Roadha Mihaaru
މަސްވެރިންނާއި ދަނޑުވެރިންގެ ކެމެރާތައް، ތަފާތު ކަމެއް

މަސްވެރިންނާއި ދަނޑުވެރިންގެ ކެމެރާތައް، ވަރަށް ތަފާތު!

01 ނޮވެމްބަރ 2018

ވަރަށް ވެސް ޝައުގުވެރި އެވެ. އެން ހިފުމާއި މަސް ބޭނުމާއި މަސް ކިރުން ފަދަ މަސައްކަތްތައް ވަގުތުން ވަގުތަށް ބަލައިލަންވީ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ވަރަށް ވެސް ޝައުގުވެރި އެވެ. އެން ހިފުމާއި މަސް ބޭނުމާއި މަސް ކިރުން ފަދަ މަސައްކަތްތައް ވަގުތުން ވަގުތަށް ބަލައިލަންވީ އެވެ.

މިހާރު އަދި މާ ސަޅި އެވެ. މިހާރު ހަމައެކަނި މަސްވެރިކަމެއް ނޫނެވެ. ދަނޑުވެރިކަމުގެ އެކި މަރުހަލާގެ މަސައްކަތްތައް ވެސް ދުވަހުން ދުވަހަށް ކުރިއަށް ދާ ގޮތް އެ އޮތީ ފެންނާށެވެ.

މިއީ ދިވެހި މަސްވެރިންނާއި ދަނޑުވެރިން ސޯޝަލް މީޑިއާއަށް އަހުލުވެރިވުމުގެ ނަތީޖާ އެވެ.

ޓްވިޓާ އަދި ފޭސްބުކް ކޮމިއުނިޓީގައި ދިވެހިންނަށް އެންމެ ޝައުގުވެރި ދެ އެކައުންޓްގެ ތެރޭގައި "ގެމަނަފުށީ މަސްވެރިން" އަދި "ތޮއްޑޫ ދަނޑުވެރިން" މިހާރު އެ ދަނީ ހިމެނެމުންނެވެ.

ދިވެހި އިގްތިސާދުގެ ލޭނާރު ކަމަށް ވާ މަސްވެރިކަމަށް މިފަހުން ގިނަ ބަޔަކު ޝައުގުވެރިކުރުވީ، ގއ. ގެމަނަފުށީ ޒުވާން މަސްވެރިޔާ ހަސަން ސާޖިން، 20، އެވެ. އެއީ އޭނާ ދިވެހި މުޖުތަމައުއަށް ކަމެއް ސާބިތުކޮށްދޭން ފެށި މަސައްކަތެކެވެ.

މަސްވެރިކަމުގެ ދިރިއުޅުން--

"ކިޔަވާ ހިތެއްނުވޭ އަބަދުވެސް. އެހެންވެ ޓީޗަރުން ބުނާނެ ތިހެން އުޅެންޏާ މަހަށޭ ދާން ޖެހޭނީ. ދެން ގްރޭޑް ނުވައަކުން ކެނޑިގެން ވަޒީފާއެއް ނުލިބުނީމަ ހަމަ މަހަށް ދާން ޖެހުނީ،" މީގެ ހަތަރު އަހަރު ކުރިން މަސްވެރިކަން ފެށުނު ގޮތް ސާޖިން ކިޔައިދިނެވެ.

"ދާން ޖެހޭނީ މަހަށޭ" ބައެއް މީހުން ބުނެ އުޅެނީ އަނެކަކު ދެރަކޮށްލުމުގެ ގޮތުންނެވެ. އެކަމަކު މަސްވެރިކަމަކީ އެގޮތަށް ހަޖޫ ޖެހޭ ވަރަށް ވުރެ ދިވެހިންނަށް މާ ޚާއްސަ މަސައްކަތެއްކަން ސާޖިންއަށް ވިސްނެ އެވެ. އެހެންކަމުން އޭނާގެ އަޒުމަކަށް ވީ މަސްވެރިކަމަކީ ޒަމާނީ މަސައްކަތެއް ކަން އެހެން ޒުވާނުންނަށް ވެސް ކިޔައިދޭށެވެ.

