަގަހަ އަށް އެއްވި ވަރަށް ގިނަ ބަޔަކާ އެ ކަމަނާ ބައްދަލުކުރެއްވި އެވެ.

ޔާމީންގެ ވެރިކަން 2018 ގައި ނިމުނު ފަހުން ސިޔާސީ ކަންކަމާ ދުރުގައި ހުންނެވުމަށް ފަހު، މުއިއްޒުގެ ކެމްޕެއިނުން މިރޭ ފާތުން ފުރަތަމަ ފަހަރަށް ފެނިލި ވަގުތު ކީރިތި ކުރެއްވި މަންޒަރު ވެސް ފެނުނެވެ.

ރިޝްވަތު ގަބޫލު ކުރުމާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރަށް ޖަލާފައިވާ ކުރީގެ ރައީސް ޔާމީން މިނިވަންކުރުމަށް މިދިޔަ ދުވަސްތަކުގައި ނަޝީދު އަޑު އުފުލާފައި ނުވެ އެވެ. އެކަމަށް ނަޝީދު ގޮވާލައްވަން ފެއްޓެވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބާ އެކު ސިޔާސީ މަސްރަހަށް އައިސްފައިވާ ބަދަލުތަކުގެ އޮއިވަރުގެ ތެރޭގަ އެވެ.