Roadha Mihaaru
"ޒީރޯ" ގެ ރޯލް ކުޑަވުމަކުން މައްސަލައެއް ނެތް: ކެޓްރީނާ

"ޒީރޯ" ގެ ރޯލް ކުޑަވުމަކުން މައްސަލައެއް ނެތް: ކެޓްރީނާ ކެއިފް

20 ޑިސެމްބަރ 2018

މާދަމާ ރިލީޒް ކުރާ ފިލްމު "ޒީރޯ" ގައި ކުޅެން ލިބުނު ރޯލް ކުރު ނަމަވެސް އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށާއި ފިލްމަށް އެއްބަސްވި މައިގަނޑު ސަބަބަކީ ފިލްމުގެ ޑައިރެކްޓަރު އާނަންދު އެލް ރާއީއާ އެކު މަސައްކަތްކޮށްލަން ބޭނުންވުން ކަމަށް ބަތަލާ ކެޓްރީނާ ކެއިފް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މާދަމާ ރިލީޒް ކުރާ ފިލްމު "ޒީރޯ" ގައި ކުޅެން ލިބުނު ރޯލް ކުރު ނަމަވެސް އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށާއި ފިލްމަށް އެއްބަސްވި މައިގަނޑު ސަބަބަކީ ފިލްމުގެ ޑައިރެކްޓަރު އާނަންދު އެލް ރާއީއާ އެކު މަސައްކަތްކޮށްލަން ބޭނުންވުން ކަމަށް ބަތަލާ ކެޓްރީނާ ކެއިފް ބުނެފި އެވެ.

ޝާހްރުކް ހާން ޑްވާފެއްގެ ރޯލުން ފެނިގެންދާ ފިލްމުގައި ކެޓްރީނާ ކުޅޭނީ ރަލަށް ދެވި ހިފާފައިވާ ބަބީތާ ކުމާރީ ކިޔާ މަޝްހޫރު ފިލްމީ ބަތަލާއެއްގެ ރޯލެވެ.

މިދިޔަ މަހު ރިލީޒް ކުރި "ތަގްސް އޮފް ހިންދުސްތާން" ގައި ވެސް ކުރު ރޯލެއް ކުޅުނު ކެޓްރީނާ ޑީއެންއޭ އަށް ބުނީ އޭނާއަކީ އެއް އިރެއްގައި ވެސް ރޯލްގެ ދިގު މިނަށް ބަލައިފައި ފިލްމުތަކަށް އެއްބަސްވާ މީހެއް ނޫން ކަމަށެވެ.

"އަހަރެންގެ ރޯލަށް ވުރެ ފިލްމުގައި އުޅޭ އެހެން ބަތަލާއެއްގެ ރޯލް ދިގުވެގެން އެކަމާ ހިތްހަމަނުޖެހޭތީ އަހަރެން ފިލްމުތައް ދޫކޮށެއް ނުލަން. ފިލްމަކަށް އަހަރެން އެއްބަސް ވަނީ ކުޅެން ލިބޭ ކެރެެކްޓާގެ މުހިއްމުކަމަށް ބަލާފައި،" ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބަތަލާ ބުންޏެވެ. "ޒީރޯ އަށް އަހަރެން އެއްބަސްވި މައިގަނޑު އެއް ސަބަބަކީ އާނަންދު ސާއާ އެކު މަސައްކަތްކޮށްލަން ބޭނުންވެފައި ހުރުން. އެއީ އަހަރެން ވަރަށް ގަޔާވާ އަދި ވަރަށް އިހުތިރާމް ކުރާ ޑައިރެކްޓަރެއް."

ކެޓްރީނާ ބުނި ގޮތުގައި ވަކި މީހެއްގެ ކެރެކްޓާއަކަށް ވަކިން ނަޒަރު ހުއްޓުމުގެ ބަދަލުގައި އޭނާ އަބަދު ވެސް ބަލަނީ މުޅި ފިލްމަށް ކަމަށެވެ.

"އަހަންނަށް ވަރަށް ޔަގީންކަން އެބައޮތް ޒީރޯގައި އަހަރެން ކުޅެފައިވާ ކެރެކްޓާގެ މުހިއްމުކަން ބެލުންތެރިންނަށް ވަޒަން ކުރެވޭނެކަން. މީގައި ބަލާކަށް މުހިއްމެއް ނޫން ފިލްމުގައި ކިތައް މިނިޓަށްތޯ އަހަރެން ދައްކައިލީ،" އޭނާ ބުންޏެވެ. "ޒީރޯ އަށް ކުޅެން އަހަންނަށް ދެން އެންމެ ބޮޑަށް ހިތްވަރު ދިން މީހަކީ ޝާހްރުކް."

"ޒީރޯ" އަކީ ޝާހްރުކްއާ އެކު ކެޓްރީނާ ކުޅުނު ދެވަނަ ފިލްމެވެ. މި ފިލްމުގެ އަނެއް ބަތަލާ އަނުޝްކާ އާއި ކެޓްރީނާ ވަނީ 2012 ވަނަ އަހަރު ރިލީޒް ކުރި ޔާޝް ޗޯޕްޅާގެ ފަހު ފިލްމު "ޖަބް ތަކް ހެ ޖާން" ގައި މަސައްކަތްކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން 164 މިނިޓްގެ "ޒީރޯ" ގައި ކެޓްރީނާ ފެނިގެން ދާނީ 25 ވަރަކަށް މިނިޓަށެވެ.