ދުވަސްވީ މަސްވެރިންނަށް ބޭއްވި ހާއްސަ އިވެންޓެއް--

"އަޑުއިވިފައި މިއޮންނަނީ މަސްވެރިކަމަކީ ދުވާލު އެއްއިރު ކައިގެން، ބާ ޓީޝާޓްގަނޑެއް ލައިގެން ކުރާ ކަމެއްގެ ގޮތުގައި. އެހެންވެ ޒުވާނުން މިކަން ކުރަން ބޭނުމެއް ނުވޭ. އެކަމަކު އެއީ ހަގީގަތެއް ނޫންކަން ދައްކަން މިކަން ފެށީ،" ސާޖިން ބުންޏެވެ.

މީގެ ތިން އަހަރު ކުރިން އޭނާ ފެށި މަސައްކަތުން މަސްވެރިންގެ ދިރިއުޅުން ކޮންމެ ދުވަހަކު ވެސް ދައްކުވައިދެ އެވެ. ފަތިހު އެން ހިފުމުން ފެށިގެން ގޮސް ދޯނީގައި ކާކެއުންތަކާއި ކަނޑުމަތިން ފެންނަ ރީތި މަންޒަރުތަކާއި މަސްވެރިކަމުގެ އުފާވެރި މަންޒަރުތަކުގެ ވީޑިއޯ އާއި ފޮޓޯ ފޭސްބުކް މެދުވެރިކޮށް އާއްމުންނާ ހަމައަށް ގެނެސްދެ އެވެ. އެއިން ދޭހަކޮށްދެނީ ޒަމާނީ ވަސީލަތްތަކާ އެކު މަސްވެރިކަމަށް އައިސްފައިވާ ބަދަލުތަކެވެ.

މަސްވެރިންގެ ތަޖުރިބާތައް ކުދިކުދި ވީޑިއޯތަކުގެ ސިފައިގައި ގެނެސްދެ އެވެ. މަސް ކަނޑާ ގޮތުގެ ހުނަރުތައް ދައްކާލަ އެވެ. މިއީ ދިވެހި މަސްވެރިކަމާ ބެހޭ ޑޮކިއުމެންޓްރީއެއް ބެލުން ފަދަ ކަމެކެވެ.

އިހުގެ މަސްވެރިންގެ ހަރަކާތް ދައްކުވައިދެނީ--

މިހާރު އެއީ ވަރަށް އަޕްޑޭޓް ޕޭޖެކެވެ. މަސްވެރިންގެ މަސައްކަތް ކަނޑު އަޑިން ވެސް ގެނެސްދެ އެވެ. ގޯޕްރޯ އާއި މަންޒަރު ސާފު ކެމެރާތައް ބޭނުންކުރެ އެވެ.

އެ ޕޭޖް އަޕްޑޭޓްކުރުމަކީ މިހާރު އެތައް ބައެއްގެ މަސައްކަތެވެ. ސާޖިން އެކަނި އޭނާގެ ފޯނުން ކުރަން ފެށި މަސައްކަތް އެ އޮތީ ފުޅާވެފަ އެވެ. އޭނާގެ އެކުވެރިންގެ އިތުރުން މިއަދު އާއިލާގެ އެހީތެރިކަން ވެސް ވަނީ ލިބެން ފަށައިފަ އެވެ. އާއްމުންގެ ތަރުހީބާ އެކު އެކަން ވަނީ ޓްވިޓާ އާއި ޔޫޓިއުބް އަދި އިންސްޓަގުރާމަށް ވެސް ލައިފަ އެވެ. ނަތީޖާ ވަރަށް ވެސް ރަނގަޅެވެ.

"މީގެ ފަސް އަހަރު ކުރިން އަހަރެން މަސްވެރިކަން ފެށިއިރު [ރަށުގެ] ޒުވާނުން މަހަކަށް ނުދޭ. މިހާރު ގެމެނަފުށީ މަސްވެރިންގެ ތެރެއިން 95 ޕަސެންޓަކީ ޒުވާނުން. ރިސޯޓްތަކާއި ޓީޗަރުންގެ ގޮތުގައި އުޅުމަށް ވުރެ މުސާރަ ބޮޑު،" ސާޖިން ބުންޏެވެ.

"މަސްވެރިއަކަށް މަހަކު އާއްމު ގޮތެއްގައި 30،000ރ. އާއި 40،000ރ.ގެ އާމްދަނީއެއް ލިބޭ. އެހެންވީމަ މާ ސަޅިއެއްނު!"

