Roadha Mihaaru
މާރިޔާގެ މައްސަލަ މި ވަގުތަށް މަޑުޖައްސާލައިފި

މާރިޔާގެ މައްސަލަ މަޑުޖައްސާލައި ގަވައިދު އިސްލާހު ކުރަނީ

07 މާޗް 2019

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލަ ކުރިއަށް ގެންދެވޭނީ ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނެސްގެން ކަމަށް މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލަ ކުރިއަށް ގެންދެވޭނީ ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނެސްގެން ކަމަށް މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕާޓީ، ޕީޕީއެމް/ކޮންގްރެސް ޕާޓީގެ 14 މެމްބަރުން ސޮއިކުރައްވައި މާރިޔާގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވެއްދީ އިންޑިއާގައި އޮތީ ވަރުގަދަ އަސްކަރިއްޔާއެއް ކަމަށާއި އެއީ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެ ހިފޭވަރުގެ ގައުމެއް ކަމަށް މާރިޔާ ވިދާޅުވުމާ ގުޅިގެންނެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ ވަޒީރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ފުރަތަމަ ފަހަރެވެ. މާރިޔާގެ މައްސަލަ މަޖިލިހުން ކުރިއަށް ނުގެންދާތީ އިދިކޮޅު ބައެއް ބޭފުޅުންގެ ފާޑުކިޔުންތައް ގާސިމަށް ވަނީ އަމާޒުވެފަ އެވެ.

ގާސިމް ވިދާޅުވީ މާރިޔާގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ކުރިއަށް ދެވެން އޮތީ ސުޕްރީމް ކޯޓުން މީގެ ދެ އަހަރު ކުރިން، 2017 ގައި އިމްޕީޗްމަންޓާ ބެހޭ ގޮތުން ކުރި ހުކުމްގައި ހުރި ބައިތައް މަޖިލިހުގެ ގަވައިދަށް އިތުރުކޮށްގެން ކަމަށެވެ.

މަޖިލިހުގެ ގަވައިދަށް އެ ބައި އިތުރު ކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ޑްރާފްޓް ލިބުމާއެކު، އެ ކޮމިޓީ އަށް ފޮނުއްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތަކަކީ އެކަށީގެންވާ ސަބަބުތަކެއް އޮވެގެން ނަގާ ވޯޓަކަށް ވާންޖެހޭނެ ކަމަށާއި އަދި އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރިޔަސް އެކަމުގައި ފަހުގެ ނިންމުން ނިންމާނީ އެ ކޯޓުން ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފުލް ބެންޗުގެ އިއްތިފާގުން ކުރި ހުކުމުގައި ނިންމާފައި ވަނީ އެކަށީގެންވާ ސަބަބެއް ނެތި، ސިޔާސީ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓު ނުނެގޭނެ ކަމަށާއި އިތުބާރު ނެތްކަމުގެ ވޯޓުތަކަކީ އެކަށީގެންވާ ސަބަބުތަކަކަށް ބިނާވެފައިވާ އިމްޕީޗްމެންޓަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެގޮތަށް މަޖިލީހުން ފާސް ކުރިޔަސް އެކަމުގައި ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ހުކުމުގައި ކަނޑައަޅާފައިވެ އެވެ. އެ ހުކުމުގައި ކަނޑައެޅި އެ އުސޫލުތަކަށް މަޖިލީހުން ތަަބާވާން ޖެހޭނެ ކަމަށް ހުކުމުގައި ވެ އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ހުކުމްކުރީ އެކަށީގެންވާ ސަބަބެއް ނެތި، ސިޔާސީ ގޮތުން ވަޒީރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް ލިބިގެން ނުވާ ކަމަށް ކަނޑައަޅައިދޭން އެދި އޭރުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގަ އެވެ. އެ މައްސަލަ ހުށަހެޅީ ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމާ ގުޅޭގޮތުން އޮންނަ ގާނޫނުއަސާސީގެ 101 ވަނަ މާއްދާ މާނަކޮށް، އެގޮތަށް ނިންމައިދިނުން އެދި އެވެ.

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފި ނަމަ، މަޖިލިހުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ ވަޒީރަކަށް އެކަން އަންގަންޖެހެ އެވެ. އަދި އެ ބަހުސްގައި އަނގަ ބަހުންނާއި ލިޔުމުން ދިފާއުވުމުގެ ހައްގު އެ ވަޒީރަކަށް ލިބިވަޑައިގަންނަވަ އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވެފައި ވަނީ އިންޑިއާ އިން ރާއްޖެ ހިފުމުގެ ވިސްނުމެއް ނުގެންގުޅުނު ނަމަވެސް، އެ ގައުމު ބޭނުންވެގެން ރާއްޖެ ހިފަން އުޅޭ ނަމަ، އެކަން ކުރެވޭނެ ކަމަށެވެ. އެކަމަކު، މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި މާރިޔާ ވަނީ އެ ވާހަކައާ މެދު ހިތްހަމަނުޖެހޭ ނަމަ މާފަށް އެދިވަޑައިގެންފަ އެވެ.