Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

02 ނޮވެމްބަރ 2018

މި އަހަރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި ސިނަމާތަކަށް އަންނަން ހުރި ބޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން ގިނަ ބަޔަކު އެންމެ އިންތިޒާރު ކުރާ އެއް ފިލްމަކީ އަންނަ މަހުގެ 21 ގައި ރިލީޒްކުރާ، ޝާހްރުކް ހާންގެ "ޒީރޯ" އެވެ. އޭނާ ޑްވާފެއްގެ ރޯލުން ފެނިގެންދާ މި ފިލްމަކީ އާނަންދު އެލް ރާއީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި ސިނަމާތަކަށް އަންނަން ހުރި ބޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން ގިނަ ބަޔަކު އެންމެ އިންތިޒާރު ކުރާ އެއް ފިލްމަކީ އަންނަ މަހުގެ 21 ގައި ރިލީޒްކުރާ، ޝާހްރުކް ހާންގެ "ޒީރޯ" އެވެ. އޭނާ ޑްވާފެއްގެ ރޯލުން ފެނިގެންދާ މި ފިލްމަކީ އާނަންދު އެލް ރާއީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

"ޒީރޯ" އިން ޝާހްރުކްއާ އެކު ބަތަލާއިންގެ ގޮތުގައި ފެނިގެން ދާނީ އަނުޝްކާ ޝަރްމާ އާއި ކެޓްރީނާ ކެއިފެވެ. މިއީ ޔާޝް ޗޯޕްޅާގެ ފަހު ފިލްމު އަދި 2012 ގެ "ޖަބް ތަކް ހެ ޖާން" އަށް ފަހު، މި ތިން ތަރިން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. ޝާހްރުކްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު އަނުޝްކާއާ އެކު ކުޅުނު "ޖަބް ހެރީ މެޓް ސޭޖަލް" އެވެ.

"ޒީރޯ" ގެ ޕޯސްޓަރުތަކެއް ދައްކާލައިފި

ހުކުރު ދުވަހު ފާހަގަ ކުރާ ޝާހްރުކްގެ 53 ވަނަ އުފަން ދުވަހާ ދިމާކޮށް "ޒީރޯ" ގެ ޓްރެއިލާ ދައްކައިލަން ނިންމާފައި ވަނިކޮށް، ފިލްމުގެ އާ ދެ ޕޯސްޓަރެއް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. އެއް ޕޯސްޓަރުގައި ޝާހްރުކް ފެންނަނީ އިސްކޮޅުން ދިގު ކެޓްރީނާއާ އެކުގަ އެވެ. އަނެއް ޕޯސްޓަރުގައި ފެންނަނީ އިސްކޮޅުން "ބަރާބަރު" ވާނެ ކަމަށް ބެލެވޭ އަނުޝްކާއާ އެކުގަ އެވެ. ޕޯސްޓަރުން ފެންނަ ގޮތުގައި އަނުޝްކާ ކުޅެފައި ވާނީ ނުކުޅެދޭ މީހެއްގެ ރޯލެވެ. އޭނާ އިންނަނީ ފުރޮޅުލީ ގޮނޑިއެއްގަ އެވެ.

"ޒީރޯ" ގެ ޕޯސްޓަރުތަކެއް.

"ޒީރޯ" އަށް އެންމެ އުންމީދު ކުރެވޭ އެއް ސަބަބަކީ ފިލްމުގެ ކޮންސެޕްޓް ވަރަށް ތަފާތު ވާނެ ކަމަށް ބެލެވުމެވެ. މިހާތަނަށް އަދި މިއީ ކިހިނެއްވާ ފިލްމެއް ކަމެއް ނޭނގެ އެވެ.

އަނެއްކޮޅުން އާނަންދުއަކީ ވަރަށް ކާމިޔާބު އަދި އެހާމެ ރީތި ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސް ދީފައިވާ ޑައިރެކްޓަރެކެވެ. އޭގެ ތެރޭގައި "ރާންޖަނާ" އާއި "ތަނޫ ވެޑްސް މަނޫ" ފާހަގަކޮށްލެވެ އެވެ.

"މުޝްކިލް" އަކީ ވެސް ބިރުވެރި ފިލްމެއް

އަންނަ އަހަރު ރިލީޒް ކުރާ ބިރުވެރި ފިލްމު "މުޝްކިލް" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ. ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީހެއް އަދި ރަސްމީކޮށް ނުނިންމަ އެވެ.

"މުޝްކިލް" ގެ ޕޯސްޓަރެއް.

"މުޝްކިލް" ގެ މުހިއްމު ރޯލްތަކުން ފެނިގެން ދާނީ ކުނާލް ރޯއި ކަޕޫރާއި ރަޖްނީޝް ޑުއްގަލް އެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ރަޖީވް އެސް ރުއިއާ އެވެ.