ގެމަނަފުށީ މަސްވެރިން މަސް ބޭނުމުގައި-- ފޮޓޯ: ޓްވިޓާ

ގެމަނަފުށީ މަސްވެރިން މަސް ބޭނުމުގައި-- ފޮޓޯ: ޓްވިޓާ

މިހާރު ސާޖިން އަކީ މަސްވެރިއެއްގެ އިތުރުން ކެމެރާމަނެއް ވެސް މެ އެވެ. އޭނާ މަސް ބާނަން ހުންނަނީ ބޮލުގައި ގޯޕްރޯ އަޅުވައިގެންނެވެ.

ސާޖިންގެ އެ މަސައްކަތް ފެނި ހިތްވަރު ލިބުނު ބަޔަކީ ތޮއްޑޫ ޒުވާން ދަނޑުވެރިންނެވެ. ދާދި ފަހުން އެ ޒުވާނުން މިވަނީ ތޮއްޑޫ ދަނޑުވެރިންގެ ނަމުގައި ޓްވިޓާ އެކައުންޓެއް ހަދައި އެ މަސައްކަތުގެ މަންޒަރުތަކާއި އެންމެ ފަހުގެ ކަންކަން ގެނެސްދޭން ފަށައިފަ އެވެ.

ތޮއްޑޫ ދަނޑުވެރިޔަކު ޓޫރިސްޓުންގެ ބަޔަކާ ވާހަކަ ދައްކަނީ -- ފޮޓޯ: ޓްވިޓާ

ތޮއްޑޫ ދަނޑުވެރިޔަކު ޓޫރިސްޓުންގެ ބަޔަކާ ވާހަކަ ދައްކަނީ -- ފޮޓޯ: ޓްވިޓާ

އެކަން ކުރާ ޒުވާން ދަނޑުވެރިޔާ ވިޝާލް، 29، ބުނީ އޭނާގެ އަޒުމަކީ ދަނޑުވެރިކަމަށް ޒުވާނުން ހޭލުންތެރިކޮށް، ޝައުގުވެރިކުރުވުން ކަމަށެވެ. އެ ޓުވިޓާ އެކައުންޓަށް މަހެއްހާ ދުވަސް ވީ އިރު އާއްމުންގެ ތަރުހީބު ވަރަށް ބޮޑެވެ.

ދަނޑުވެރިކަމާ ގުޅުން ހުރި ތަފާތު މައުލޫމާތު ލިބެން އެބަ ހުއްޓެވެ. ފަތްޕިލާވެއްޔާއި ތޮއްޑުއަށް ހާއްސަ ކަރާގެ އިތުރުން ފަޅޯ ފަދަ ތަކެތީގެ މައުލޫމާތެވެ. ދަނޑުތަކުގެ ހިތްގައިމު ފެހި ފޮޓޯތަކާއި މަންޒަރުތަކެވެ.

ތޮއްޑޫ ދަނޑުވެރިކަން--

"ކަންކުން ފަތާ ބެހޭ ޕޯސްޓެއް ކުރީމަ ވަރަށް ގިނަ މީހުން ޕޭޖަށް މެސެޖް ވެސް ކުރޭ ބޭނުންވެގެން. މީހުން އަސްލު ވަރަށް އިންޓްރެސްޓް ހުރޭ،" ވިޝާލް ބުންޏެވެ.

ކުރިއަށް އޮތް ތަނުގައި ގަސްގަހަށް ޖެހޭ ބަލިތަކާއި އެކަން ހައްލު ކުރާނެ ގޮތް ގެނެސްދޭން ވިޝާލް ހުރީ ރާވައިފަ އެވެ. އަދި ބައެއް ވައްތަރުގެ ދަނޑުވެރިކަން ކުރާ ގޮތް ކިޔައިދޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ކަނޑުމަތީގަ އާއި ދަނޑުތަކުގައި ދިވެހި ޒުވާނުން އުޅޭ ގޮތް ދެނެގަންނަން މިއަދު އުނދަގުލެއް ނޫނެވެ. ސާޖިން އާއި ވިޝާލް ފަދަ ޒުވާނުން އެ ގެންދަނީ މުޅި މަންޒަރު ބަދަލުކޮށްލަމުންނެވެ.