Roadha Mihaaru
ވޯޓް ކަރުދާސް ޗާޕްކުރި މައްސަލަ އޭސީސީން ބަލަނީ

ވޯޓް ކަރުދާސް ޗާޕްކުރަން އެމް7 އަށް ދިން މައްސަލަ އޭސީސީން ބަލަނީ

22 އޮކްޓޯބަރ 2018

ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސް ޗާޕްކުރަން ބޮޑު އަގެއްގައި އެމް7 އާ ހަވާލުކުރީ ކޮރަޕްޝަން ހިމެނޭ ގޮތަށް ކަމަށް ބުނެ، ރައީސް އޮފީހުންނާއި ފިނޭންސް މިނިސްޓްރީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހަޅައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސް ޗާޕްކުރަން ބޮޑު އަގެއްގައި އެމް7 އާ ހަވާލުކުރީ ކޮރަޕްޝަން ހިމެނޭ ގޮތަށް ކަމަށް ބުނެ، ރައީސް އޮފީހުންނާއި ފިނޭންސް މިނިސްޓްރީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހަޅައިފި އެވެ.

އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ދެ އޮފީހުން ހުށައެޅުމުގެ ކުރިން، އަމިއްލަ އަށް އިސްނަގައިގެން އޭސީސީން އޮތީ އޭގެ ތަހުގީގު ފަށާފަ އެވެ.

މިދިޔަ މަހު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ބާތިލު ކުރަމަށް ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެންމެ ބޮޑަށް ފާހަގަކުރީ ވެސް ވޯޓު ކަރުދާސް ޗާޕް ކުރުމުގެ މަސައްކަތް، ބިޑް ކުރުމެއް ނެތި އެމް7 އާ ހަވާލުކުރީ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ އެވެ. ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުން ވަނީ އިންތިޚާބު ބާތިލް ކުރަން ޖެހޭ ވަރުގެ ހެއްކެއް ދެއްކިފައިނުވާ ކަމަށް ބުނެ ރައީސް ޔާމީނާ ދެކޮޅަށް ނިންމައިފަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ އިންތިހާބުގެ އެއްވެސް ކަމެއްގައި ކޮރަޕްޝަންގެ އަމަލެއް ނުވަތަ ޖިނާއީ މައްސަލައެއް އުޅޭ ނަމަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅޭނެ ކަމަށެވެ.

ވޯޓު ކަރުދާސް ޗާޕު ކުރަން ދިނީ ކޮރަޕްޝަން ހިމެނޭ ގޮތަށް ކަމަށް ބުނާ ބުނުމަށް ރައްދު ދެއްވައި އިލެކްޝަންސް ކޮމިޝަންގެ ވަކީލް ހުސައިން ޝަމީމް ސުޕްރީމް ކޯޓުގައި ވިދާޅުވެފައި ވަނީ އެކަން ކޮށްފައި ވަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ފިނޭންސް މިނިސްޓަރުގެ ހުއްދަ ވެސް ލިބިގެން ކަމަށެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވެފައިވާ ގޮތުގައި އެ މަސައްކަތް އެމް7 އާ ހަވާލު ކުރުމުގައި އީސީން މާލިއްޔަތު ގަވައިދުގެ ތެރެއިން ނާޖައިޒު ފައިދާތަކެއް ނަގައި ވަކި ބަޔަކަށް މަގުފަހިކޮށްދޭން މަސައްކަތް ކުރި އެވެ.

މިނިސްޓަރުގެ ހައިސިއްޔަތުން އެކަމަށް ހުއްދަ ދެއްވީ އިންތިހާބަކީ ރައްޔިތުންނާ ގުޅުން ބޮޑު ކަމަކަށް ވާތީ އާއި އިންތިޚާބު ލަސްކުރެވެން ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ވޯޓު ކަރުދާސް ޗާޕުކުރީ އެކަމަށް ކުރިމަތިލި ދެ ވަނަ ޗާޕުހާނާ އިން ހުށައެޅި އަގަށް ވުރެ ތިން މިލިއަން ރުފިޔާ ބޮޑުކޮށެވެ. ކުޑަ އަގެއް ހުށަހެޅީ ނޮވެލްޓީންނެވެ. ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ބޮޑު ޗާޕުޚާނާ އިން ހުށަހެޅީ 25 ވޯޓު ކަރުދާސް ހިމެނޭ ފޮތެއް ޗާޕުކުރަން 63.80ރ. އެވެ. އެކަމަކު 25 ކަރުދާސް ހިމެނޭ ފޮތެއް ޗާޕްކުރެވޭނެ އަގަކަށް އެމް7 އިން ހުށަހެޅީ 345.85ރ. އެވެ.

އެމް7ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުއްސައްތާރު ވިދާޅުވެފައިވާ ގޮތުގައި ވޯޓު ކަރުދާސް ޗާޕްކުރުމުގެ އަގު ބޮޑުވީ ސެކިއުރިޓީ ފީޗާސްތައް ހިމެނުމުންނެވެ.