ދިވްޔަންކާ ވެބް ސީރީޒަކަށް

ސްޓާ ޕްލަސް އިން މިހާރު ދައްކާ ޓީވީ ސިލްސިލާ "ޔޭ ހޭ މޮހައްބަތޭން" ގައި އިޝިތާގެ ރޯލް ކުޅޭ މަޝްހޫރު ބަތަލާ ދިވްޔަންކާ ތުރިޕަތީ ވެބް ސީރިޒަކަށް ސޮއިކޮށްފި އެވެ.

އެކްތާ ކަޕޫރްގެ ޑިޖިޓަލް ޕްލެޓްފޯމް އޯލްޓް ބަލާޖީން ގެނެސްދޭ މި ވެބް ސީރީޒަކީ ޝެފެއްގެ ވާހަކަ ކިޔައިދޭ އެއްޗެކެވެ. ދިވްޔަންކާ ވަނީ އިންސްޓަގްރާމްގައި ސިރީޒްގެ ޕޯސްޓަރުތަކެއް ހިއްސާކޮށްފަ އެވެ. އޭގައިވާ ގޮތުން މިއަށް ދީފައިވާ ނަމަކީ "ގޯލްޑް ލައްސީ އޯރް ޗިކެން މަސާލާ" އެވެ.

"ގޯލްޑް ލައްސީ އޯރް ޗިކެން މަސާލާ" ގެ ޕޯސްޓަރު.

މީގައި އޭނާއާ އެކު ބަތަލުގެ ރޯލުން ފެނިގެން ދާނީ ރަޖީވް (ސޫޖަލް) ކަންޑެލްވާލް އެވެ. ރިޕޯޓްތައް ބުނާ ގޮތުން "ގޯލްޑް ލައްސީ އޯރް ޗިކެން މަސާލާ" ސްޓްރީމް ކުރަން ފަށާނީ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

އިމްތިއާޒުގެ ފިލްމުގައި ސާރާ

"ޖަބް ވީ މެޓް" އާއި "ލަވް އާޖް ކަލް" ފަދަ ރީތި ފިލްމުތައް ގެނެސް ދިން އިމްތިއާޒު އަލީގެ އާ ފިލްމާ ބެހޭ ގޮތުންދެކެވޭ ވާހަކަތައް ލައްކަ ގިނަ އެވެ. ކުރިން އަޑުތައް އެރި ގޮތުން އޭގެ ސްކްރިޕްޓާ ދޭތެރޭ ހިތްހަމަނުޖެހިގެން، ޝާހިދު ކަޕޫރް ފިލްމު ދޫކޮށްލުން ރާޖްކުމާރް ރާއޯ އަށް ވެސް ފިލްމު ހުށަހެޅި އެވެ.

އެކަމަކު މީޑިއާތަކުން މިހާރު ބުނަނީ އެ ފިލްމުގެ ބަތަލަކީ ކާތިކް އާރިޔަން ކަމަށެވެ. އަދި އޭނާއާ އެކު ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެން ދާނީ ޑިޝާ ޕަޓްނީ ކަމަށްވެ އެވެ.

ކާތިކް އަދި ސާރާ: އިމްތިއާޒުގެ އާ ފިލްމުގެ ލީޑުން ފެންނާނެ ކަމަށްވޭ.

ކާތިކް އަދި ސާރާ: އިމްތިއާޒުގެ އާ ފިލްމުގެ ލީޑުން ފެންނާނެ ކަމަށްވޭ.

ނަމަވެސް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން މިހާރު ބުނާ ގޮތުގައި ކާތިކްއާ އެކު ފިލްމުގައި ބަތަލާގެ ރޯލް ކުޅޭނީ ސާރާ އަލީ ހާނެވެ. އެހެންވެއްޖެ ނަމަ މިއީ "ލަވް އާޖް ކަލް" ގައި ސައިފްއާ އެކު މަސައްކަތް ކުރުމަށް ފަހު، އޭނާގެ ދަރިފުޅު ސާރާއާ އެކު އިމްތިއާޒު މަސައްކަތް ކުރާނެ ފުރަތަމަ ފިލްމަށް ވާނެ އެވެ.

ސާރާ ބޮލީވުޑަށް ތައާރަފުވާ ފިލްމު "ކެދަރުނާތު" އަންނަ މަހުގެ 7 ގައި ރިލީޒް ކުރަން ނިންމާފައިވާ އިރު، އޭނާގެ ދެވަނަ ފިލްމު "ސިމްބާ" ޑިސެމްބަރު 28 ގައި ސިނަމާތަކަށް އަންނާނެ އެވެ.