Roadha Mihaaru
ކެމްޕޭން ދަތުރުގެ 4.8 މިލިއަން ޕީޕީއެމުން ނުދެއްކި

ރައީސްގެ ކެމްޕޭން ދަތުރުގެ 4.8 މިލިއަން ރުފިޔާ ހޯދަން އައިލޭންޑް އޭވިއޭޝަނުން އީސީ އަށް

31 އޮކްޓޯބަރ 2018

ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ދެ ވަނަ ދައުރަކަށް ހޮވުމަށް، އެ މަނިކުފާނަށް ތާއީދު ހޯދަން ޕީޕީއެމުން ރަށްތަކަށް މޯލްޑިވިއަންގެ ފްލައިޓްތަކުގައި ކުރި ދަތުރުތަކަށް ހޭދަވި، 4.8 މިލިއަން ރުފިޔާ ނުދައްކާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ދެ ވަނަ ދައުރަކަށް ހޮވުމަށް، އެ މަނިކުފާނަށް ތާއީދު ހޯދަން ޕީޕީއެމުން ރަށްތަކަށް މޯލްޑިވިއަންގެ ފްލައިޓްތަކުގައި ކުރި ދަތުރުތަކަށް ހޭދަވި، 4.8 މިލިއަން ރުފިޔާ ނުދައްކާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އައިލެންޑް އޭވިއޭޝަނުން ވަނީ އެ މައްސަލަ ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި، ފިނޭންސް މިނިސްޓްރީ އާއި އިލެކްޝަންސް ކޮމިޝަން ހިމެނެ އެވެ.

އެކަމަކު އިލެކްޝަންސް ކޮމިޝަނުން މިކަމާ ގުޅޭ ގޮތުން ވާހަކައެއް ނުދެއްކި އެވެ.

އެނގިފައިވާ ގޮތުގައި، އައިލެންޑް އޭވިއޭޝަނުން އިލެކްޝަންސް ކޮމިޝަންގައި އެދިފައިވަނީ ޕީޕީއެމްގެ މެމްބަރުން ކެމްޕޭންގެ ތެރޭގައި ވައިގެ މަގުން ކުރެއްވި ދަތުރުތަކަށް ހޭދަވި 4.8 މިލިއަން ރުފިޔާ، ދައުލަތުގެ ބަޖެޓުން ޕީޕީއެމަށް ދޭން ޖެހޭ ފައިސާ އިން އުނިކޮށް، އެ ފައިސާ އެ ކުންފުންޏަށް ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށެވެ.

ކެމްޕޭން ދަތުރުތައް ކުރުމަށް ޕީޕީއެމުން އައިލެންޑް އޭވިއޭޝަނާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަން އެ ޕާޓީގައި ތަކުރާރުކޮށް އެ ކުންފުނިން އެދުނެވެ. މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅީ، އެ ޕާޓީން ޖަވާބެއް ނުލިބުމުން ކަމަށް ވެ އެވެ.

ޕީޕީއެމްގެ މެމްބަރުން ކުރި ދަތުރުތަކަށް ފައިސާ ހޯދަން އެދުނު އިރު، ކެމްޕޭންގައި ރައީސް ޔާމީން ގިނަ ރަށްތަކަށް ވަޑައިގަތީ، މަޝްރޫއުތަކުގެ ނިމުން ފާހަގަކުރެއްވުމުގެ ނަމުގައި ދައުލަތުގެ ޚަރަދުގަ އެވެ. އެ މައްސަލައިގައި އާއްމުންގެ ނުރުހުން އަމާޒުވުމުން، ރައީސް އޮފީހުން ބުނެފައި ވަނީ އެ ދަތުރުފުޅުތަކުގައި އޮންނާނީ މުޅިން ވެސް ރައްޔިތުންނާ ގުޅިފައިވާ ރަސްމީ ހަރަކާތްތައް ކަމަށެވެ. އެކަމަކު، ހުރިހާ ދަތުރުފުޅެއްގައި ވެސް އެ މަނިކުފާނަށް ތާއީދުކޮށް، ވޯޓު ދޭން އެދިވަޑައިގަންނަވާ މައްސަލަ ފާހަގަކޮށް، އިދިކޮޅު ޕާޓީތަކުން އެ މައްސަލަ ބަލައިދޭން ވެސް ކަމާ ބެހޭ ފަރާތްތަކުގައި އެދުނެވެ.

ޕީޕީއެމުން އައިލެންޑް އޭވިއޭޝަނަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ޕީޕީއެމްގެ ބަޖެޓުން އުނިކޮށްދޭން މި އެދުނީ، އެ ޕާޓީ ގާނޫނީ މައްސަލަތަކެއްގެ ތެރޭގައި އޮއްވަ އެވެ. ކުއްލި ކޮންގްރެސްއަކުން ޕާޓީގެ ރައީސް ކަމަށް ރައީސް ޔާމީން ހޮވާފައިވީ ނަމަވެސް، އިންތިޚާބުކުރި ރައީސްގެ ހައިސިއްޔަތުން ޕާޓީގެ ރައީސަކީ އަދިވެސް ތިމަން މަނިކުފާނު ކަމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގެންދަވަނީ ވިދާޅުވަމުންނެވެ.

އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.

ޕާޓީގެ ބާރުތައް، މައުމޫނާ ހަވާލު ކޮށްދިނުމަށް އެދި އެ ޕާޓީގެ އާއްމު މެންބަރަކު ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށް، އެ ޕާޓީއާ ގުޅޭ އެހެން މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުގައި އޮތް މައްސަލައިގެ ފައިލް ވަނީ ސުޕްރީމް ކޯޓަށް ގެންގޮސްފަ އެވެ.