Roadha Mihaaru
ދަތުރު ޚަރަދު ޕީޕީއެމްގެ ބަޖެޓުން އުންޏެއް ނުކުރާނެ

އައިލެންޑް އޭވިއޭޝަނަށް ޕީޕީއެމުން ދޭންޖެހޭ ފައިސާ ބަޖެޓުން އުންޏެއް ނުކުރެވޭނެ: އީސީ

31 އޮކްޓޯބަރ 2018

ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން ދަތުރުތަކަށް، ޕީޕީއެމުން އައިލެންޑް އޭވިއޭޝަނަށް ދައްކަން ޖެހޭ 4.8 މިލިއަން ރުފިޔާ، އެ ޕާޓީ އަށް ދައުލަތުން ދޫކުރާ ފައިސާގެ ތެރެއިން އުނިކުރެވެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން ދަތުރުތަކަށް، ޕީޕީއެމުން އައިލެންޑް އޭވިއޭޝަނަށް ދައްކަން ޖެހޭ 4.8 މިލިއަން ރުފިޔާ، އެ ޕާޓީ އަށް ދައުލަތުން ދޫކުރާ ފައިސާގެ ތެރެއިން އުނިކުރެވެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.

ރައީސް ޔާމީނަށް ތާއީދު ހޯދަން ރަށްތަކަށް ޕީޕީއެމްގެ މެމްބަރުން ވައިގެ މަގުން ކުރި ދަތުރުތަކަށް 4.8 މިލިއަން ރުފިޔާ ހޭދަވެ، އެއްބަސްވުމާ އެއްގޮތަށް އެ ފައިސާ ދައްކަން އައިލެންޑް އޭވިއޭޝަނުން ތަކުރާރުކޮށް ޕީޕީއެމްގައި އެދުނެވެ. އެކަމަކު އެއްބަސްވުމާ އެއްގޮތަށް، ފައިސާ ނުދެއްކުމުން އައިލެންޑް އޭވިއޭޝަނުން ވަނީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނާއި ފިނޭންސް މިނިސްޓްރީ އަށް ވެސް ހުށަހަޅައިފަ އެވެ.

އެ ކުންފުނިން އީސީގައި އެދުނީ، ދަތުރުތަކަށް ހޭދަވި ފައިސާ ދައުލަތުގެ ބަޖެޓުން ޕީޕީއެމަށް ދޭން ޖެހޭ ފައިސާ އިން އުނިކޮށް، އެ ފައިސާ އައިލެންޑް އޭވިއޭޝަނަށް ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށެވެ.

މިކަމާ ގުޅޭ ގޮތުން ކޮމިޝަނުގެ ބައްދަލުވުމެއް މިއަދު ބާއްވައި ނިންމީ، އައިލެންޑް އޭވިއޭޝަނުން އެދުނު ގޮތަށް އެކަން ހަމަޖައްސަވައި ދެވެން ނެތް ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ރައީސް ޔާމީން ފުވައްމުލަކުގައި: ވައިގެމަގުން ޕީޕީއެމްގެ މެމްބަރުން ކުރި ދަތުރުތަކަކަށް އެ ޕާޓީން ފައިސާ ނުދެއްކި މައްސަލައެއް ވަނީ ފެންމަތިވެފައި.  .---ފޮޓޯ: ރައީސް އޮފީސް

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ރައީސް ޔާމީން ފުވައްމުލަކުގައި: ވައިގެމަގުން ޕީޕީއެމްގެ މެމްބަރުން ކުރި ދަތުރުތަކަކަށް އެ ޕާޓީން ފައިސާ ނުދެއްކި މައްސަލައެއް ވަނީ ފެންމަތިވެފައި. .---ފޮޓޯ: ރައީސް އޮފީސް

ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ އައިލެންޑް އޭވިއޭޝަނުން އެދުނު ގޮތަށް ފައިސާ އުނިކުރުމަކީ ގާނޫނީ ގޮތުން އެ ކޮމިޝަނަށް އަދި ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ. އެހެންވެ އެ ފައިސާ ޕީޕީއެމްގެ ބަޖެޓުން އުނި ނުކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ މެމްބަރުން ކުރި ދަތުރުތަކަށް އައިލެންޑް އޭވިއޭޝަނުން ފައިސާ ހޯދަން އެދުނު އިރު، ކެމްޕޭންގައި ރައީސް ޔާމީން ގިނަ ރަށްތަކަށް ވަޑައިގަތީ، މަޝްރޫއުތަކުގެ ނިމުން ފާހަގަކުރެއްވުމުގެ ނަމުގައި ދައުލަތުގެ ޚަރަދުގަ އެވެ. އެ މައްސަލައިގައި އާއްމުންގެ ނުރުހުން އަމާޒުވުމުން، ރައީސް އޮފީހުން ބުނެފައި ވަނީ އެ ދަތުރުފުޅުތަކުގައި އޮންނާނީ މުޅިން ވެސް ރައްޔިތުންނާ ގުޅިފައިވާ ރަސްމީ ހަރަކާތްތައް ކަމަށެވެ. އެކަމަކު، ހުރިހާ ދަތުރުފުޅެއްގައި ވެސް އެ މަނިކުފާނަށް ތާއީދުކޮށް، ވޯޓު ދޭން އެދިވަޑައިގަންނަވާ މައްސަލަ ފާހަގަކޮށް، އިދިކޮޅު ޕާޓީތަކުން އެ މައްސަލަ ބަލައިދޭން ވެސް ކަމާ ބެހޭ ފަރާތްތަކުގައި އެދުނެވެ.

ޕީޕީއެމުން އައިލެންޑް އޭވިއޭޝަނަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ޕީޕީއެމްގެ ބަޖެޓުން އުނިކޮށްދޭން މި އެދުނީ، އެ ޕާޓީ ގާނޫނީ މައްސަލަތަކެއްގެ ތެރޭގައި އޮއްވަ އެވެ. ކުއްލި ކޮންގްރެސްއަކުން ޕާޓީގެ ރައީސް ކަމަށް ރައީސް ޔާމީން ހޮވާފައިވީ ނަމަވެސް، އިންތިޚާބުކުރި ރައީސްގެ ހައިސިއްޔަތުން ޕާޓީގެ ރައީސަކީ އަދިވެސް ތިމަން މަނިކުފާނު ކަމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގެންދަވަނީ ވިދާޅުވަމުންނެވެ.

އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.