Roadha Mihaaru
ފުރަތަމަ ހަ މަހު ނިންމި މައްސަލަތައް އިތުރުވެއްޖެ

ފުރަތަމަ ހަ މަހު ދަށު ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު އިތުރުވެއްޖެ

11 އޯގަސްޓް 2016

މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހާއި އަޅާ ބަލާއިރު މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ދަށު ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު އިތުރުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހާއި އަޅާ ބަލާއިރު މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ދަށު ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު އިތުރުވެއްޖެ އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އާންމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދަށު ކޯޓުތަކުން ނިންމި މައްސަލަތަކަށް ވުރެ މިއަހަރުގެ އެ މުއްދަތުގައި ނިންމި މައްސަލަތަކުގެ އަދަދު ނުވަ ޕަސެންޓް ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ނިމުނީ 9،600 މައްސަލަ ކަމަށް ވިޔަސް މި އަހަރު އެ މުއްދަތުގައިވަނީ 10،500 އަށް ވުރެ ގިނަ މައްސަލަ ނިންމައިފަ އެވެ.

އެހެންވެ، ނުނިމި ހުރި މައްސަލަތަކުގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 15 ޕަސެންޓް ވަނީ ދަށްވެފަ އެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު ދަށު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކަށް ވުރެ މި އަހަރު އެ މުއްދަތުގައި ހުށަހެޅުނު މައްސަލަތައް ވަނީ 15 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ހުށަހެޅުނީ 9،262 މައްސަލަ ނަމަވެސް މިއަހަރު ވަނީ އެ އަދަދު 10،600 އަށް އަރައިފަ އެވެ.

އެ ހިސާބުތައް ދައްކާ ގޮތުން ދަށު ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތައް ވެސް އެ މުއްދަތުގައި ވަނީ 16 ޕަސެންޓަށް ދަށް ކުރެވިފަ އެވެ. އެހެންވެ ފުރަތަމަ ހަ މަސް ނިމުނުއިރު ދަށު ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ 84 ޕަސެންޓަކީ އެއް އަހަރު ނުވާ މައްސަލަތަކެވެ.

ހުށަހެޅު ނުތާ ފަސް އަހަރު ވީއިރު ވެސް ނުނިމި އޮތީ މުޅި ރާއްޖެއިން 93 މައްސަލަ އެވެ.

އެ ހިސާބުތައް ދައްކާ ގޮތުން މާލޭގައި ހުންނަ ސުޕީރިއާ ކޯޓުތަކުގެ ތެރެއިން އަހަރަކަށް ވުރެ ގިނަ ދުވަސްވެފައި ހުރި މައްސަލަތައް އެންމެ ގިނައީ ކްރިމިނަލް ކޯޓުގަ އެވެ. އެ ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ 38 ޕަސެންޓަ އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތަކެވެ.

އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލަ އެންމެ މަދުން ހުރީ ކުޑަކުދިން ކުރާ ކުށުގެ މައްސަލަ ބަލާ ޖުވެނައިލް ކޯޓުގަ އެވެ. އެ ކޯޓުގައި އޮތީ އޭގެ އެންމެ މައްސަލަ އެކެވެ.

ގިނަ ދުވަސްވީ މައްސަލަތައް އަވަހަށް ނިންމަން މިދިޔަ އަހަރު ސުޕްރީމް ކޯޓުން ކޯޓުތަކަށް އެންގުމާ އެކު ގިނަ ދުވަސްވެފައި ހުރި ބޮޑެތި މަދަނީ މައްސަލަތަކާއި ޖިނާއީ މައްސަލަތައް ނިންމާފައިވެ އެވެ. އެކަމަކު އަހަރުތަކެއް ވެފައިވާ ބައެއް މައްސަލަތައް މަދުން ނަމަވެސް ކޯޓުތަކުގައި އެބަހުއްޓެވެ.

މެޖިސްޓްރޭޓް ކޯޓުތަކުގައި ހުރި ގިނަ ދުވަސްވީ މައްސަލަތައް ނިންމަން ފަނޑިޔާރުންގެ ވަފުދުތައް ވެސް އެކި އަތޮޅުތަކަށް ދަނީ ފޮނުވަމުންނެވެ.